ޢަލީ އިޙްޞާން ފިރާޤް
ބަދުރުހަނގުރާމައަކީ ޙައްޤާއި ބާތިލާދެމެދު ހިނގަމުން ދިޔަ ކަންތައްތަކުގެ ނިޔާ ކަނޑައެޅުނު ހަނގުރާމައެވެ. އެ ހަނގުރާމަ ހިނގަން މެދުވެރިވި ސަބަބުތަކާއި އެ ހަނގުރާމައިގެ ކަންތައްތަކަކީ ސީރަތު ފޮތްތަކުގައި ވަރަށް ތަފްސީލުކޮށް ބަޔާންވެފައި ހުންނަ ކަންތައްތަކެވެ. މި ލިޔުމުގައި އެކަންތައްތަކުގެ ތަފްސީލަށް ދާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ.
ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި މުސްލިމުންގެ އަދަދަކީ 300 އާއި 317 އާ ދެމެދުގެ އަދަދެއްގެ މުޖާހިދުންނެވެ. ހަނގުރާމައިގެ ފުރިހަމަ ހަތިޔާރެއް ސަވާރުވާނެ އަސްތަކެއް މުސްލިމުންގެ އަތަކު ނެތެވެ. މުޅި ލަޝްކަރުގައިވެސް އޮތީ އެންމެ ދެ އަހެވެ. އެއީ ޒުބައިރު ބުނުލްޢައްވާމު ރަޟިޔަﷲ ޢަންހު އާއި މިޤްދާދު ބިން އަސްވަދު ރަޟިޔަﷲ ގެ އަސްކޮޅެވެ. ލަޝްކަރުގައި މުޅިއަކު އޮތީ އެންމެ ހަތްދިހަ ޖަމަލެވެ. ކޮންމެ ތިންމީހަކަށް ކަހަލަ ގޮތަކަށް ޖަމަލެކެވެ. ސަވާރުވަނީ އެއްބޭކަލަކަށްފަހު އަނެއްބޭކަލެވެ.
މުސްލިމުންގެ ލަޝްކަރާ އަޅާ ބަލާއިރު މުޝްރިކުންގެ ލަޝްކަރަކީ ބޮޑު ލަޝްކަރެކެވެ. މީސްގިނަ ލަޝްކަރެކެވެ. ތަކެއްޗާއި ހަނގުރާމައިގެ ހަތިޔާރު ގިނަ ލަޝްކަރެކެވެ. އެ ލަޝްކަރުގައި 1300 ހަނގުރާމަވެރިން އައެވެ. އޭގެ ތެރޭގައި 600 އަސްވާރުންނާއި، ދަހަނާއެޅި 300 މީހުން ހިމެނެއެވެ. އެބައިމީހުން އައީ އިސްލާމުންގެ ނަން ދުނިޔެއިން ފޮހެލުމަށްޓަކައި ކުރަންޖެހޭ އެންމެހައި ތައްޔާރީތަކެއް ކޮށްގެނެވެ. އަޅަން ޖެހޭ ހުރީ ފިޔަވަޅުތަކެއް އަޅައިގެންނެވެ.
އިސްލާމީ ތާރީޚުގައި ނުވަތަ އިންސާނީ ތާރީޚުގައި ފާހަގަކޮށްލެވޭ މި މުހިންމު ޣަޒުވާ ހިނގައިފައިވަނީ ހިޖްރައިން ދެވަނަ އަހަރުގެ ތެރޭގައެވެ. އެއަހަރު ގެ ބަރަކާތްތެރި ރަމަޟާންމަހުގެ 17 ވީ ހުކުރު ދުވަހެއްގައެވެ. ކުރިންވެސް ދެންނެވިފައިވާނެ ފަދައިން މުސްލިމުންގެ ލަޝްކަރީ މާއްދީގޮތުން މާގިނަ ހަތިޔާރެއް ނުވަތަ މުޖާހިދުނެއް ތިބި ލަޝްކަރެއްނޫނެވެ. ނަމަވެސް އެބައިމީހުންގެ ހިތްތަކުގައިވަނީ އިމާންކަމުގެ ސާބިތުކަމެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ލޯތްބެވެ. އިސްލާމްދީނުގެ މަގުގައި ޤުރްބާންވުމުގެ ޖޯޝެވެ.
މާތްﷲ ގެ ފުރިހަމަ މަދަދާއި އިނާޔަތުގެ މަތީން ހަނގުރާމައިގައި ކާމިޔާބު ލިބުނީ މުސްލިމުންނަށެވެ. މި ހަނގުރާމައިގައި އަރަހުށި މާތްﷲ މަލާއިކަތްބޭކަލުން ފޮނުއްވައިގެން މުސްލިމުންގެ ލަޝްކަރަށް މަދަދު ކުރެއްވިއެވެ. އަންފާލު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ﴿٩﴾
"ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. ملائكة ންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ."
ބަދުރު ހަނގުރާމަ ނިމިގެންދިޔައީ މުސްލިމުންގެ ފުރިހަމަ ކާމިޔާބާއި ނަސްރު ލިބިގެންނެވެ. މިހަނގުރާމައިގައި މުޝްރިކުންގެ ބޮޑުންކުރެ ނުބައިކަމަށް އަރާތިބި އެތައް ބަޔަކު ޤަތުލުވެގެން ދިޔައެވެ. މި އުއްމަތުގެ ފިރުއަޢުނު ޤަތުލުވީވެސް މިހަނގުރާމައިގައެވެ.