އިސްލާމް ދީނަކީ އިންސާނުންނަށް ތަކްލީފްތައް ޖައްސުވާ ދީނެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ލުއިފަސޭހަ ގޮތްތައް ވެއެވެ. އެގޮތުން ރޯދަ ހިފުމުގައި ގާތުން ކިރުދޭ މައިންނަށްވެސް ލުއި ފަސޭހަކަން ވަނީ ދެއްވަވައިފައެވެ.
ގާތުން ކިރުދޭ މައިންނަށް ފަހުން ޤަޟާކުރާ ގޮތަށް ރޯދަ ދޫކޮށްލުން ވަނީ އެކަނބަލުންގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ. (އެއީ ޖާއިޒު ކަމެކެވެ. ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެކެވެ.)
ގާތުން ކިރުދިނުމުން އެއްވެސް ތަކްލީފެއް ކުރިމަތިނުވާނަމަ، ރޯދައަށް ހުރިނަމަވެސް ކިރުއެރޭނަމަ، ރޯދަތައް ނުހިފައި ދޫކޮށްލާކަށް ނެތެވެ. އެކަމުގައި އޮތީ އެމީހާގެ ކިބައިގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަން ހުރި މިންވަރެކެވެ.
ބަލިވެ އުޅެންޖެހުން، ދަތުރެއްގެ މަތީގައި އުޅެންޖެހުން ފަދަ ތަކްލީފެއްގައިވާ މީހުންނަށް ރޯދަ ނުހިފައި ދޫކޮށްލުން ހުއްދައެވެ. އިސްލާމް ދީނުގައި އެއްވެސް މީހަކަށް ނުއުފުލެވޭވަރުގެ ތަކްލީފެއް އުފުލާކަށް ނުޖައްސަވައެވެ.
ތިމާގެ ޙާލަތު މީސްތަކުންގެ ކުރިމަތީގައި އޮޅުވާލެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ ކޮންމެ ކަމެއްގައިވެސް އޮތީ ތެދުވެރިވެ އިޚްލާޞްތެރިވުމެވެ.
- ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދުގެ ބަސްފުޅަކުން