ހުރިހާ އަޅުކަމެއްގެ ތެރެއިންވެސް ރަސޫލާ (ޞޢޥ) އެނަމާދަކަށް އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި ނަމާދު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހުރިހާ އަޅުކަމެއްގެ ތެރެއިންވެސް ރަސޫލާ (ޞޢޥ) އެނަމާދަކަށް އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި ނަމާދު-!

ޢާއިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވާ ގޮތުގައި ރަސޫލް ﷺ އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި އަޅުކަމަކީ ފަތިސް ނަމާދުގެ އިހުސުންނަތުގެ 2 ރަކްޢަތެވެ. އެކަމުގެ މިސާލު ދައްކަވަމުން އެކަމަނާ ވިދާޅުވެފައިވަނީ ހަނގުރާމައެއްގައި ނަޞްރު ލިބުމުން ޣަނީމާ މުދާ އެއްކުރަން ނުވަތަ ލިބިގަންނަން މީސްތަކުން އަވަސްވެގަންނަވަރަށްވުރެވެސް ބޮޑަށް ފަތިސްނަމާދުގެ އިހު ސުންނަތް ކުރެއްވެވުމަށް ރަސޫލާ ﷺ އަވަސްވެވަޑައިގަންނަވާ ކަމަށެވެ.

މިވާހަކަ ދައްކާއިރަށް ބުނާނީ ތިއަ ހަދީޘް އެނގޭކަމަށެވެ. ކިތަންމެ ގިނަ އަދި ކިތަންމެ ފައިދާ ބޮޑު ޙަދީޘްތަކެއް އެނގުނު ނަމަވެސް ފައިދާކުރާނީ ޢަމަލުކުރުމުންނެވެ. ނޫންނަމަ ކުރާނެ ފައިދާއެއް ނެތެވެ.

މިޙަދީޘަކީ އެންމެންނަށް ވަރަށް ރަނގަޅަށް އެނގޭ ޙަދީޘެކެވެ. ނަމަވެސް ޢަމަލުކުރެވެނީ ހާދަ މަދު މީހަކަށެވެ. އާދޭސްކޮށްފައި ބުނަމެވެ. ޤަޟާއަށް ފަތިސްނަމާދުކުރިނަމަވެސް ފުރަތަމަ އިހުސުންނަތް ކުރާށެވެ. އަދި ފަތިސް ނަމާދުގެ އިހުސުންނަތްކޮށްގެން ޖަމާޢަތުގައި ފަތިސްނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

 

ހިތާމައާއެކުވެސް ބުނެލަން އޮތީ އަހުރެމެންގެ ތެރެއިން ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެނަމާދަކަށް އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި ނަމާދަށެވެ! މިއީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހިފައިވާ ކަމެކެވެ. އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން