އާދެ ލައިލަތުލް ޤަދްރި ވިލޭރެއަކީ އަހަރުތަކުގައި އަންނަ ރޭތަކުގެ ތެރެއިން ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ މާތް މަތިވެރި ކުރެއްވި ރޭކަން އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ. އަދި ހަމަ އެހެންމެ އެރޭ ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވަނީވެސް ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ރެއެއްގައި ކަންވެސް އެނގޭ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި ރަމަޟާން މަހުގެ 27 ވިލޭރެއަކީ އެއީ ލައިލަތުލް ޤަދްރި ވިލޭރޭ.
އާދެ މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ލައިލަތުލް ޤަދްރި ވިލޭރެއާ ބެހޭގޮތުން ވާރިދުވެފައިވާ ހުރިހާ ޙަދީޘްފުޅުތަކެއް ޖަމާ ކުރައްވާ، ތަޙްޤީޤީ ނަޒަރަކުން ޢިލްމުވެރިން ވިދާޅުވަނީ، އޭގެ ތެރެއިން ފަތުޙުލް ބާރީގައި އަލް އިމާމް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައި ވަނީ ލައިލަތުން ޤަދްރިވިލޭރެއަކީ ރަމަޟާންމަހުގެ ފަހު ދިހައިގައި އަންނަ ރެއެއް ކަމަށް. އަދި ފަހު ދިހައިގެ ރޭތަކުގެ ތެރެއިންވެސް އޮނަހިރި ރޭތަކުގައި ކަމަށް އެރޭ އަންނަނީ. ނަމަވެސް އެއީ ފަހުދިހައިގެ ކޮން ރެއެއް ކަމެއް ނޭންގޭކަމަށް.
އަޅުގަނޑުމެންނަށް އޮތީ މި ރަމަޟާންމަހުގެ ފަހު ދިހައިގައި (ދެން ބާކީ އިތުރަށް ހުރި ރޭތަކުގައި) އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތެއް ކުރަން، ލައިލަތުލް ޤަދްރި ވިލޭރޭ ލިބޭތޯ. ލައިލަތުލް ޤަދްރި ވިލޭރޭ މީހަކަށް ލިބިއްޖެ ކަމަށް ވެއްޖިއްޔާމު އޭނައަށް އެއޮތީ އެއްހާސް މައްސަރުގެ ޘަވާބާއި ދަރުމަ ލިބިފަ. އެއީ ގާތްގަނޑަކަށް އަޅުގަނޑުމެން އުމުރުން 82 އަހަރު ނުވަތަ 83 އަހަރު ވަންދެން އަޅުކަމުގައި، މުޅިން އަޅުކަމުގަ ހޭދަކުރުމުން ލިބޭ ޘަވާބާއި ދަރުމަ.
އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަ ވެރިކަމާ އެ އިލާޙުގެ ރަޙްމަތް އަޅުގަނޑުމެންގެ މައްޗަށް ވަނީ ވަރަށް ބޮޑަށް ތަނަވަސް ވެފަ. އަޅުގަނޑުމެންނަކީ ކުށް ފާފަ ކުރެވޭ އަޅުން. އަޅުގަނޑު މެންނަކީ އުނި ކަންތައްތައް ހުންނަ ބައެއް.
ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފަ މިވާ ފުރުޞަތަކީ އެފަދަ އުނި ކަންތައްތައް އިސްލާޙު ކުރުމަށް އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެއް. އަދި އަޅުގަނޑުމެންގެ ހެޔޮ ކަމުގެ ތިލަފަތް ބަރު ކޮށްލަން ލިބޭ ފުރުޞަތެއް.
އާދެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަފައިވަނީ (އަރަބި) " ތިޔަބައިމީހުން ލައިލަތުލް ޤަދްރި ހޯދުމަށްޓަކައި މަސައްކަތް ކުރާށޭ ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގަ. އެގޮތަށް އޮތުމުގެ މާނައެއް ނޫން، އަޅުގަނޑުމެން އެހެން ރޭތައް އިޙުމާލު ކުރުމެއް. ނޫން، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދްޔުގަ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައހި ވަސައްލަމަގެ މަންހަޖުގަ، އެކަލޭގެފާނު ދައްކަވާފައިވާ ނަމޫނާގެ ވަނީ މުޅި ރަމަޟާންމަސް އެކަލޭގެފާނު އިޙްޔާ ކުރެއްވި. އަދި އެއަށްފަހު، ފަހު ދިހައިގައި އިތުރަށް އެކަލޭގެފާނު އަޅުކަންތައްތައް ކުރެއްވީ.
އެއްގޮތަކަށްވެސް އޮނަހިރި ރޭތަކުގަ އެކަލޭގެފާނު އަޅުކަން ކުރައްވާފަ ދޫކޮށްލެއްވީކީ ނޫން. އެހެންމަ އަޅުގަނޑުމެން ދަންނަން ޖެހޭނެ ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑގެންވޭ. ﷲ ސުބުޙާނަހޫ ވަތަޢާލާ ދެނެ ވޮޑިގެންވޭ އަޅުގަނޑުމެންގެ ތެރެއިން ރަނގަޅު އަޅުންނާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާލިސް ގޮތުގައި އަޅުކަން ކުރާ އަޅުން.
އެހެންވީމަ އެ ޚާލިސް އަޅުންނަށް އިންޝާﷲ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ފަޟުލުވަންތަ ވެރިކަމާއި، އެ އިލާޙު ސުބުޙާނަހޫ ވަތަޢާލާގެ މި ރަޙްމަތް މިންވަރު ވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތް.
- ޝައިޚް ޝަފީޢު ޢަބްދުﷲ