ކުރަން ފުރުޞަތު ލިބޭ ކުދިކުދި ހެޔޮ ޢަމަލުތަކުގެ ފަހަތުން ދުވެގެންވެސް އެކަން ކުރެވޭތޯ މަސައްކަތްކުރަންޖެހޭ ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ކުރަން ފުރުޞަތު ލިބޭ ކުދިކުދި ހެޔޮ ޢަމަލުތަކުގެ ފަހަތުން ދުވެގެންވެސް އެކަން ކުރެވޭތޯ މަސައްކަތްކުރަންޖެހޭ ބައެއް ސަބަބުތައް-

ބައެއް މީހުން ކުދިކުދި ހެޔޮ ޢަމަލުތަކުގެ ވާހަކަ އެކި ގޮތްގޮތަށް ދައްކައެވެ. ހީވަނީ ޢަމަލުކުޑަވެގެން ސަމާލުކަންދޭން ބޭނުންނުވާހެންނެވެ. ނަމަވެސް ވިސްނާލަންޖެހޭނެ އެއްކަމަކީ ހެޔޮ އަމަލެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވާ އެއްވެސް ކަމަކީ ކުޑަ ކަމެއް ނޫނެވެ.

ބޮޑެތި ކަންތައްތައް ކުރަން ސަމާލުކަން ދެވޭނީވެސް ކުދި ކަންތައްތައް ކުރުމުން ފަށައިގަތުމުންނެވެ. ވީމާ ކުދި ކަންތައްތައް ކުރުމަކީ ބޮޑެތި ބޮޑެތި ކަންކަން ކުރުމަށް ފަށައިގަންނަން އެޅޭ ބިންގަލެކެވެ.

ހެޔޮ އަމަލެއް ކުރުމުގެ ފުރުޞަތެއް ލިބުމުން އެއީ މާ ކުޑަކުޑަ ހެޔޮ ކަމެއް ކަމަށް ބަލައި ފަރުވާކުޑަނުކުރާށެވެ. ނުކޮށް ދޫކޮށް ނުލާށެވެ. ފަހަތުން ދުވެގެންވެސް އެކަން ކުރެވޭތޯ ބަލާށެވެ! އެހެނީ ބޮޑެތި ކަންކަން ކުރަން މާ އުނދަގޫވާނެއެވެ. އަދި ގިނަ ފަހަރު އޮންނާނީވެސް ނުކުރެވިފައެވެ.

އަމިއްލަ ދިރިއުޅުމުން މިސާލެއް ބުނެދެން ހެއްޔެވެ؟ އަހަރެން އޭސިއާގެ ޤައުމަކަށް ކުރި ދަތުރެއްގައި މިސްކިތަކުން ބައްދަލުވި މުސްކުޅިއަކު ބުނީ އޭނާގެ ދެމަފިރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރީ ގޯތީގައި ހެއްދި ފަތްޕިލާވެލި ވިއްކައިގެން ލިބުނު ފައިސާއިން ކަމަށެވެ. ހިނކަނދިފަތް ވިއްކުމަކީ އެކަމުގެ ޒާތަށް ބަލައިފިނަމަ ވަރަށް ކުޑަކުޑަކަމަކަށްވެދާނެއެވެ. ނަމަވެސް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއެކު އެކަން ކުރުމުން އިން ޝާ ﷲ އެދެމަފިރިންނަށް އެވަނީ އާޚިރަތް ހޯދިފައެވެ.

ނިކަން ވިސްނައިލަބަލާށެވެ. ތިބާ ކޮންމެ ދުވަހަކު ފަޤީރަކަށް ކާން ދެނީއެވެ. މިސާލަކަށް އެކަމަށް ދުވާލަކު 5 ޑޮލަރު ޚަރަދުކުރުމަކީ ތިބާ އަށް އެއްވެސް ކަމަކަށް ނުވެދާނެއެވެ. އަދި އެވަރު ކުޑަ ޚަރަދެއް ކުރުމުން އެ ޚަރަދު ކުރެވުނުކަންވެސް ތިބާއަށް އިޙްޞާޞް ނުވެދާނެއެވެ. ނަމަވެސް އަހަރު ނިމޭއިރު ތިބާއަށް ވާނީ 365 މީހުންނަށް ކާން ދެވިފައެވެ. 10 އަހަރު ނިމޭއިރު އޮންނާނީ 3650 މީހުންނަށް ކާން ދެވިފައެވެ. ނަމަވެސް އެކަން އެވަނީ ކުރެވި ނިމިފައެވެ. 3650 މީހުންނަށް އެއް ފަހަރާ ކާންދޭން ވިސްނައިފިނަމަ އެކަމަށް ހިނގާނެ ޚަރަދު ބޮޑުކަމުން އޮންނާނީ ނުކުރެވިފައެވެ.

(މި މިސާލު ރާއްޖެއަށް ބަލާނަމަ ހޮޓަލަކުން 30 ރުފިޔާއަށް މީހަކަށް ކެވޭނެއެވެ. ކޮންމެ ދުވަހަކު 30 ރުފިޔާ ފަޤީރަކަށް ދީގެން ކާން ދޭނަމަ އެކަން ޖީބަށް އިޙްޞާޞް ނުވެސް ކުރެވޭނެ މީހުން ވަރަށް ގިނަވާނެއެވެ. ނަމަވެސް އެމީހަކަށް 10 އަހަރު ތެރޭގައި ވާނީ 3650 މީހުންނަށް ކާން ދެވިފައެވެ.)

އަހަރެމެންނަށް ކުޑަ އެހީއެއް ކަމަށް ނުވަތަ ކުޑަ ހެޔޮ ކަމެއް ކަމަށް ހީކުރެވޭ ކަންކަން ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ ވަރަށް މަތިވެރި ކަމަކަށްވެސް ވެދާނެއެވެ. ވީމާ މިވެނި ކަމަކީ ކުޑަ ހެޔޮ ކަމެއް ކަމަށް ބަލައިގެން އަޅާނުލައި ދޫކޮށް ނުލާށެވެ. މިސާލަކަށް މަގެއްގެ ޓްރެފިކް ބަންދުވެފައިވަނިކޮށް މަގު ހުޅުވައިލަން އެހީތެރިވުމަކީވެސް ހަމަ އެތައް ބައަކަށް ކޮށްދެވޭ ހެޔޮ އަމަލަކަށްވާނެއެވެ. ކޮށްލަން ޖެހޭ ކުޑަކުޑަ ކަމަކުން އެއްފަހަރާ އެތައް ބައަކަށް ފަސޭހަވެގެންދާނެ ކަމަށްޓަކައެވެ. އެއެންމެންނަށް އެހީތެރިވުމުގެ ނިޢްމަތް އެމީހަކަށް ލިބިގެންދާނެއެވެ.

މިމޭރުމުން ބަލައިފިނަމަ ތިމާގެ ސަބަބުން މަގު ބަންދުވެއްޖެނަމަ އެއީ އެތައް ބައަކަށް ކުރެވޭ ދައްޗެކެވެ. އެކަމުގެ ސަބަބުން ފާފަވެރިވާނެ ވަރާއިމެދުގައިވެސް ވިސްނައިލަން ޖެހޭނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަންކަން ހުރީ މިމަގުން ކަމަށްވުމުން އެކަމަކީ ކުޑަކުޑަ ކަމެއް ކަމަށް ބަލައި ހެޔޮ އަމަލެއް ކުރުން ދޫކޮށް ނުލާށެވެ. ބޮޑެތި އިމާރާތްތައް ރާނާފައި ހުންނަނީވެސް އެންމެ ގަލަކުން ނޫނެއް ނޫން ހެއްޔެވެ؟ އެތައް ހާސް ކުދި ގައުތަކަކުން ނޫން ހެއްޔެވެ؟ ވީމާ ކުރާ ކުދިކުދި ހެޔޮ އަމަލުތައް ޤިޔާމަތް ދުވަހުން ބޮޑެތި ފަރުބަދަ ތަކުގެ ފެނިގެން ދިއުމަށް އުންމީދުކޮށް ހެޔޮ އަމަލުތައް ވީހައި ގިނަކުރާށެވެ! އާޚިރަތުގައި ތިބާއަށް ނަރަކައިން ސަލާމަތްވެވޭ ސަބަބަކަށްވެސް އެކަން ވެދާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން