އާދެ! މާތް މަތިވެރި ތާބިއްޔަ ބޭކަލެއް ކަމުގައިވާ ޢަބްދުﷲ ބިން މުބާރަކް ރަޙިމަހުﷲ ތަޢާލާ ވިދާޅުވެފައިވޭ ވަރަށް އަގުހުރި ބަސްފުޅެއް. އެކަލޭގެފާނު ވިދާޅުވެފައިވަނީ --- " އާދެ ވަރަށް ކުޑަ ކަމެއް، އެކަން އޭނަގެ ނިޔަތުގެ ސަބަބުން ވަރަށް ބޮޑު ކަމަކަށް ބަދަލުވެގެން ހިނގައިދާނެ، އަދި ހަމަ އެހެންމެ ވަރަށް ބޮޑު ކަމެއް އޭނަގެ ނިޔަތުގެ ސަބަބުން އެއީ ވަރަށް ކުޑަކުޑަ ކަމަކަށް ވެގެން ހިނގައިދާނެ.
އާދެ! ނިކަން ބައްލަވާ މި ބަސްފުޅުގަވާ މުރާދަށް، މި ބސްފުޅުގަވާ މަފްހޫމަށް. އާދެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގަ ބޭރުފުށުގެ ޢަމަލުތަކަކީ އެ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން، އޭގައި އިޚްލާސްތެރިކަން ނުވާކަމަށް ވެއްޖިއްޔާމު.
އާދެ! ނިކަން ބައްލަވާ މިސާލަކަށް ޞަދަޤާތަށް. މީހަކު އޭނަގެ މުދަލުން ހޭދަކުރަނީ މިލޔަން ރުފިޔާ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެއީ ވައިގެ ތެރެއަށް ބުރުވާލެވޭ ވެލިކޮޅަކަށް ވެގެން ހިނގައިދާނެ. ސަބަބަކީ އޭނަ ހިތުގަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚްލާސްތެރިކަމާއެކު އެކަން ކުރެވިފައި ނެތުން. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޘަވާބާއި ދަރުމައަށްވުރެ ބޮޑަށް އޭނަ ހިތުގަ އޮތީ މީސްތަކުންގެ މަދަހާއި މީސްތަކުންގެ ފަރާތުން އޭނައަކީ ވަރަށް ދީލަތި މީހެކޭ ބުނުމުގެ ނިޔަތް. އެހެން ކަމަށް ވެއްޖެއްޔާމު އޭނަގެ އެ ޢަމަލް ވެގެންދަނީ ކުނޑިކޮޅަކަށް.
އާދެ! އެޔާ ޚިލާފަށް ވަރަށް ނިކަމެތި މީހެއް، ނަމަވެސް އޭނަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޘަވާބާއި ދަރުމައަށް އެދިގެން، އޭނަ ފަޤިރު ޙާލުގައި ހުރެގެންވެސް އެންމެ ރުފިޔާއެއް އޭނަ މި ހޭދަ ކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގުގަ. އޭނައަށް ނެތީ މާ ބޮޑު އެއްޗެއް ހޭދަކުރެވެން. ނަމަވެސް އެންމެ ރުފިޔާއެއް އޭނަ މި ހޭދަކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން. އޭނަޔަށް ޘަވާބާއި ދަރުމަ ލިބިގެންދާނެ ބޮޑެތި ފަރުބަދަ ވަރުގެ. ސުބުޙާނަﷲ. އެހެންމަ އެއީ ނިޔަތުގެ، މީހާގެ ހިތުތެރޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެއިލާޙު ސުބުޙަނަހޫ ވަތަޢާލާގެ ޘަވާބާއި ދަރުމައަށް އެދިގެން އެ އިލާޙު ސުބުޙާނަހޫ ވަތަޢާލާއަށް ހިތް ޚާލިސްކޮށްގެން އެކަން ކުރުމުގެ ސަބަބުން އޭނައަށް ލިބިގެންދާ މަތިވެރިކަން.
އާދެ! އެހެން މިސާލަކަށް ވިސްނާލަމާތޯ. ނަމާދު، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ މައްކާގެ މާތް ބިމުގަ މަސްޖިދުލް ޙާރާމްގަ ކުރާ ނަމާދަކީ އެހެން މިސްކިތްތަކުގަ ކުރާ ނަމާދާގެ އެއްލައްކަ ނަމާދާ އެއްފަދަ ނަމާދެއް. ސުބުޙާނަﷲ. އެއްލައްކަ، ނަމަވެސް މަސްޖިދުލް ޙަރާމްގަ ނަމާދުކުރާ މީހާޔަށް އޭނަޔަށް ސުމެއް ލިބިދާނެ. އެއާ ޚިލާފަށް، ރާއްޖޭގެ އާދައިގެ ރަށެއްގަ، އާދައިގެ މިސްކިތެއްގަ، ކުޑަކުޑަ ޖަމާޢަތެއްގަ ނަމާދުކުރާ މީހެއްގެ ޘަވާބާއި ދަރުމަ އުޑާއި ބިން ފުރޭހާ ވަރަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވަފާނެ އޭނައަށް.
ކޮބާތޯ ތަފާތަކީ؟ މަސްޖިދުލް ޙަރާމްގަ ނަމާދު ކުރިމީހާގެ ހިތުގަ އޮތީ ދެއްކުންތެރިކަމާ ކިބުރުވެރިކަމާ ބޮޑާކަން. ރާއްޖޭގެ އާދައިގެ މިސްކިތެއްގައި ނަމާދު ކުރި މީހާގެ ހިތުގަ އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފުއްސެވުމާއި އެ އިލާޙުގެ ރުއްސެވުމާއި އަދި އިޚްލާސްތެރިކަން. އެހެންވީމަ އުޑާޢި ބިމާހާ ތަފާތުވެގެން މިދަނީ ޘަވާބާއި ދަރުމައިގެ ގޮތުން.
އެހެންވީމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގަ ޢަމަލެއް މަތިވެގެން ބޮޑުވެގެން ދަނީ އޭގެ ނިޔަތުގެ މައްޗަށް. އެއްވެސް ޙާލެއްގަ ބޭރުފުށުން އެ ފެންނަ ޢަމަލުގެ ވަރުގަދަކަމާ ބޮޑު ކަމުގެ ސަބަބުންނެއް ނޫން. ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގެންވަނީ ހިތްތަކަށް. ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގެންވަނީ އަޅުގަނޑުމެން ޢަމަލު ކުރާއިރު އެ ޢަމަލު ކުރަނީ ކޮން ހިތަކާއިގެންތޯ.؟
އެހެންވީމަ އަޅުގަނޑުމެން މި ރަމަޟާންމަހުގައިވެސް އަޅުކަންތައްތައް ކުރަމުންދާއިރު އަބަދުވެސް ނިޔަތް މުރާޖަޢާ ކުރަންވީ. އަޅުގަނޑުމެންގެ ނިޔަތްތައް މުރާޖަޢާ ކުރަންވީ. އަބަދުވެސް އަޅުގަނޑުމެންގެ ހިތުތެރެއަށް ވައްދަންވީ ތިމަންނަ މި އަޅުކަން މި ކުރަނީ ﷲ ސުބުޙަނަހޫ ވަތަޢާލާގެ ފުއްސެވުމާއި ރުއްސެވުން އެދިގެން. އަދި އަޅުގަނޑުމެން ކުރާ އަޅުކަންތައްތަކުގެ ވާހަކަ އެހެން މީހުންނަށް ކިޔައިދީ އެހެން މީހުންގެ މަދަހައާއި ޘަނާ ހޯދުމުގެ ގޮތުން އެކަން ކޮށްގެން ނުވާނެ. އެހެނީއަޅުގަނޑުމެންގެ ޢަމަލުތައް އެހިސާބުން ބާޠިލު ވެގެންވެސް ހިނގައިދާނެ.
ﷲ ސުބުޙަނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެ ޢަމަލަކަށް ޘަވާބާއި ދަރުމަ ދެއްވުންވަނީ އެ ޢަމަލެއްގެ އިޚްލާސްތެރިކަން ހުރި މިންވަރެއްގެ މައްޗަށް. އެހެންކަމުން އަޅުގަނޑުމެން އެކަމަށް ވިސްނަންޖެހޭނެ. އަޅުގަނޑުމެން ކުރާ ހުރިހާ ޢަމަލެއް، އަޅުގަނޑުމެން ކުރާ ހުރިހާ ޢަމަލަކީ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށްޓަކައި އިޚްލާސްތެރިކަމާ ޚޫޝޫއަ ޚޫދޫއަތްތެރި ކަމާއެކު ކުރާ ޢަމަލަކަށް ހަދަން އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