ބަދުރު ހަނގުރާމަ މުސްލިމުންނަށް ދިން އެންމެ ބާރުގަދަ މެސެޖް: ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް އެންމެ ފައިދާކުރާނެ މެސެޖް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބަދުރު ހަނގުރާމަ މުސްލިމުންނަށް ދިން އެންމެ ބާރުގަދަ މެސެޖް: ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް އެންމެ ފައިދާކުރާނެ މެސެޖް!

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ވަކިވެގެން ދިއުން މިއޮތީ ދާދިގާތުގައެވެ. އެހެންކަމުން ރަމަޟާން މަހާއި ގުޅިފައިވާ ކަންކަމުގެ ތެރެއިންވެސް ބަދުރު ހަނގުރާމައަކީ މުސްލިމުން އަބަދުވެސް ހަނދާންކުރާނެ އެންމެ އަގުހުރި އެއް ފިލާވަޅެވެ. 

ބަދުރު ހަނގުރާމައަކީ އެހަނގުރާމައިން ވަރަށް ގިނަ ފިލާވަޅުތައް ދަސްކުރަންޖެހޭ ހަނގުރާމައެކެވެ. މުސްލިމުންގެ ލަޝްކަރުގައި އެންމެ 313 ބޭކަލުންނެވެ. މުޝްރިކުންގެ ކޮޅުގައި 1000 މީހުންނެވެ. މުސްލިމުންގެ އަތުގައި މާގިނަ ހަތިޔާރެއްވެސް ނެތެވެ. މުޝްރިކުންގެ އަތުގައި ހަތިޔާރާއި ވަސީލަތްތައް ހުއްޓެވެ. 

އެހެންކަމާއިއެކުގައިވެސް ނަޞްރު ލިބުނީ މުސްލިމުންނަށެވެ. ސަބަބު މިއޮތީފެންނާށެވެ! 

"ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، ބަދުރު ހަނގުރާމައިގައި ﷲ، ތިޔަބައިމީހުންނަށް ނަޞްރު ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ޝުކުރު ވެރި ވުމަށްޓަކައެވެ." (އާލްޢިމްރާން: 123) 

ބަދުރު ހަނގުރާމައިގެ ވާހަކަތަކަކީ ކޮންމެ މުސްލިމަކުވެސް ވަރަށް ރަނގަޅަށް ދަންނަ ވާހަކަތަކެކެވެ. އެހެން ކަމުން އެކަންކަމުގެ ތަފްޞީލުތަކަށް ދިއުމުގެ ބަދަލުގައި ބުނެލަން ބޭނުންވަނީ ހަމަ އެންމެ ވާހަކައެކެވެ. 

އެއީ ބަދުރު ހަނގުރާމައިން ލިބިދޭ އެންމެ ބޮޑު އެއް ފިލާވަޅުގެ ވާހަކައެވެ. އެފިލާވަޅަކީ ލަޝްކަރު ކިތަންމެ ކުޑަނަމަވެސް އެބައަކާއެކު ﷲ ތަޢާލާ ވޮޑިގެންވާނަމަ ނަޞްރު ލިބޭނީ އެބައަކަށް ކަމެވެ. އަދި ޙައްޤުމަގުގައި ސާބިތުވެ ތިބިނަމަ މުސްލިމުންނަށް ނަޞްރު ދެއްވަވާނެކަމެވެ. 

އެކަން އެގޮތަށް މެދުވެރިކުރައްވަވާނީ ހަތިޔާރުހިފައިގެން ނުކުމެ ކުރާ ހަނގުރާމަތަކުގައެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް އަދި ދިރިއުޅުމަކީވެސް ހަނގުރާމައެކެވެ. ވީމާ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އޮތީ ހަމަ އެގޮތެވެ!  

ބައެއް ފަހަރު ޢާއިލާގެ ތެރޭގައި ހިނގާ ކަމެއްގައި ގޭގެ އެންމެން ތިބާ އާއި ދެކޮޅަކަށް ތިބެދާނެއެވެ. ތިބާއަށް ހުންނަން ޖެހުނީ އެކަނި އެއްކޮޅުގައި ކަމަށްވެސް ވެދާނެއެވެ. ޔަޤީންކުރަންވީ ތިމާ މިހުރީ ޙައްޤުމަގުގައި، ޙައްޤު ގޮތުގައި ކަމެވެ. ދެން ކުރަން އޮތްކަމަކީ ގިނަގިނައިން ދުޢާކުރުމެވެ. ނަޞްރު ދެއްވެވުން އެދިއެވެ. ދެން ޔަޤީންކުރަންވީ ތިމާއަށް ﷲ ނަޞްރު ދެއްވަޥާނެ ކަމެވެ. 

މި ބަޔާންކުރިމަގުން ޢަމަލުކުރާމީހާ ދުވަހަކުވެސް ބާކީވެގެން ނުދާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން