ބައްޕަ އަކު ރުޅިއައިސްގެން ހުރެއްޖެއްޔާ ރޯދަ ލިބޭނެތޯ؟ ބައްޕަ ދެކެ ރުޅި އައިސްގެން ހުރެއްޖިއްޔާ ރޯދަ ރަގަޅުވާނެތޯ؟ ފިފާ ރޯދައިގެ ޘަވާބު ފުރިހަމަ ގޮތުގައި ލިބޭނެތޯ؟ ފަދަ ސުވާލުތައް ކުރެވެއެވެ.
މިފަދަ ސުވާލުތައް ބައްޕަ ނުވަތަ މަންމައަށް އަމާޒުކޮށްކުރެވުނަސް ދެމީހުންނާއިމެދުގައިވެސް ހިނގާނީ އެއްޙުކުމަކަށްވުމުން ތިރީގައިވާ ޖަވާބު ވިދާޅުވާއިރު މައިންބަފައިން ނުވަތަ މަންމަ ނުވަތަ ބައްޕަ ކަމަށް ބައްލަވައިގެން ވިދާޅުވުން ރަނގަޅުވާނެއެވެ.
ފުރަތަމަ ކަމަކީ އަޅުގަނޑުމެން ރަމަޟާންމަސް އައުމުގެ ކުރިން އެއްވެސް މީހަކާ ދޭތެރޭގާ ރުޅިވެރިކަމެއް ޙަސަދަވެރި ކަމެއް ނަފްރަތެއް އޮވެއްޖެކަމަށްވަނީ ނަމަ އެކަމެއް ފިލުވާލަންވާނެ!
ސަބަބަކީ ރަމަޟާންމަސް މިއަންނަނީ، އަޅުގަނޑުމެން އެއްބައިވުމުގެ މައްސަރު އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ އަޅުގަނޑުމެންގެ ހިތުގާހުރި ރުޅިވެރިކަމެއް ހުރެއްޖެއްޔާ ފިލުވާލަންޖެހޭ މައްސަރު މިމައްސަރަކީމީ.
އެހެންވީމާ މިމައްސަރާ އަޅުގަނޑުމެން ބައްދަލުކުރާއިރުގާ އެފަދަ ނަފުރަތެއް އެއްވެސް މީހަކާމެދުގާ އޮވެގެން ނުވާނެ! ޚާއްޞަގޮތެއްގައި މައިން ބަފައިންނަށް ކުރަންޖެހޭ ޤަދަރާއި އިޙްތިރާމް ފުރިހަމަ ގޮތުގާ އަދާކުރަންޖެހޭނެ. އެޤަދަރާއި އިޙްތިރާމަށް އުނި ކަން އަތުވެދާފަދަ އެއްވެސް ކަމެއް އެއްވެސް ގޮތަކުން ކުރުމަކީ އެއީ ކޮށްގެންވާނެ ކަމެއްނޫން.
ދެން އަނެއްކަމަކީ ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފަވޭ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެގެންވާ މީހާޔަށް އޭނާގެ އަޚާދެކެ ރުޅިއައިސްގެން ވާހަކަ ނުދައްކާ ތިންދުވަހަށްވުރެ ގިނަދުވަހަށް ހުރުން ހުއްދަވެގެން ނުވެޔޭ.
އެހެންވީމާ ރުޅިއައިސްގެން ވާހަކަ ނުދައްކާ ހުރުން ތިންދުވަހަށްވުރެން އިތުރުވަންދެން ވާހަކަ ނުދައްކާ ހުރުން ހުއްދަވެގެން ނުވާއިރުގާ އަދި ކޮބައިތޯ ބައްޕަދެކެ ރުޅިއައިސްގެން އެގޮތަށް ހުރީމަ ދެން ވާނެގޮތަކީ،
އެހެންވީމާ އެއްގޮތަކަށްވެސް އެއީކީ ރަގަޅު ގޮތަކަށް ނުވާނެ އެފަދަ ކަމެއް ހިތުގާ ބާއްވާއިގެން ރުޅިވެރި ކަމެއް ބާއްވައިގެން ހުރުން. ކޮންމެ ގޮތަކަށް ވިޔަސް ބައްޕަޔަކީ ބައްޕަ އަދި ބައްޕަގެ ފަރާތުން ނުރަގަޅު ހިތްހަމަނުޖެހޭ ފަދަ ކަންތައްތަކެއް މެދުވެރިވެފާ ހުރި ކަމުގައި ވީނަމަވެސް ބައްޕައަކީ ބައްޕަކަމަށް ވާތީވެ ބައްޕަޔަށް ދޭންޖެހޭ ދަރަޖަ ބައްޕަޔަށް ދޭންވާ މަޤާމު ދީގެން ބައްޕަޔަށް އިޙްތިރާމް ކުރަންވާނެ.
