މުސްލިމް އަޚުންނޭވެ! ރަމަޟާން މަސް އަހުރެމެންނާ އަލްވަދާޢު ކިޔަނީއެވެ. ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮޢަމަލު ކުރުމަކަށް އަލްވަދާޢެއް ނުކިޔާނެއެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ ރަމަޟާން މަސް ނިމުމަށް ފަހުގައި ވިޔަސް، ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމެވެ. ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށް ދާންދެނެވެ.
އަޅުކަން ކުރުމަކީ، އަހަރެމެން ޚަލްޤުކުރެއްވުމުގެ މަޤްޞަދެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ----- މާނައީ: "ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ." އެހެންކަމުން އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނޭ ކަމެއް ނޫނެވެ. އެހެނީ ރަމަޟާންމަހުގެ ވެރި الله އަކީ، އެހެނިހެން މަސްތަކުގެވެސް ވެރި الله އެވެ. މުއުމިނުންނަކީ، ވަކި މަހެއްގައި، ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއްނޫނެވެ. މުޅި ޙަޔާތުގައި ވެސް އަޅުކަން ކުރަންޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވެއެވެ. ރަމަޟާން މަހަކީ އެފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ.
މުސްލިމް އަޚުންނޭވެ! މުސްލިމަކު ހެޔޮ ޢަމަލެއް ކުރުމަށް ފަހު، އެންމެ މުހިންމު ކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި، އެ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ދެންނެވުމެވެ. ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން މިދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައެވެ. އެހެންކަމުން ތިބާއީ ހެޔޮކަމަށް އެދޭމީހަކަށް ވާށެވެ! އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހިފާށެވެ! މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަންނާށެވެ! މާތް ނަބިއްޔާ z ޙަދީޘްކުރައްވާފައި ވެއެވެ. (مَنْ صَامَ رَمَضَانَ ثُـمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ)[1] މާނައީ: "ރަމަޟާންމަހު ރޯދަ ހިފައި އެއަށްފަހު އެއާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ." އެހެންކަމުން ޝައްވާލުމަހުގެ ހަރޯދައަށް ރައްކާތެރިވެ، ހެޔޮޢަމަލު ކުރުންމަތީ ދެމިތިބުމަށް ތިޔަ އެންމެތަކުންނަށް ނަސޭހަތްތެރި ވަމެވެ. އެހެނީ ހެޔޮ ޢަމަލުތަކަކީ ނުބައި ޢަމަލުތަކުގެ ކައްފާރާއެކެވެ.
މުސްލިމް އަޚުންނޭވެ! ގިނަގިނައިން ތައުބާވެ، މާތް ﷲ ގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެއީ ތައުބާ ޤަބޫލުކުރައްވާ، ފާފަފުއްސަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ ކޯފާއަށްވުރެ ރަޙްމަތް ތަނަވަސް ރަސްކަލާނގެއެވެ. އެކަލާނގެ ޒާތުފުޅަށް ރަޙްމަތް ލާޒިމް ކުރައްވާފައިވާ ރަސްކަލާނގެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ! އެކަމަށް އަވަސްވެގަންނާށެވެ! އެކަލާނގެ ރަޙްމަތުގެ ދޮރުކޮޅު ވަނީ، އެދޮރުކޮޅުން ވަންނަން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައެވެ.