ދެން ބާކީ އޮތް މަދުރޭކޮޅު ކަންނެތްނުވެ ހީވާގިވެލާށެވެ!

ކިޔުމަށް ހޭދަވާނީ 3މ 33ސ
ދެން ބާކީ އޮތް މަދުރޭކޮޅު ކަންނެތްނުވެ ހީވާގިވެލާށެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހަވެސް ދެބައިވެ މިއަދަކީ 25 ވަނަދުވަހެވެ. ތަފާތު ސަބަބުތައް މެދުވެރިވެ ކަންނެތްވެވުނު ބައަކުވެސް ތިބޭނެއެވެ. ބުނެލަން އޮތީ ދެރަވެ މާޔޫސްވެ ރަޖާނުލާށެވެ! ދެން އޮތް މަދުރޭކޮޅު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!  

· ލައިލަތުލް ޤަދްރި ވިލޭރޭ ހޯދެއްވުމަށް މަސައްކަތް ކުރުން 

ކީރިތި ރަސޫލާ صلي الله عليه وسلم ގެ ޙަދީޘް ކުރައްވާފައިވެއެވެ. 

التمسوا ليلة القدر في الوتر من العشر الأواخر من رمضان

މާނައަކީ " ތިޔަބައިމީހުން ރޯދަމަހުގެ ފަހުދިހައިގެ އޮނަހިރިރޭތަކުން ލައިލަތުލް ޤަދްރި ވިލޭރޭ ލިބިގަންނާށެވެ. " 

އަދިވެސް ޙަދީޘުކުރައްވާފައިވެއެވެ. 

من قام ليلة القدر إيماناً واحتساباً غُفِر له ما تقدم من ذنبه

މާނައީ: " ލައިލަތުލް ޤަދްރިވިލޭރޭ، އީމާންތެރިކަމާއެކު ﷲގެ ޙަޟްރަތުން ދަރުމަޔާ ޘަވާބަށް އެދި އަޅުކަން ކޮށްފިމީހާގެ ވޭތުވެދިޔަހާ ފާފައެއް ފޮހެވިއްޖެއެވެ." 

ލައިލަތުލް ޤަދްރި މަތިވެރިވުމުގެ ބައެއް ސަބަބުތަކުގެ އެރޭގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި، ކުރިއަށް އަންނަ އަހަރުގެ ހުރިހާ ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އެރޭ މިންވަރުކުރައްވައި ކަނޑައެޅުއްވުން ހިމެނެއެވެ. 

ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ޤަދްރު ސޫރަތުގައި 1 2 އަދި 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެެއެވެ.

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾‏ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾‏ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾‏تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾‏ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾‏

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ. (1) އަދި ليلةالقدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (2) ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. (3) ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. (4) އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ. (5)

މިއަދު އޮންލައިން