ބައްޕަ އާމެދުގާ އެއްވެސް ކަހަލަ ހިތްބުރަކަމެއް ބާއްވައިގެން ނުވާނެ، އެފަދަ ކަމެއް އޮތްކަމުގައިވީނަމަވެސް އެކަމެއް ފިލުވާލާ އެކަމެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް،
އަޅުގަނޑު މިހެން ދަންނަވާއިރުވެސް އެނގޭ ފަހަރެއްގާ ދިމާވެފާ ހުންނަ ޙާދިޘާއެއްގެ ސަބަބުން ހިތުން ފިލުވާލަން އުނދަގޫވުން އެއީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް އެފިލުވާލަން އަޅުގަނޑުމެން މަސައްކަތް ކުރީމަ إنْشَاء الله އެކަން އަޅުގަނޑުމެންނަށް ކާމިޔާބު ވާނެ
އަބަދުވެސް ޝައިޠާނާ އަޅުގަނޑުމެން މަގުފުރެއްދުމަށްޓަކައި، އަޅުގަނޑުމެންގެ މެދުގާ ސުލްޙަ މަސަލަސްކަން ނަގާލުމަށްޓަކައި އަޅުގަނޑުމެންގެ މެދުގާ އޮންނަންވާ އެއްބައިވަންތަކަން ގެއްލުވާލުމަށްޓަކައި ޝައިޠާނާ މަސައްކަތް ކުރަމުން ގެންދާނެ އެނަފްރަތު ނުވަތަ އެރުޅިވެރިކަން ފިލުވާލިޔަ ނުދިނުމަށް އެހެން ނަމަވެސް އަޅުގަނޑުމެން އަބަދުވެސް ދަންނަން ޖެހޭނެ الله سُبْحَانَهُ وَتَعَالَى بيَان ކުރައްވާފައިވޭ " إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا " ހަމަކަށަވަރުން ޝައިޠާނާއަކީ ތިޔަބައިމީހުނަށްޓަކައި އެނގި ބަޔާންވެގެންވާ ޢަދާވާތްތެރިއެކޭ
އެހެންވީމާ، ޝައިޠާނާއަކީ ޢަދާވާތްތެރިއެއް ކަމުގައިބަލައިގެން ތިޔަބައިމީހުން އުޅޭށޭ! އެހެންވީމާ، އެޝައިޠާނާ އަޅުގަނޑުމެން މަގުފުރެއްދުމަށްޓަކައި އަޅުގަނޑުމެންނަށް ނިކަމެތިކަން ދިނުމަށްޓަކައި އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ގެންދާނެ މައިންބަފައިންނާ ދޭތެރޭގާ ރުޅިވެރިކަން އުފައްދަން ދަރިންނާ މެދުގާ ރުޅިވެރިކަން އުފައްދަން ގާތްތިމާގެ މީހުންނާމެދުގާ ރުޅިވެރިކަން އުފައްދަން، އަވައްޓެރިންނާ މެދުގާ ރުޅިވެރިކަން އުފައްދަން، އެގޮތަށް ގޮސް އަޅުގަނޑުމެންނަށް ނިކަމެތިކަން ލިބޭނެ އަޅުގަނޑުމެންނަށް ބަލިކަށިކަން ލިބޭނެ ހުރިހާކަންކަމެއް ކުރަން ޝައިޠާނާ އަބަދުވެސް ދާނީ ރާވަމުން އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ދަނެގެން އެކަމަށް ސަމާލުކަންދީގެން އެކަމުގެ ސަލާމަތީ ފިޔަވަޅުތައްއަޅާ ރައްކާތެރިވާން ޖެހޭނެ.
ދެން އޮތްކަމަކީ މިސާލަކަށް އަދި ތިޔަފަދަކަމެއް ހިތުގެ ތެރޭގާ ރުޅިވެރި ކަމެއް އޮތްކަމުގާވީ ނަމަވެސް އޭގެ ސަބަބުން ރޯދަޔަށް އަސަރު ކުރާނެތޯ؟ ނުވަތަ ނޫންތޯ؟ ރޯދަ ސައްޙަ ވުމާ ނުވުން އޭގެތެރޭ މައްސަލައެއްނޫން، އެހެންނަމަވެސް ރޯދައިން ލިބެންވާ ފުރިހަމަ ދަރުމަޔާއި ޘަވާބު ލިބުމުގާ ހަމަ އުނިކަމެއް އަތުވެދާނެ އިނގޭތޯ! އެއީ ސަބަބަކީ ޚާއްޞަ ގޮތެއްގާ ބައްޕަ ނުވަތަ މަންމަ ވީމާ އެމީހުންނަށް ވަރަށްބޮޑަށް އިޙްތިރާމް ކުރުމަށް ކީރިތި ޤުރްއާނުގާ އަދި ރަސޫލުﷲ ﷺ ގެ ސުންނަތުގާވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަމެއް ﷲ ފިޔަވާ އެހެންފަރާތަކަށް އަޅުކަން ނުކުރުމަށް އަމުރު ކުރެއްވުމަށްފަހުގާ ދެން އެޔާވިދިގެން އަންނަ އަމުރަކީ އެއީ މައިންބަފައިންނަށް އިޙްސާންތެރިވާށޭ،
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް