ޙަޤީޤީ ބުއްދިވެރިން ﷲ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރާނެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޙަޤީޤީ ބުއްދިވެރިން ﷲ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރާނެ ސަބަބު-

އިނާމު ލިބުމަށް ތިބާވަނީ ހޮވިފައެވެ. އެކަމަކު ތިބާ އިނާމު ބޭނުންވަނީ މިއަދުކަމަށްވާނަމަ އިނާމަށް ލިބެން އޮތީ އެންމެ 100 ޑޮލަރެވެ. ނަމަވެސް މިއަދު އިނާމު ލިބިނުގަނެ މަޑުކޮށްލައިފިނަމަ އިނާމަށް ތިބާގެ ހިތްފުރޭވަރަށް ޑޮލަރު ލިބޭނެކަން އެނގޭނަމަ މިއަދު 100 ޑޮލަރު ލިބިގަންނާނީ ކާކުހެއްޔެވެ؟ 

މީސްތަކުންނޭވެ! ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ނުކޮށް މުސްލިމުން މިދުނިޔޭގައި ކެތްތެރިވަނީވެސް މިބުނި ސަބަބަށްޓަކައެވެ! ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރުމުން ދުނިޔޭގައި ކޮންމެވެސް މިވަރެއްގެ އުފާވެރިކަމެއް ލިބުނަސް ނުކޮށްފިނަމަ ޤިޔާމަތް ދުވަހު އެމީހަކު ހިތްފުރި އިތުރުވެ ބަންޑުންވާނެވަރަށް އުފާވެރިކަން ދެއްވަވާނެކަން ޔަޤީންކުރެވޭތީއެވެ. 

އިންސާނާ ކުރަން ބޭނުންވާ ބައެއް ކަންކަން މުސްލިމުންނަށް މަނާކުރައްވަވާފައިވުމުން ތަނަވަސްކަން ހުރި ނަމަވެސް އެމީހަކު ބޭނުންހައި ކަމެއް ކުރުމުގެ މިނިވަންކަމެއްވެސް ނެތެވެ. އަދި އެކަމުގެ ސަބަބުން މިޒަމާނުގައި ނުވަތަ ކާފިރުން އެއީ އިންސާނީ ޙައްޤުތައް ކަމަށް ދެކޭ ބައެއް ޙައްޤުތަކާއި މުސްލިމުންނަށް އޮތީ ދުރުހެލިވެ ތިބުމެވެ. މިބަޔާންކުރި ސަބަބަށްޓަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިންސާނަކަށް އެކަމަކުން ހަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ޙައްޤެއް އިސްލާމް ދީނުގައި މަނާކޮށްފައެއް ނުވެއެވެ. ވީމާ ކާފިރުން މުސްލިމުން ތިބީ ކަސްތޮޅު އެޅިގެން ކަމަށް ބުނި ނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫނެވެ. ކަސްތޮޅު އެޅިގެން ތިބިބައަކީ އެމީހުންނެވެ. އެމީހުން އެވަނީ ޝައިޠޯނާގެ ކަސްތޮޅުން ވަރަށް ރަނގަޅަށް ކަސްތޮޅުއެޅިފައެވެ. 

މިދުނިޔޭގައި ހޭދަކުރަން މިލިބެނީ ދާދި ކުޑަކުޑަ ވަގުތުކޮޅެކެވެ. އެވަގުތުކޮޅުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން ފުރިހަމަ ގޮތުގައި އަދާކުރާށެވެ! އެއިރުން ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ. ސުވަރުގޭގައި އެއްވެސް ކަމެއް މަނާވެގެނެއް ނުވެއެވެ. ހިތަށް އަރުވައިލާއިރަށް އެކަމެއް އޮންނާނީ ވެނިމިފައެވެ. 

އަދި ކަންކަމަށް އެދުމަށް އިމެއްވެސް ނެތެވެ. އެމީހަކު ބޭނުންހައި ވަރަކަށް އެދެމުން ގެންދަންވީއެވެ. އެދޭއިރަށް އެކަމެއް ދާނީ ޙާޞިލްކުރެވެމުންނެވެ. އެއްވެސް މަސައްކަތެއްވެސް ކުރާކަށް ނުޖެހެއެވެ. ވީމާ ކޮންމެ ފަދަ ޤުރްބާނީއެއް ވެގެންވެސް މަސައްކަތް ކުރަންވީ ސުވަރުގެ ވަނުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން