ރޯދަވެރިޔާގެ އަނގައިން ދުވާ ވަސް- ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވެގެންވާ ވަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރޯދަވެރިޔާގެ އަނގައިން ދުވާ ވަސް- ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވެގެންވާ ވަހެއް!

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވަނީ ---- " މުޙައްމަދުގެފާނުގެ ނަފްސުފުޅު އެ އިލާޙެއްގެ އަތްޕުޅުގައިވާ އިލާޙު ގަންދެއްވަވައި ހުވާ ކުރައްވާ ޙަދީޘްފުޅު ކުރައްވަމޭ" ---- " ރޯދަވެރިޔާގެ އަނގައިން އަރައިގެން އެ އަންނަ ވަސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހަކުން ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވެގެން ވެއެވެ."

ސުބުޙާނަﷲ. އަޅުގަނޑުމެން ބަލައިލަންވީ ރޯދަހިފައިގެން ހުންނަ ވަގުތުގައި ބައެއްފަހަރު އަޅުގަނޑުމެންގެ އަނގައިން ދުވަނީ ނުބައި ވަސް. ބައެއް މީހުން ވަރަށް ގިނައިން ދަތް އުނގުޅާނެ. އެއީ އޭނައަށްވެސް އޭނަގެ އަނގައިން ދުވާ ވަސް ނުބައި ކަމުން.

ނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި މި ވަސް ވަނީ ގޮމަކަސްތޫރީގެ ވަހަށްވުރެ މީރު ވަހެއްގެ ގޮތުގައި. 

ރޯދަވެރިޔާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި މާތް މަތިވެރި މީހެއް. އެ އިލާހަށްޓަކާ އޭނަ ރޯދަހިފައިގެން ހުރީ. އެ އިލާޙުގެ ސަވާބާއި ދަރުމައަށް އެދިގެން އޭނަ ރޯދަ ހިފައިގެން ހުރީ. އެހެންވީމަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެ އިލާޙުގެ ޙަޟްރަތުގައި އެމީހާގެ އަނގައިން ދުވާ ނުބައި ވަހަކީވެސް އެއީ މީރުވަހެއްގެ ގޮތުގައި ބަދަލު ކުރައްވަވާނެ ﷲ ސުބުޙާނަހޫ ވަތަޢާލާ. ޤިޔާމަތް ދުވަހަކުން އެއީ ގޮމަކަސްތޫރީގެ ވަހަށް ވެގެން ދާނެ. ސުބުޙާނަﷲ. 

ދުޢާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤިޔާމަތްދުވަހަކުން އަޅުގަނޑުމެންނަކީ މި މާތް މަތިވެރު ނިޢުމަތް ޙާޞިލްވެފައިވާ ބައެއް ކަމުގައި ލެއްވުން. 

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން