ޤުރްއާނުގެ އަހުވެރިންނަށް ޤިޔާމަތް ދުވަހު ދެއްވަވާނެ ދަރަޖަ- ކިޔެވުން ހުއްޓާލަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޤުރްއާނުގެ އަހުވެރިންނަށް ޤިޔާމަތް ދުވަހު ދެއްވަވާނެ ދަރަޖަ- ކިޔެވުން ހުއްޓާލަން ހެޔޮނުވާނެ!

އާދެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާވެފައިވަ ޙަދީޘްފުޅެއްގައިވޭ --- " ޤުރުއާނުގެ އަޙުލުވެރިޔާއަށް ބުނެވޭނެޔޭ" މާނައަކީ ޤިޔާމަތް ދުވަހަކުން އޭނަޔަށް ބުނެވޭނެޔޭ --- " ކިޔަވަމުން ދާށޭ އަދި އަރަމުން ދާށޭ" ޤުރުއާން ކިޔަވަމުން ދާށޭ އަދި އަރަމުން ދާށޭ. ---- " ތިބާ ޤުރުއާން ތަރުތީލު ކުރަމުން ދާށޭ ތިބާ ދުނިޔެމަތީގަވެސް ޤުރުއާން ތަރުތީލުކޮށް އުޅުނު ގޮތަށް، އުޅުނު ފަދައިން" --- " އެހެނީ ތިބާގެ މަންޒިލަކީ، މާނައަކީ ސުވަރުގޭގައި ތިބާގެ މަންޒިލަކީ ތިބާ އެންމެ ފަހުން ކިޔަވާ އާޔަތެކެވެ. 

ސުބުޙާނަﷲ. ނިކަން ބައްލަވާ. ޤުރުއާނުގެ އަހުލުވެރިންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފަވާ ދަރަޖަ. ޤުރުއާން ކިޔަވަމުން އަރަމުން ދާށޭ. ސުވަރުގެ ވަނީ އެއީ ދަރަޖަތަކަކަށް. އެންމެ މަތީދަރަޖަ އަކީ އެއީ "އަލް ފިރްދައުޘުލް ޢާލަ." އެއީ ސުވުރުގޭގެ އެންމެ މަތީ ސުވަރުގެ. އެހެންމަ ސުވަރުގެއަށް އަރުމުން ދާށޭ، އަރަމުން ދާށޭ. ކިޔަވަމުން ދާށޭ. ދުނިޔެމަތީގައި ތިބާ ކިޔެވި އެންމެ ފަހު އާޔަތާ ޖެހެންދެން ކިޔަވަމުން ދާށޭ. އެއިއްޔޭ ތިބާގެ ދަރަޖައަކީ ސުވަރުގޭގައި. އެހެންމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާން ކިޔަވާ މީހުންނަށް ޘަވާބާއި ދަރުމަ އަދި ސުވަރުގޭގެ ދަރަޖަ ކަނޑައަޅުއްވާ ދެއްވާފަ ވަނީ އޭނަ ކިޔަވާ ކިޔެވުމެއްގެ މައްޗަށް. އޭނަ ކިޔަވާ ކިޔެވުމުގެ މިންވަރަށް. އެހެންވީމަ އަޅުގަނޑުމެން ޤުރުއާން ގިނަގިނައިން ކިޔެވޭތޯ ބަލަންވީ ދުނިޔެމަތީގަ. ޤުރުއާނުގެ އަހުލުވެރިން ޚާއްޞަވެގެންވޭ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙާޟްރަތުގަ.

އެހެން ޙަދީޘްފުޅެއްގަ އައިސްފައިވަނީ ޤުރުއާނުގެ އަހުލުވެރިންނަކީ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަހުލުވެރިންނޭ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޚައްޞިއްޔަތުންނޭ. ޚައްޞަ ބައެއް އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގަ. 

އާދެ ރަމަޟާންމަހަކީ ޤުރުއާނުގެ މަސް. މަތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރުއާނަށް ޙާއްސަ އަހައްމިއްޔަތުކަމެއް ދެއްވި މި ރަމަޟާންމަހުގަ. އަދި ޖިބްރީލް އަމީނުވެސް ވަޑައިގަންނަވާ. ޖިބްރީލް އަމީނު ވަޑައިގެން އެ ދެބޭފުޅުން ޤުރުއާން ތަރުޠީލު ކުރައްވާ، ޤުރުއާން މުރާޖަޢާ ކުރައްވާ، ޤުރުއާން މުދަރަސާ ކުރައްވާ ހެއްދެވި. 

އެހެންވީމަ މި މަންހަޖުގަ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ސުންނަތުގަ އަޅުގަނޑުމެން ހިފަންވީ. އިންޝާﷲ، ސުވަރުގޭގެ މަތިވެރި ދަރަޖަތައް ލިބިގެންދާ ބައެއްކަމުގައި އަޅުގަނޑުމެން ވެގެންދާނެ. އިން ޝާ ﷲ 

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

 

މިއަދު އޮންލައިން