ތިމާގެ ސިކުނޑިއަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތިމާގެ ސިކުނޑިއަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ ކޮބައިކަން އެނގޭތަ؟

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ފުންމައިގެން އުޑަށް އަރަން ބޭނުންވާ މީހަކަށް ނުވާށެވެ! ދޫނިތައް އުދުހޭފަދައިން އުދުހެވުމަށް އުންމީދުނުކުރާށެވެ! އެސޮރުމެންނަށް އުދުހެވެނީ އުދުހޭނެ ފިޔައާއި އުދުހުމުގެ ބާރު ﷲ ތަޢާލާ ދެއްވެވުމުންނެވެ. 

މިއަދުގެ ހޯދުންތަކުން އެނގޭ ގޮތުގައި ގިނައިރު އުދުހުނުވަރަކަށް އެތަކެތީގެ ހަކަތަ އިތުރުވެ އުދުހުމުގެ ބާރުލިބުން އިތުރުވެއެވެ. އެއީ އެތަކެއްޗަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތެކެވެ. 

ކޮންމެ މީހަކުވެސް ވަރަށް ގިނަ ކަންކަން ޙާޞިލުކުރަން ބޭނުންވާނެއެވެ. ނަމަވެސް ޙާޞިލުކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ވަޒަން ކުރެވޭނެއެވެ. ތިމާގެ ކިބައިގައި ލިޔާޤަތާއި ޤާބިލިއްޔަތު ހުރި މިންވަރު ތިމާއަށް ވަޒަން ކުރެވޭނެއެވެ. އެކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ ވެސް ހަމަ އެމީހަކަށެވެ. 

ވީމާ ޙާޞިލު ނުކުރެވޭނެ ކަންކަން ޙާޞިލުކުރުމާއިމެދު ނުވިސްނާށެވެ! އެކަން ވެގެންދާނީ ތިމާގެ ސިކުނޑިއަށް ދެވޭ އެންމެ ބޮޑު އަނިޔާއަށެވެ. މިސާލަކަށް އަތުގައި އެންމެ ޑޮލަރެއް ނެތި އަދި ލިބޭނެ ގޮތެއްވެސް ފެންނަން ނެތި ނިދަން އޮށޯވެ އޮވެގެން މާދަމާ މިލިއަނަރަކަށްވުމުގެ ހުވަފެން ދުށުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއިގެ ބަދަލުގައި މާދަމާ ބުރަ މަސައްކަތެއްކޮށްގެން ނަމަވެސް 10 ޑޮލަރު ހޯދަން ވިސްނަންވީ ނޫންހެއްޔެވެ؟ 

ﷲ ތަޢާލާ މީހަކަށް ކުއްލިއަކަށްވެސް ކިތަންމެ ބޮޑު ނިޢްމަތެއްވެސް ދެއްވަވައިފާނެއެވެ. ރަން ފަރުބަދައެއްވެސް ދައްކަވައިފާނެއެވެ. އެއީ މުޅިން ތަފާތު ކަމެކެވެ. އަދި ކިތަންމެ ބޮޑު ނިޢުމަތެއް ލިބުމަށް އުންމީދުކުރުމަކީވެސް މައްސަލައެއް ނޫނެވެ. 

މިބުނި އުޞޫލުން ނުވިސްނައި އަމިއްލައަށް ސިކުނޑިއަށް އަނިޔާ ދޭ މީހާ އެ އަނިޔާ ލިބިގަންނަނީ އެމީހެއްގެ އަމިއްލަ ނަފަސަށެވެ! އަމިއްލަ ނަފްސަސް އަނިޔާ ލިބިނުގަންނާށެވެ! އެކަމުން ކުރާނެ ފައިދާއެއް ނެތްކަން ޤަބޫލުކުރާށެވެ! 

ކައިވެނިކުރަން ވިސްނާއިރުވެސް އެމީހެއްގެ ފެންވަރުން ބައިވެރިއަކު ހޯދަން ވިސްނާށެވެ! އެއަށްވުރެ މަތިން ބައިވެރިއަކު ދެއްވެވުންވެސް ﷲ ތަޢާލާއަށް ކުޅަދުންވަންތައެވެ. އެކަމަށް އޮތީ ދުޢާ ކުރުމެވެ. ވިސްނައި މާމަތީ ބައިވެރިއަކު ލިބުމުގެ އިންތިޒާރުގައި ހަޔާތުގެ ދުވަސްތައް ބޭކާރުކޮށްލުމެއް ނެތެވެ. 

ޚުލާޞާއަކީ ޙާޞިލުކުރެވޭނެ ލަނޑުދަނޑިތައް ޙާޞިލުކުރަން މަސައްކަތްކުރާށެވެ! އިތުރު ކުރިއެރުމަށް އުންމީދުކުރާށެވެ! އެއިރުން އަމިއްލަ ނަފްސަށް ވެސް ވަރަށް ލުއިވާނެއެވެ. ކުރަން ބޭނުންވާ ކަންކަން ކާމިޔާބުކުރަންވެސް ފަސޭހަވެގެންދާނެއެވެ. އިން ޝާ ﷲ 

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން