އެއްވެސް ޝައްކެއް ނެތެވެ. މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ނިމި 2 ވަނަ 10 ކުރިއަށްދަނީއެވެ. ބާރަށް ކުރިއަށް ގޮސް ދާދި އަވަހަށް މަސް ނިމިދާނެއެވެ! ސުވާލަކީ މިހައި ތަނަށް ތިމާއަށް ޙާޞިލްކުރެވުނު މިންވަރެވެ!
މުސްލިމުންނަކީ އަބަދުވެސް ހެޔޮ އަމަލުތައް ކުރުމުގައި ދެމިތިބޭ ބައެކެވެ. ރަމަޟާން މަހު އެކަންކަން އިތުރުކުރަމުއެވެ. ފަރުޟު 5 ނަމާދާއި ރަވާތިބު ސުންނަތްތަކާއި ވިތުރީގެ އިތުރުން ތަރާވީޙް ނަމާދާއި ދަމު ނަމާދުވެސް ކުރަމުއެވެ. ކީރިތި ޤްރްއާން ކިޔެވުންވެސް އިތރު ކުރަމުއެވެ.
މުސްލިމުންނަކީ އެމީހަކަށް ވެވުނު ވަރަކުން އެހެން މީހުންނަށް ހެޔޮކޮށް ހިތައި އެހީތެރިވާ ބައެކެވެ. ޞަދަޤާތްކުރާ ބައެކެވެ. ފަޤީރުންނަށް ކާންދޭ ބައެކެވެ. މިކަންކަންވެސް ރަމަޟާން މަހު އިތުރު ކުރަމުއެވެ. ރޯދަ ވީއްލުން ދިނުމާއި ޞަދަޤާތް ދިނުން ވެސް އިތުރު ކުރަމުއެވެ.
އަހަރެންގެ ހުށަހެޅުމެއް އެބަ އޮތެވެ. އެއީ ޢާންމުކޮށް ކުރަމުން އަންނަ މި ބުނި ހެޔޮ ކަންކަމުގެ އިތުރުން ޚާއްޞަ ހެޔޮ ކަމެއް މިރަމަޟާން މަހު ކުރަން އަޒުމް ކަނޑައެޅުން ކީއްހެއްޔެވެ؟ މިވެނި ކަމެއް ކުރަން ބުނާކަށް ނެތީމެވެ. އެހެނީ އެންމެންނަކީ އެއްފެންވަރެއްގެ މީހުންނެއް ނޫނެވެ. ވީމާ އެކި މީހުންނަށް ކުރެވޭނީ އެކި ފެންވަރުގެ ކަންކަމެވެ. އެކިބާވަތުގެ ކަންކަމެވެ.
ކޮންމެ މީހަކުވެސް ވިސްނައިލާށެވެ. އެމީހަކު ކުރިން ނުކުރާ ހެޔޮ ކަމެއް މި ރަމަޟާން މަހު ކުރުމަށެވެ. އެވިސްނުމުގައި މަސައްކަތްކޮށް ކާމިޔާބު ކުރެވިއްޖެ ނަމަ އެމީހަކަށް އެވަނީ ﷲ ތަޢާލާ އާއި ކުއްތަންވުމުގައި އިތުރަށް ވަރަށް ބޮޑު ކުރިއެރުމެއް ހޯދިފައެވެ. ރަމަޟާން މަސް ކާމިޔާބު ކުރުމުގައި އިތުރު ހަރުފަތަކަށް ދެވިފައެވެ.
އިތުރު ހެޔޮ އަމަލެއް ކުރަން އުނދަގޫނަމަ އެމީހަކަށް އޮތީ ކުރީ ރަމަޟާންމަހަށްވުރެ މި ރަމަޟާން މަހު ކުރާ ހެޔޮ އަމަލުތައް އިތުރުކުރުމެވެ. ސުންނަތް ނަމާދު ކުރުން އިތުރު ކުރުމާއި ކީރިތި ޤްރްއާން ކިޔެވުން އިތުރު ކުރުމާއި ޞަދަޤާތް ދިނުން އިތުރު ކުރުމާއި ރޯދަ ވީއްލަން ދިނުން އިތުރުކުރުން ފަދަ ކަންކަން ކުރުމެވެ.
ހަމަ އެއާއިއެކު ވަރަށް ގިނަ ބައަކަށް ވަރަށް ބޮޑަށް އިހްމާލުވެވިފައިވާ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ މިސްކިތުގައި އިޢްތިކާފަށް އިނުމެވެ. ކިރިޔާވެސް ވާން އޮތް ނަމަ މިމަތިވެރި އަޅުކަން އަދާކުރުމަށް ވަޞިއްޔަތް ކުރަމެވެ.
ކުރީ އަހަރުތަކުގައި ނުކާ މީރު އެއްޗެއް ކައްކައިގެން ކެއުމަކުން ހިފާ ރޯދައަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ނަމަވެސް އިތުރު ހެޔޮ އަމަލެއް ކުރެވިއްޖެނަމަ އެކަމުގެ ފައިދާ ކުރާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން