ރޯދަމަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނަން މަސައްކަތްކޮށްފި މީހާ އެކަމުގެ ފައިދާ މުޅި ޢުމުރުގަވެސް ދެކޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރޯދަމަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނަން މަސައްކަތްކޮށްފި މީހާ އެކަމުގެ ފައިދާ މުޅި ޢުމުރުގަވެސް ދެކޭނެ! އިން ޝާ ﷲ

ރަމަޟާން މަސް އައުމުން އެމަހުން ލިބެންޖެހޭ ތަމްރީން އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަން ގަދައަޅައި މަސައްކަތްކޮށްފިނަމަ އެކަމުގެ ފައިދާ މުޅި އުމުރުގައިވެސް ކުރާނެއެވެ. ރަމަޟާން މަހުގެ ފައިދާތަކުގެ ތެރޭގައި މީހާ ނަރަކައިން ސަލާމަތްވެވޭނެ ހުރިހާ ޙިކުމަތްތްކެއް ވެއެވެ! ފުރުޞަތުގެ ބޭނުން ހިފުމަކީ އެމީހާގެ ކިބައިގައި އޮތް ކަމެކެވެ.

ވިސްނާށެވެ! އަހަރުގެ 12 މަސްތެތެރެއިން އެންމެ މަހެއްގައި ރޯދަހިފުން ފަރުޟު ކުރައްވަވާފައިވަނީ ވަރަށް ބޮޑު ޙިކުމަތަކަށްޓަކައެވެ. އެއީ އެމަހަކީ އަހަރު ދުވަހު ތިމާ ފޭލްވީ ކަންކަން ލިބިގަންނަން އަލުން މަސައްކަތް ފެށުމެވެ. ވީމާ ބައެއް ޢިލްމުވެރިން ރަމަޟާން މަސް ސިފަކުރައްވަވަނީ ތަމްރީނުތައް ހަދައި އީމާންކަން ތާޒާކުރުމުގެ މަހެއްގެ ގޮތުގައެވެ.

މިސާލަކަށް ބަލަންވީ މިލިޓަރީ ޓްރޭނިންގ ހަދާ މީހުންނެވެ. ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ވަންދެން އެމީހުން ވަރަށް ވަރުގަދަ ޓްރޭނިންގތައް ހަދައެވެ. ބުރަ މަސައްކަތްތައް ކުރެއެވެ. ކާމިޔާބު ކަމާއިއެކު އެ ޓްރޭނިންގތައް ނިންމައިގެން ހުރި މީހަކު ފަހުން އާދައިގެ ޖިމަކަށް ވަދެ ކަސްރަތުކުރަން ވެއްޖެ ނަމަ އެކަން އެމީހާއަށް ވާނީ ބޮޑު ޖޯކަކަސް ނޫން ހެއްޔެވެ؟ އެހެނީ އޭނާ އެހެރީ ކުރިން މާވަރުގަދަ ކަންތައްތަކެއް މާ ގިނައިރު ކޮށް އެކަންކަމަށް ހޭނިގެންނެވެ.

ރަމަޟާން މަހުގެ ޓްރޭނިންގ އަކީވެސް ހަމަ އެފަދަ ކަމެކެވެ. ރަމަޟާން މަހުގެ ޓްރޭނިންގ ފުރިހަމަކޮސްފި މީހަކަށް ރަމަޟާން މަސް ދިއުމުން ދެން ކުރަން ޖެހޭ އަޅުކަންތައްތައް ކުރުން ވާނީ ފެންބުއިން ހައި ފަސޭހަ ކަމަކަށެވެ. މިސާލަކަށް ކޮންމެ ރެއެއްގެ ތަރާވީޙް ނަމާދާއި ދަމުނަމާދާއި ވިތުރި ކުރި މީހަކަށް އެނޫން މަސްތަކުގައި ވިތުރީގެ 3 ރަކްއަތް ކޮށްލުމަކީ އެއްވެސް ބުރައަކަށް ނުވާނެއެވެ. ރަމަޟާން މަހު 1 ޚަޠިމް ނުވަތަ 2 ޚަތިމް ކުރި މީހަކަށް ފަހުން ދުވާލަކު ފޮތެއް ކިޔަވައިލުން ވާނީ ކޮން ބުރަކަމަށް ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން