ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ ލޯބިވާވަރު ބޮޑުކަމުން އިތުބާރުކޮށް ހުސްގަނޑުގަ ސޮއިކޮށްދިނީމާ އަނބިމީހާގެ ވިޔަފާރިއަށް ވެރިވެގަންނަން އުޅުނު ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ ލޯބިވާވަރު ބޮޑުކަމުން އިތުބާރުކޮށް ހުސްގަނޑުގަ ސޮއިކޮށްދިނީމާ އަނބިމީހާގެ ވިޔަފާރިއަށް ވެރިވެގަންނަން އުޅުނު ފިރިއެއްގެ ވާހަކަ-

ބައިވެރިޔާ ދެކެ ކިތަންމެ ބޮޑަކަށް ލޯބިވީނަމަވެސް އަދި އިތުބާރުކުރިޔަސް އިމެއްގެ ތެރެއިން ކަންކަން ކުރުމަށާއި އަދި އިމެއް ނެތި ލޯބިވާން މަސައްކަތްކުރަން އޮތް ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ކަމަށް ޤަބޫލުނުކުރެވިއްޖެނަމަ އެކަމުގެ ނަތީޖާ ފެނިގެންދަނީ ވަރަށް ހިތިކޮށްކަން އެއީ އަބަދުހެން ކުރެވޭ ތަޖުރިބާއެކެވެ. ނަމަވެސް ގިނަ ބައަކަށް އޮންނަނީ ޢިބްރަތް ޙާޞިލް ނުކުރެވިފައެވެ. 

މިއީ އެފަދަ މީހުން ޢިބްރަތް ޙާޞިލްކޮށްލުން މުހިންމު ފިލާވަޅެއް ލިބިގެންދާ ޢިބްރަތްތެރި ވާހަކައެކެވެ. އަނބިމީހާގެ ވިޔަފާރި ހިންގުމުގެ ހުރިހާ ކަމެއް ފިރިމީހާއާއި ޙަވާލުކުރިއެވެ. ފިރިމީހާ އެދުމުން ހުސްގަނޑުތަކެއްގައި ސޮއިވެސް ކޮށްދިނެވެ. ނަތީޖާ ވިދާޅުވެލައްވާށެވެ. 

އަހަރެމެންވެސް ކއިވެނިކުރީ ވަރަށް ލޯބިން، ދެލޯބިވެރިންގެ ގޮތުގައި އެކުގައި ދެއަހަރެއްހައި ދުވަހު އުޅުމަށްފަހުގައެވެ. ކައިވެނީގެ ފުރަތަމަ 5 އަހަރު ވެސް އުޅުނީ ވަރަށް ލޯބިންނެވެ. ނަމަވެސް ކުއްލިއަކަށް ފިރިމީހާ ބަދަލުވީއެވެ. ނިދަން އެނދަށްއަރައި އޮންނައިރުވެސް އޭނާގެ ގާތުގައި އަނބިމީހާ އޮންނަކަމެއް އޭނާއަކަށް ނުއެނގެއެވެ. ފުރަގަހަށް އެނބުރިއޮވެ ނިދަނީއެވެ. 

އެގޮތަށް މަހެއްހައި ދުވަސް ފާއިތުވެގެން ދިއުމުން ވެގެން އުޅޭ ގޮތަކާއިމެދު ސުވާލުކުރަން ފެށީމެވެ. ޖަވާބުގައި ބުނަނީ މަސައްކަތްބުރަކަމުން ވަރުބަލިވެފައި ހުންނަވަރުން ކުރެވޭ ކަމެއް ކަމަށެވެ. ދެން ބުނީ އިތުރު މަޝްރޫޢޫތައް ހިންގަން ނުލިބޭތީ ފައިސާގެ ތަނަވަސްކަން ކުޑަވާތީ އެކަމަށް ވިސްނެނީ ކަމަށެވެ. 

އެދުވަސްވަރު އަޅުގަނޑުގެ ވަރަށް އެކުވެރިއަކު 2 އިމާރާތެއް އަޅަންވެގެން ބިޑްހޯދަމުން ދަނިކޮށް އޭނާ އާއި ވާހަކަދައްކައިގެން 8 މިލިއަން ރުފިޔާގެ 2 މަޝްރޫޢު ހޯދައިދިނީމެވެ. އެގްރިމަންޓްތަކުގައި ސޮއިކުރާ ހިސާބަށް ގޮސް މާދަމާއަކީ ސޮއިކުރާ ދުވަސްކަމަށްވެސް ކަނޑައެޅިއެވެ. 

ފިރިމީހާ އެދުވަހު ގެއިން އޮފީހަށް ދިއައީ ވަރަށް އުފާވެފައި ހުރެގެންނެވެ. ސޮއިކުރަން ހަމަޖެހިފައި އޮތީ ހެނދުނު 11 ޖަހާއިރުއެވެ. އެހެންވެ ފިރިމީހާ ގާތުގައި ނުވެސް ބުނެ ރަސްމިއްޔާތުގައި ބައިވެރިވާން އޮފީހަށް ދިއައިމެވެ. ދިއައިރު ފިރިމީހާގެ ކޮޓަރި ހުރީ ތަޅުލައިފައެވެ. ފިރިމީހާ އެތެރޭގައި އުޅެއެވެ.

