ޚުޠުބާ: ޢުޛުރެއް މެދުވެރިވެގެން ސުންނަތް އަޅުކަމެއް ދޫވެއްޖެނަމަ، އެޢުޛުރެއް ފިލައިދިއުމުން، އެ އަޅުކަމެއް ކުރަން އަވަސްވެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
ޚުޠުބާ: ޢުޛުރެއް މެދުވެރިވެގެން ސުންނަތް އަޅުކަމެއް ދޫވެއްޖެނަމަ، އެޢުޛުރެއް ފިލައިދިއުމުން، އެ އަޅުކަމެއް ކުރަން އަވަސްވެގަންނާށެވެ!

މުސްލިމް އަޚުންނޭވެ! ނިމިގެންމިދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރިގޮތާމެދު ވިސްނާލާށެވެ! ރަމަޟާން މަހު ޤަވާއިދުން ފަރުޟު ފަސްނަމާދު އަދާކުރިފަދައިން އެ ނަމާދުތައް ކުރުން ރަމަޟާންމަހަށް ފަހުގައި ވެސް ދަމަހައްޓާށެވެ! ކޮންމެ ދުވަހަކު ޤުރްއާނުން ޞަފްޙާއެއް ނަމަވެސް ކިޔެވޭތޯ ބަލާށެވެ!  

މުސްލިމް އަޚުންނޭވެ! ހެޔޮޢަމަލުކުރުމުގައި ހީވާގިވާށެވެ! ކިތަންމެ މަދުން ކުރެވުނަސް ހުއްޓާނުލާށެވެ! އެއީ ނަބަވީ މަންހަޖެވެ. ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ. (أَحَبُّ الْأَعْمَالِ إِلَى اللهِ تَعَالَى أَدْوَمُهَا، وَإِنْ قَلَّ)[1]  މާނައީ: "މާތް ﷲ ގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް، އެ ޢަމަލެއް ކުރުމުގައި ދެމިހުންނަ ޢަމަލެވެ."

މުސްލިމް އަޚުންނޭވެ! ކުރިން ކުރެވިފައިވާ ހެޔޮޢަމަލުތަކަކީ، ގިނަގުނަ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެންނުވާނެއެވެ. އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކާ ބޮޑާވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ ޢަމަލުތައް ބާޠިލުވެދާނެއެވެ.  

މުސްލިމް އަޚުންނޭވެ! އަހަރެމެންނަށް ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހެއެވެ. ކުރެވުނު ޢަމަލުގެ ގިނަކަމުން، ސުވަރުގެ ޔަޤީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  

.... މާނައީ: ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައި ވަޑައިގަންނަވާނެތެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ބިރު ނުގަންނާށެވެ! އަދި ހިތާމަ ނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!"  

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ ހެޔޮޢަމަލު ކުރުންމަތީ އަބަދާއި އަބަދު ދެމިތިބޭ، ދުނިޔެއާއި، އާޚިރަތުގައި، އަމާންކަން ލިބިގެންވާ ބަޔަކުކަމުގައި ލައްވާނދޭވެ! އިބަ ރަސްކަލާނގެ ރަޙްމަތުން ސުވަރުގޭގެ ވާރިޘުން ކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން! 

މުސްލިމް އަޚުންނޭވެ! ބައްޔެއްގެ ސަބަބުން، ނުވަތަ ދަތުރެއްގެ ސަބަބުން، ނުވަތަ ވަރުބަލިކަމުގެ ސަބަބުން، ނުވަތަ ހަނދާންނެތިގެން ވިޔަސް، ސުންނަތް އަޅުކަމެއް ދޫވެއްޖެނަމަ، އެކަމެއް ފިލައިދިއުމުން، އެ އަޅުކަމެއް ކުރަން އަވަސްވެގަންނާށެވެ! އެހެނީ ޢުޛުރަކާހުރެ ދޫވި އަޅުކަންތަކުގެ ސަވާބު، الله ތައާލާ ފުރިހަމައަށް ދެއްވާނެތެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ. (إذَا مَرِضَ الْعَبْدُ، أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيْمًا صَحِيْحًا) [2]މާނައީ: "މީހަކު ބަލިވެއްޖެނަމަ، ނުވަތަ ދަތުރެއްގެމަތީގައި ވެއްޖެނަމަ، ސިއްޙަތު ސަލާމަތުން ރަށުގައި ޤާއިމްވެގެން ހުރިއިރު، އޭނާކުރި ހެޔޮޢަމަލަށް ލިބޭ މިންވަރަށް މާތް ﷲ އޭނާ އަށް ދަރުމަ ދެއްވާހުއްޓެވެ." ހެޔޮ ޢަމަލެއް ކުރުމަށް މީހަކު ނިޔަތްގަނެ، އެ ޢަމަލެއް ނުކުރެވުނަސް اللّٰهُ سُبُحَانَهُ وَتَعَالَىއީ، އެ ނިޔަތަށް ދަރުމަ ދެއްވާ ރަސްކަލާނގެ އެވެ.

މިއަދު އޮންލައިން