ތަޤްވާވެރިކަމުގެ ވާހަކަ ދެކެވުނަސް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތަޤްވާވެރިވެވޭނީވެސް އަތުގައި ވަރަށް ގިނަ ޢަދަދަކަށް ފައިސާ އަތުގައި ހުންނަ މީހަކަށް ކަމަށެވެ.
އެއީ އެއްވެސް ޙާލެއްގައި އެގޮތަށް އޮތް ކަމެއް ނޫނެވެ. އަތުގައި ފައިސާ ހުރިނަމަ ގިނަގިނައިން ޞަދަޤާތްކުރުމަކީ ކުރެވޭނެ އެންމެ ހެޔޮ ޢަމަލެވެ. ނަމަވެސް ތަޤްވާވެރިވުމަކަށް ފައިސާ ބޭނުމެއް ނުވެއެވެ. ތަޤްވާވެރިވުމަކީ ކޮބައިކަމާއި ތަޤްވާގެ މާނަ ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ! އިން ޝާ ﷲ
އަޅުގަނޑު އަލިއަޅުވާލަން ގަސްދުކުރަނީ ކީއްވެތޯ މި ރޯދަމަސް އަޅުގަނޑުމެންނަށް ފަރުޟު ކުރެވުނީ، ކޮބައިތޯ ޙިކުމަތަކީ. ކޮބައިތޯ ބޭނުމަކީ؟
އާދެ، ކީރިތި ޤުރުއާނުގެ ސާފު ޞަރީހަ ބަހުން ވަނީ އޭގެ ބޭނުން ބަޔާން ކުރައްވަވާފަ.
ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގަ މާތް ﷲ ސުބުޙާނަހު ވަތަޢާލާ ބަޔާން ކުރައްވާފައިވަނީ
" އޭ ތިމަން ﷲ އަށް އީމާން ވެގެންވާ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ކުރީގެ އުއްމަތްތަކަށްވެސް ތިމަން ﷲ ރޯދަ ފަރުޟު ކުރެއްވި ފަދައިންނެވެ." ހަމައެކަނި މުޙައްމަދު ޢަލައިހިއް ޞަލާތު ވައްސަލާމްގެ އުއްމަތަށް ޙާއްސަ ކަމެއް ނޫނޭ ރޯދައަކީ. ކުރީގެ އުއްމަތްތަކަށްވެސް ތިމަން ﷲ ފަރުޟު ކުރެއްވީމޭ." ކީއްކުރަންތޯ މި ފަރުޟުކުރެއްވުނީ.
" އެއީ ތިޔަބައިމީހުން ރަނގަޅު ބަޔަކަށް ވުމަށްޓަކައެވެ." މި ރޯދަމަސް ނިމިގެން ދާއިރު ތިމަން ރައްބުލް ޢާލަމީންއަށް ކިޔަމަންތެރިކަމުގެ ސިފަ އަށަގަތުމަށްޓަކައެވެ. މި ރޯދަމަހުގެ މަދަރުސާގެ 30 ދުވަސް ނުވަތަ 29 ދުވަސް ނިމިގެން ދާއިރު ކުރިއަށް އޮތް ޙަޔާތުގައި ތިމަން ﷲ ރުހިވޮޑިގެން ވާގޮތަށް އެ އިންސާނެއްގެ ޢަމަލު ބައްޓަން ކުރުމަށްޓަކައެވެ.
" ތަޤުވާވެރި ވުމަށްޓަކައެވެ." އާދެ ތަޤުވާވުމުގެ މާނައަކީ ކޮބައިތޯ؟ އާދެ ތަޤުވާވުމުގެ މާނައަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކޯފާވެވޮޑިގެންވާ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އެ އިންސާނާ ޢަޒުމް ކަނޑައެޅުން. އަދި ރަނގަޅު ކަންކަން ކުރުންމަތީ ދެމި ހުރުމަށް އެ އިންސާނާގެ ނަފްސު ތަރުބިއްޔަތު ކުރުން.
އެހެންކަމުން ތަޤުވާވެރިކަމުގެ މާނައިގައި ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ބަޔާން ކުރައްވަނީ އުބައްޔު ބުން ކަޢުބްއަށް، އޭ އުބައްޔު ބުން ކަޢުބްއޭ! ކޮބައިތޯއޭ ތަޤުވާވެރިވުމުގެ މާނައަކީ؟
ބަޔާން ކުރައްވަނީ އޭ މުސްލިމުންގެ ވެރިޔާއެވެ. ކަލޭގެފާނު ކަށިތައް ހުންނަ މަގުން ނުހިންގަވަންތޯއޭ. ކަށި ކުނބުރު ޖަންގަލިން ނުހިންގަވަންތޯއޭ. ބަޔާންކުރައްވަނީ ނޫނެކޭ ތިމަންކަލޭފާނު ހިންގަވަމެވެ. ދެން ސުވާލުކުރަނީ ކިހިނެއްތޯއޭ ކަންތައްތައް ކުރައްވަނީ ޖަންގައްޔެއްގައި ހިނގާއިރު. ބަޔާންކުރަނީ ތިމަންކަލޭފާނު ވަރަށް ބޮޑަށް ބައްލަވައިގެންނޭ ހިންގަވަނީ. އެ ކަށިކުނބުރު ޖަންގަލީގެ ކަށިތައް ނެހެރުމަށްޓަކައި، އެފައިން ފިޔަވަޅުތައް އަޅާއިރު ރައްކާތެރިކަމާއެކުއޭ ތިމަންނަ ހިނގަނީ. އަދި ތިމަންނަ ހެދުން ރަނގަޅު ކުރަމޭ، ސަބަބަކީ އެ ކަށިކުނބުރު ޖަންގަލީގެ ކަށިތައް ހެރިދާނެތީ.
ބަޔާން ކުރައްވަނީ އެއޭ ތަޤުވާވުމުގެ މާނައަކީ. ސަބަބަކީ އެގޮތައް އެ އިންސާނާ ހަރާމް ކަންތައްތަކާ ހަލާލް ކަންތައްތަކުގާ، ހަރާމް ކަންތައްތައް އަރައިނުގަނެ ރައްކާތެރިކަމާއެކު އެގޮތަށް ކުރިއަށް ދިއުމެވެ. އެއޭ ތަޤުވާވެރިކަމުގެ މާނައަކީ.
އަދިވެސް ތަޤުވާވެރިކަމުގެ މާނައިގައި ޢަލީބުނު ޢަބީ ޠާލިބު ބަޔާން ކުރައްވަނީ
-- " ޖަލީލްވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެ ބިރުވެތިވުމޭ އެއީ."
-- " މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ބާއްވާލެއްވި ތަކެއްޗަށް ޢަމަލު ކުރުމެވެ."
-- " މަދު އެއްޗަކަށް ރުހުމެވެ."
-- " މަރުވާނެ ދުވަހަށް އޭނަ ރައްކާތެރިވުމެވެ." އެއޭ ތަޤުވާވެރިކަމުގެ މާނައަކީ.
އަދިވެސް ބަޔާންކުރެވިފައިވަނީ ތަޤުވާވެރިކަމުގެ މާނައިގައި-
އިބްނު މަސްއޫދު ރަޟިޔަﷲ ޢަންހު ބަޔާން ކުރައްވަނީ
--" މަތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވުމޭ އެއީ. ނުއުރެދުމެވެ."
-- އެކަލާންގެ މަތިން ހަނދުމަ ކުރުމެވެ. ހަނދާން ނައްތާ ނުލުމެވެ. "
-- "އަދި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވެ، ކުފުރެއް ނޫނެވެ."
އާދެ މި ރޯދަ ފަރުޟުކުރުމުގެ މައިގަނޑު ބޭނުމަކީ މިއީ--- ތަޤުވާވެރި ވުމަށްޓަކައޭ ތިމަން ﷲ ރޯދަ ފަރުޟު ކުރެވުނީ.
- ޝައިޚް ޙުސައިން ޠާރިޤްގެ ދަރުސަކުން