އެވަގުތު ވިސްނުމަށް އައީ ސެކިޔުރިޓީ ރޫމަށް ގޮސް ފިރިމީހާގެ ކޮޓަރިއަށް ވަން މީހަކު ބަލައިލުމަށެވެ. އެމީހަކަށްވީ ފިރިމީހާގެ ސެކެޓްރީއެވެ. 

ކުންފުނި ހިންގަނީ ފިރިމީހާ ނަމަވެސް ކުންފުންޏަކީ އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑަށް ދީފައިވާ ވިޔަފާރިއެކެވެ. ފިރިމީހާއަށް ނުއެނގުނު ނަމަވެސް އޮފީހުގެ ކެމެރާތަކުން ބެލުމުގެ ވަސީލަތް އަޅުގަނޑުގެ ފޯނުގައިވެސް އިނދެއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް އެއިގެ ބޭނުން ހިފައި ކޮޓަރި ބަލައިލީމެވެ. 

ދެލޮލުން ދިއައީ ތަރިބުރައިގެންނެވެ. ކަންފަތަށް ހީވީ ގުގުރިޖަހާހެންނެވެ. އުނަގަނޑުން ތިރީގައި ފޭރާމެއް ނެތި އޭނާ އެއިނީ ފިރިމީހާއަށް ކުރިމަތިލައިގެން ފިރިމީހާގެ މޭޒުމަތީގައެވެ. ފިރިމީހާ އެބުނަނީ އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ކުންފުނި އަމިއްލަކޮށްލާނެ ވާހަކައެވެ. އެކަމަށް ބޭނުންވާ ލިޔުންތަކުގައި މިހާރުވެސް އަޅުގަނޑު ލައްވައި ސޮއިކުރުވާފައިވާނެ ވާހަކައެވެ. އެއީ ތެދެކެވެ. އެއިގެ 2 ދުވަސްކުރިން ހުސްގަނޑުތަކެއްގައި އަޅުގަނޑު ލައްވައި ސޮއިކުރުވިއެވެ. 

ސެކިޔުރިޓީ އާއި އިތުރު 3 މުވައްޒިފުންނާއިއެކު ގޮސް އަޅުގަނޑުގެ ތަޅުދަނޑިން ދޮރުހުޅުވާފައިވަނީމެވެ. ވަދެ ފިރިމީހާ ގޮނޑިނަގުވާފައި ގޮނޑި ދުރަށްލާފައި އެހެން ގޮނޑިއެއް ގެނެސް ބަހައްޓާފައި އިށީނީމެވެ. އަނގައިންވެސް ނުބުނެ މަސައްކަތްކުރަން ފެށީމެވެ. އެއިރުވެސް އެ އަންހެނާ އުޅެނީ އޭނާގެ ޖީންސް ނުފެނިގެންނެވެ. ނުފެންނާނެތާއެވެ. ސެކިޔުރިޓީ މީހާ ވަނީ އަޅުގަނޑު ބުނެގެން އެގެންގޮސްފައެވެ. 

އޮފީހުގެ ހުރިހާ މުވައްޒިފުންނަށް މަންޒަރު ފެނިނުމުން ޖީންސް ގެނުވައި ލައިގެން ނުކުމެގެން ދިއުމަށް ބުނީމެވެ. ދެމީހުންނަށްވެސް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ދިނީމެވެ. އެއީ އަޅުގަނޑުގެ ހުރި ހަމަ އެންމެ ދަރިފުޅުގެ ބައްޕަ ނޫންނަމަ އެއީ ކާކުކަންވެސް ހާމަކުރީމުހެވެ. 

ކޮންމެއަކަސް އެހިސާބުން ފިރިމީހާ ގާތުން ވަރިވީމެވެ. އަމިއްލައަށް މަސައްކަތްކުރަން ފެށީމެވެ. ދެވަނަ ކައިވެނިވެސް ކުރީމެވެ. މިހާރުވެސް ދިރިއުޅެމުން މިދަނީ ދެވަނަ ކައިވެނީގައެވެ. އަދި މިއުޅެވެނީ ހަމަ ވަރަށް އުފަލުގައެވެ. 

މިއަދުނޫހގެ ކިޔުންތެރިންނަށް މިކިޔައިދިނީ މީގެ ދުވަސްކޮޅެއް ކުރީގެ ވާހަކައެކެވެ. ހަމައެކަނި އެންމެ ބޭނުމަކުއެވެ. ފިރިމީހާއަށް ފުލް އިތުބާރުކުރީތީ އަޅުގަނޑަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަ ކިޔައިދޭށެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. 

- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން