ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭނަމަވެސް އަޅުކަންކުރަން ފަސްޖެހެވޭ ނަމަވެސް މާޔޫސްނުވެ ކުރުން ގިނަކުރަންވީ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭނަމަވެސް އަޅުކަންކުރަން ފަސްޖެހެވޭ ނަމަވެސް މާޔޫސްނުވެ ކުރުން ގިނަކުރަންވީ ކަންތައް-

ކުރަން ބޭނުންވާ ފެންވަރުގައި އަޅުކަން ނުކުރެވޭތީ ވަރަށް ގިނަ ބައަކު މާޔޫސްވެއެވެ. އަދި ބައެއް މީހުންނަށް ލިބޭ މާޔޫސްކަމުގައި އަޅުކަންކުރުމާއި ދުރުހެލިވެސްވެވެއެވެ. އެފަދަ މީހުން ވިސްނާށެވެ! ޝައިޠޯނާގެ މަޅީގައި ޖެހި މާޔޫސްނުވާށެވެ! ދޭސަމާލުކަން އިތުރުކުރާށެވެ! ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! 

ޚުޝޫޢަތްތެރިކަމާއިއެކު ނަމާދެއް ކޮށްލެވެނީ ވަރަށް މަދު މީހަކަށެވެ. ހަމަ އެއާއިއެކު އަޅުކަންކުރަން ފަސްނުޖެހި އަވަސްވެގަނެވެނީވެސް ވަރަށް މަދުމީހަކަށެވެ. ވީމާ މިޙާލަތުން އަރައިގަތުމަށް ފުރަތަމަވެސް ކުރަން އޮތް ކަމަކީ ކޮބައިކަމާއިމެދު ވިސްނާލަމު ހެއްޔެވެ؟ 

އެކަމަކީ ގިނަގިނައިން ތައުބާވުމެވެ. ފާފަފުއްސަވައިދެއްވެވުމަށް އެދުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން ދާނީ އިތުރުވަމުންނެވެ. ހަމަ އެއާއިއެކު އަޅުކަންކުރެވޭނީ ﷲއަށް ކިޔަމަންތެރިކަން އަދާކޮށްގެންނެއެވެ. އެކަންކުރެވޭނީ އެއިލާހު އަމުރުކުރެއްވި ކަންތައްތައް އަދާކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެގެންނެވެ. 

އަޅުކަމަކީކޮބާ؟ 

އަޅުކަމަކީ އެއިގެ މާނައިގައި ﷲގެ ޙަޟްރަތުގައި ލޯބިވެވޮޑިގެންވާ އަދި ރުއްސަވާވޮޑިގެންވާ އެންމެހާ ކަންތައްތައް ހިމެނޭ ލަފްޒެކެވެ. އެކަމުގައި ބަހާއި ޢަމަލު ހިމެނެއެވެ. އެއީ އެކަންތައްތަކުގެ ތެރެއިން ބޭރުފުށާއި އެތެރެފުށުގެ ކަންތައްތައްވެސް ހިމެނޭ ގޮތުގައެވެ. 

އަޅުކަމުގެ ވައްތަރުތައް ވަރަށް ގިނައެވެ. އަޅުކަމުގެ ތެރޭގައި ބޭރުފުށުގެ ކަންތައްތައް ހިމެނެއެވެ:

މިޘާލަކަށް ބަލާނަމަ ނަމާދާއި، ދުޢާއާއި، ޛަބަޙަކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމުގެ ގުޅުން ޤާއިމުކުރުމާއި، ހެޔޮކަންތައްތަކުރުމުގައި އަދި މުންކަރާތްތަކުން ދުރުހެލިވުމުގައި ވާގިވެރިވުމާއި، ﷲގެ މަގުގައި ޖިހާދުކުރުމާއި، ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ވެސް ހިމެނިގެންވަނީ އަޅުކަމުގެ ތެރެއިންނެވެ. 

އަދި އަޅުކަމުގެ ތެރޭގައި އެތެރެފުށުގެ ކަންތައްތައްވެސް ހިމެނެއެވެ  މިޘާލަކަށް ބަލާނަމަ ﷲ ތަޢާލާއަށް ލޯބިވުމާއި، ބިރުގަތުމާއި، ބިރުވެތިވުމާއި، އުންމީދުކުރުމެވެ. 

އެންމެހާ އަޅުކަންތައް އަދާކުރުން ވާޖިބުވެގެންވަނީ ހަމައެކަނި ﷲއަށެވެ. 

ﷲތަޢާލާ ވަހީކުރެއްވިއެވެ. 

﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾ [سورة البينة ٥]

މާނައީ: "ކިޔަމަންތެރިކަން ﷲއަށް ޚާލިޞްކުރާޙާލު ޙުނަފާއިންގެ ގޮތުގައި (އެބަހީ: ތައުޙީދުގެ މަގަށް ލެނބިހުރެ) ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ." 

އަޅުވެރިންނަކީ ﷲ ތަޢާލާ އަމުކުރެއްވި ކަންތައްތައް އަދާކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވާ މީހުންނެވެ.

 

މިއަދު އޮންލައިން