ހިތަށް އެރި ދުވަހަކު ރޯދަހިފައި އެހެން ދުވަސް ދުވަހު ރޯދަ ނުހިފައި އުޅުނު ޒުވާނަކަށް ފެނުނު ބިރުވެރި ހުވަފެނާއި މެދުވެރިވި ކަންކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ހިތަށް އެރި ދުވަހަކު ރޯދަހިފައި އެހެން ދުވަސް ދުވަހު ރޯދަ ނުހިފައި އުޅުނު ޒުވާނަކަށް ފެނުނު ބިރުވެރި ހުވަފެނާއި މެދުވެރިވި ކަންކަމުގެ ވާހަކަ-

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ދީނުގެ ކަންކަމަށް ސަމާލުކަން ކުޑަކުރެވެއެވެ. ފަރުޟް ނަމާދުތައް ނުކޮށް ދޫކޮށްލެވެއެވެ. ބައެއް ދުވަސްދުވަހު ރޯދަނުހިފައި ތިބެއެވެ. ރޯދައަށް ހުރެފައިވެސް ސިގިރެޓް ބުއިން ފަދަ ކަމެއް ކޮށްލަން ބޭނުންވުމުންވެސް އެބަ ރޯދަ ދޫކޮށްލެވެއެވެ.

ތިރީގައި އެވަނީ އެފަދަ މީހުންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ވާހަކައެކެވެ. އިން ޝާ ﷲ

އަހަރެންނަކީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. ނަމާދުވެސް ކުރަމެވެ. ހެޔޮ ލަފާ އަމަލުތައްވެސް ކުރަމެވެ. ނަމަވެސް ރޯދަ އަށް ފަރުވާ ކުޑަކުރުމަކީ އަހަރެންގެ ކިބައިގައި ހުރި ވަރަށް ނުބައި އާދައެކެވެ. ބޭރުފުށުން އަހަރެން ހުންނަނީ ރޯދައަށެވެ. ނަމަވެސް ބައެއް ދުވަސް ދުވަހު ސިއްރުން ކައިބޮއި ހަދަމެވެ.

އެއީ ރަމަޟާންމަހެއްގެ ރެއެކެވެ. ފަތިސް ނަމާދުކޮށްގެން ގެއަށްގޮސް ނިދާފައި އޮއްވައި ފެނުނީ ވަރަށް އާދައާއި ޚިލާފް ހުވަފެނެކެވެ. އަހަރެން އޮތީ ހަތަރެސްފައިގައި ޗޭނު ޖަހައި ނަރަކައަށް އެއްލާލައިފައެވެ. ކަރު ހިއްކުމާއި ބަނޑުހައިކަން އިންތިހާއެވެ. މިހެން ބުނެލުމަކުން އެ ހައިހޫނުކަން ސިފަކޮށެއް ނުދެވޭނެއެވެ. ހީވަނީ މަސް ދެމަސްވަންދެން ކާނެ ބޯނެ އެއްވެސް އެއްޗެއް ނުލިބިފައި ހުރި މީހެއް ހެންނެވެ.

އެ ހާލުގައި އޮއްވައި ފެންނަނީ އަނގަ ކައިރީގައި އަހަރެންނަށް އެންމެ މީރު ކާތަކެތި އެނބުރޭތަކެވެ. އެތަކެއްޗަކީ ދުވާލު ސިއްރުން ކެއުމަށްޓަކައި އަހަރެން ކޮޓަރިއަށް ވައްދާފައި އަބަދުވެސް ބަހައްތާ ތަކެއްޗެވެ. އަނގައާއި ހަމައަށް އައުމުން އަހަރެން އެތަކެތި ކެއުމުގެ ބޭނުމުގައި އަނގަ ޖަހަމެވެ. އަނގަޖަހާއިރަށް އެ އެއެތި ބަދަލުވެގެންދަނީ ނުބައި ސިފައަކަށް އޮންނަ އެއްޗަކަށެވެ. ބޮޑެތި ބިޔަ ކަށިތައްވެސް ފަޅާފައި ހުރެއެވެ. ކާން ބޭނުން ނުވިނަމަވެސް ކެވެއެވެ. ކަރުން އެތެރެވެގެންދަނީ ކަރާއި ގޮހޮރު އިރަމުންނެވެ. އެ ވަގުތު އަޅާ ވޭނުގެ ގަދަ ކަމުގެ ވާހަކަ ހާމަކޮށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެންމެ ހައިރާންވާ ކަމަކީ ކަރުން އެތެރެވެގެންދާ ބާރު ސްޕީޑުގައި ގޮސް ފޫކޮޅުން ނުކުމެގެންވެސް ދާކަމެވެ.

މިފަދަ ޙާލުގައި އުޅެނިކޮށް އަހަރެންނަށް ނިދީން ހޭލެވިއްޖެއެވެ. ބިރުން ތުރުތުރު އަޅައެވެ. މުޅިހަށިގަނޑުން ވަނީ އޮއްދާ ހިއްލައިފައެވެ. ގައިން ފޭބި ދަލުން މުޅި ތަންމަތި ވަނީ ފޯވެފައެވެ. އަހަރެން އަމިއްލަ ނަފުސާއި ސުވާލުކުރީމެވެ. މިއީ ކީއްވެގެން ފެނުނު ހޮވަފެނެއް ބާވައެވެ! ދެލޯ މަރާލައިގެން އޮވެ ވިސްނައިލުމުން ވިސްނުނީ މިއީ އަހަރެން ރޯދަ ނުހިފާތީ ފެނުނު ހުވަފެނެއް ކަމެވެ.

އެއިރު ހެނދުނު 7 ޖަހަނީއެވެ. އެނދުން ފައިގައިގެން ހިނގައިގަންނަން އުޅުމުންވެސް ތުރުތުރުއަލާފައި ވެއްޓުނީ ބިންމައްޗަށެވެ. ހިތްވަރުކޮށްލާފައި ތެދުވެގެން ގޮސް ފެންވެރީމެވެ. ކޮޓަރީގައި ޟުޙާ ނަމާދުކުރީމެވެ. އެއަށްފަހު ދެން ދުވަހަކު ވެސް ރޯދައެއް ދޫނުކުރަން ﷲ ތަޢާލާ ގަންދީ ހުވާކުރީމެވެ. އަދި އެދުވަހުން ފެށިގެން ކޮންމެ ދުވަހަކު ރޯދަ ހިފަން ފޭށީމެވެ.

އެދުވަހަކު އެވާހަކަ އެއްވެސް މީހަކާއި ހިއްޞާއެއް ނުކުރަމްވެ. ނަމަވެސް 3 ދުވަސް ފަހުން މިސްކިތުން ބައްދަލުވި ޝައިޚަކާއި ހިއްޞާކުރީމެވެ. ޝައިޚް ވިދާޅުވިއެވެ. "ވީކަމެއް ވެދިއައީއެވެ. ރޯދަ ހިފަން ސަމާލުކަން ދޭށެވެ. ތިއަ ހުވަފެނަކީ ތިބާ ނަރަކައިން ސަލާމަތް ކުރެއްވެވުމަށް ﷲ ތަޢާލާ މެދުވެރިވި ސަބަބަކަށްވެދާނެއެވެ. އެކަމަށްޓަކައި ﷲ ތަޢާލާ އަށް ޝުކުރުވެރިވުން ގިނަކުރާށެވެ. ޝުކުރުވެރިވުން ގިނަކުރުމަކީ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. އަދި ވީހައި އަވަހަކަށް ތިބާ ނުހިފައި ދޫކޮށްލި ރޯދަތައް ހިފައި ޤަޟާކުރާށެވެ."

ﷲ ތަޢާލާގެ ވާގިފުޅާއިއެކު އެކަން އަހަރެން ކުރާނަމެވެ. އަހަރެންނަށް ދޫކޮށްލެވިފައިވާ ހުރިހާ ރޯދައެއް ހިފައި ޤަޟާކުރާނަމެވެ. އަހަރެން މިވާހަކަ ނޫހަކަށް މި ހިއްޞާކުރީ އަހަރެންގެ މިހުވަފެނުން އަހަރެން ފަދަ އެހެން މީހުންނަށް ޢިބްރަތަކަށެވެ. އަހަރެން ފަދައިން ރޯދަ ހިފުމުގައި ފަރުވާ ކުޑަކުރެވޭ މީހުންނަށް ޢިބްރަތަކަށެވެ.

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން