ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަން ލިބުމުން އަނބިދަރިން ރޮއްވާފަ ހިލޭ އަންހެނުންނަށް ޚަރަދުކުރާނަމަ ބަނގުރޫޓުވެ ނިކަމެތިވާންޖެހުމަކީ ޢާންމުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަން ލިބުމުން އަނބިދަރިން ރޮއްވާފަ ހިލޭ އަންހެނުންނަށް ޚަރަދުކުރާނަމަ ބަނގުރޫޓުވެ ނިކަމެތިވާންޖެހުމަކީ ޢާންމުކަމެއް!

ތަނަވަސްކަމަކީ ﷲ ދެއްވަވާ އެއްޗެއްކަން ވިސްނި ރައްކާތެރި ނުވެވުނު ނަމަ އިނިޢުމަތް އަނބުރާ ގެންދަވާތަން އަބަދުހެން މިދަނީ ފެންނަމުންނެވެ. ނަމަވެސް ވިސްނައިލެވެނީ ހާދަ މަދު މީހަކަށެވެ. ތަނަވަސްކަން ލިބުމުން ހިލޭ އަންހެނުންނަށާއި ﷲ ޙަރާމްކުރައްވަވާފައިވާ ފާފަތަކަށް އަރައިގަންނަން ބޮޑެތި ޚަރަދުތައް ކުރަން ޖެހިލުންވަނީ މަދުމީހެކެވެ. 

ފުރަތަމަ މިކިޔައިދެނީ އަވަށްޓެރިޔާގެ ވާހަކައެވެ. އޭނާއަށް ކަންކަްނ ދިމާވިގޮތުގެ ވާހަކައެވެ. 

ނަސީމާ އެނާގެ ދަރިފުޅު ބަލައިބޮޑުކުރީ އެކަނިވެރިމައެއްގެ ގޮތުގައި އިނދެ ވަރަށް ބުރަ މަސައްކަތްކޮށްގެންނެވެ. ފިރިމީހާ ނިޔާވިއިރު ފިރިމީހާއަކީ އަމިއްލަ ދެ ފިހާރަ ހިންގާ ވިޔަފާރިވެރިއެކެވެ. 

ފިރިމީހާ ނިޔާވުމުން އެ މަސައްކަތް އެކަނި ބެލެހެއްޓުން ނަސީމާއަށްވީ ވަރަށް ބުރަކަމަކަށެވެ. އެހެންކަމާއިއެކުވެސް ދަރިފުޅަށްޓަކައި އޭނާ އެމަސައްކަތްކުރީއެވެ. އިތުރު ކައިވެންޏެއް ނުކުރީވެސް އެމީހަކު ދީފާނެ ދެރައކަށް ބިރުންނެވެ. ދަރިފުޅަށް ލިބެން އޮތް ތަނަވަސްކަން ގެއްލިދާނެތީއެވެ. 

ދަރިފުޅު ބޮޑުވެ ކައިވެނިކުރުމުން ބައްޕަގެ ވިޔަފާރި ހުރިގޮތަށް ދަރިފުޅާއި ޙަވާލުކުރިއެވެ. އަދި ބައްޕަގެ ގެވެސް ދަރިފުޅަށްދީ އުފަލުގައި ދިރިއުޅެވޭނެ ގޮތް ހަދައިދިނެވެ. ނަސީމާ އެދުނީ އެންމެ ކަމަކަށެވެ. އެއީ ނަސީމާ މަރުވަންދެން ޢޭނާގެ ގޭގައި ބައިންދައި ދިނުމަށެވެ. އަދި ވީވަރަކުން އޭނާގެ ޙާލު ބަލައިލަ ދިނުމަށެވެ. 

ދުވަސްކޮޅެއް ފަހުން ދަރިފުޅު އެދެންފެށީ މަންމަ އޭނާ ދިރިއުޅޭގެއަށް ބަދަލުވުމަށެވެ. އެއީ ރަނގަޅު ގޮތުގައި ބަލަން ބޭނުންވާތީ ކަމަށްވެސް ބުންޏެވެ. ނަމަވެސް ނަސީމާ އެކަން ޤަބޫލެއް ނުކުރިއެވެ. ނަސީމާ ބޭނުންވީ އޭނާގެ ގޭގައި އެކަނި އިންނާށެވެ. 

އެހެންއެކަން ހިނގާފައިވަނިކޮށް އެއްދުވަހަކު ދަރިފުޅު އައިސް އެދުނީ ނަސީމާގެ ގޭގެ ރަޖިސްޓްރީ އޭނާ ބަލާލަން ދެއްކުމަށެވެ. އަލަމާރިން ނަގައި އަތަށް ދިނުމާއިއެކު ފޮޓޯކޮޕީއެއް ހައްދައިގެން އެބަ އަންނަން ކަމަށްބުނެފައި ހިފައިގެން ދިއަ ގޮތަކަށް އެނބުރި ނުދެއެވެ. 

2 ދުވަސްވުމުން ދަރިފުޅު ހޯދަން ދިއުމުން ބައްދަލުވާނެ ގޮތެއް ނުވިއެވެ. ނަސީމާގެ ކަންބޮޑުވުން އިތުރުވިއެވެ. އަދި އެދުވަހު ރަޖިސްޓްރީ އަނބުރައި ގެނެސްނުދީފިނަމަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް މެސެޖްކޮށްފައި ބުންޏެވެ. 

ނަސީމާ އެދުނު ގޮތަށް ކަންތައް ނުކުރުމުން ނަސީމާ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ރަޖިސްޓްރީ ހޯދިއެވެ. ފުލުހުންގެ ކިބައިން ލިބުނު މައުލޫމާތާއި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތުން އެނގުނީ ދަރިފުޅުގެ ޚަރަދުތައް ބޮޑުވެ ދަރަނިވެރިވެގެން 2 ފިހާރަވެސް ވިއްކައިލާފައިވާ ކަމެވެ. އަދި ލޯނުވެސް ނުދެއްކިގެން ގެވެސް ނީލަންކިޔާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމެވެ. 

ނަސީމާ ދަރިފުޅު ދިރިއުޅޭގެއަށް ގޮސް ދަރިފުޅުގެ އަނބިމީހާ އާއި ވާހަކަދައްކައި ކަންކަން އޮޅުންފިލުވިއިރު ކަންކަން ގޯހުން ގޯހަށް ގޮސްފައިވަނީ އެކީގައި ގެންގުޅޭ އެކުވެރިންތަކެއްގެ ސަބަބުންނެވެ. ހިލޭ އަންހެނުންނަށް ޚަރަދުކުރުމުގައި ހައްދުފަހަނައަޅައިދިއުމުންނެވެ. 

އިޞްލާޙްވޭތޯ ދަރިފުޅަށް އެތައް ނަޞޭހަތެއް ދިނެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް ދަރިފުޅަށް އިވުނު ކަމަކަށް ނުވިއެވެ. އަނބިމީހާ އާއިމެދު ކަންކަންކުރަނީ ހިތަށްއެރިގޮތަކަށެވެ. އަނބިމީހާ ރޮއިރޮއި އިންދާވެސް ހިލޭ އަންހެނުން ގެއަށްވެސް ވައްދައެވެ. 

ނަގާފައިވާ ލޯނުތައް ނުދެއްކިގެން ދުވަސްކޮޅެއްފަހުން ގެވެސް ނީލަންކިޔައިފިއެވެ. ގެއިން ނުކުންނަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ޑްރަގް ޑީލްކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޙުކުމްކޮށް ޖަލަށް ލައިފިއެވެ. އެހިސާބުން އަނބިމީހާވެސް ކޯޓަށްގޮސްގެން ވަރިވެއްޖެއެވެ. 

ކޮންމެ ގޮތެއްވީނަމަވެސް އެއީ ދަރިފުޅުކަމަށްވުމުން ނަސީމާ ދިއައީ އޭނާގެ ގެއިން ލިބޭ ފައިސާއިން ދަރިފުޅުގެ ކަންކަން ބަލަހައްޓަމުންނެވެ. ޖަލުގައި ހުންނަތާ 3 އަހަރުވީތަނާ އެއްދުވަހަކު ފެނުނީ މަރުވެފައި އޮއްވައެވެ. 

ނަސީމާގެ މުސްކުޅި އުމުރުގައި ނަސީމާއަށް އެހީތެރިވެދީ ބެލެހެއްޓީ އަވަށްޓެރިންނެވެ. 

ނަސީމާއަކީ އަޅުގަނޑުގެ އަވަށްޓެރިއެކެވެ. ނަސީމާ އާއި އޭނާގެ ދަރިފުޅުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމުގެ އުންމީދުގައެވެ. ކައިވެންޏަށްފަހުގައިވެސް ހިލޭ އަންހެނުންނަށް ޚަރަދުކުރާ ކޮންމެ މީހަކަށް މިޙާދިސާގައި ޢިބްރަތެއްވެއެވެ. 

ނަސީމާގެ ދަރިފުޅަށް ބަލައިފިނަމަ އެކުގައި ގެންގުޅެވުނު ނުބައި އެކުވެރިންތަކެއްގެ ސަބަބުން ހިލޭ އަންހެނުންނަށް ޚަރަދުކުރުމުގެ ނުބައި އާދަ އަށަގަނެ ތަނަވަސްކަންގެއްލި އަދި ގެވެސް ގެއްލިދިއައީއެވެ. އެފަދަ ޙާލަތުގައި މޮޅު ކަމެއް ކޮށްލައިގެން ގިނަ ފައިސާތަކެއް ހޯދަން ދަހިވެތިވެވޭނެއެވެ. އެހެންވެ ގިނަ ބައަކަށް މިދެވެނީ ޑްރަގުގެ ވިޔަފާރިއާއިދިމާއަށެވެ. 

އަޅުގަނޑުގެ ފިރިމީހާއަށްވެސް ޖެހުނީ ހަމަ މިފަދަ ޙާލެކެވެ. ހޭވެރިކަންވީ ހުރިހާ އެއްޗެއް ވިއްކައި ހުސްކުރަމުން ގޮސް ދުއްވި ސައިކަލަށް ދައްކަންޖެހޭ ލާރިކޮޅު ނުދެއްކިގެން ސައިކަލްވެސް އަތުލިފަހުންނެވެ. ތިބީ 2 ދަރިންނެވެ. އެކުދިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވުނީމާ ފެށީ ގެއަށް ނުވަދެ އުޅޭށެވެ. ހެނދުނު ތެދުވެގެންދިއަތަށް ގެއަށް ނުވަދެ 3 މަސްދުވަހު ހުރެފައި ވަރިކުރީއެވެ. ވަރިކުރިތާ ހަފްތާއެއްވެސް ނުވަނީސް ހަމަ ޑްރަގް ވިޔަފާރީގެ މައްސަލައެއްގައި ބަންދުކުރީއެވެ. 

މުޖުތަމައުގައި މިފަދަ މައްސަލަތައް އިންތިހާއަށް އިތުރުވެ އެތައް ހާސް ދަރިން އެތިބީ ބައްޕައިން ދުނިޔޭގައި ތިބެ ބައްޕަ މަރުވެފައެވެ. ކަންބޮޑުވެ އަޅައިލާނެ ފަރާތެއް ނެތެވެ. 

- ޝަޒިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން