ކިތަންމެ ގިނައިން ހެޔޮ ޢަމަލުކޮށްފައިވީނަމަވެސް ބުރަދަނެއް ނެތްނަމަ ކުރާނެ ފައިދާއެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކިތަންމެ ގިނައިން ހެޔޮ ޢަމަލުކޮށްފައިވީނަމަވެސް ބުރަދަނެއް ނެތްނަމަ ކުރާނެ ފައިދާއެއް ނެތް!: މުފްތީ މެންކް

ދުނިޔަވީ މިޘާލަކުން ފަށާނަމެވެ. މަސައްކަތެއް ކުރުވުމުގެ އެއްބަސްވުމެއްގެދަށުން މަސައްކަތްކުރިނަމަވެސް ކުރި މަސައްކަތް، މަސައްކަތްކުރުވި ފަރާތުން ކުރަން ބުނެފައިވާ ފެންވަރަށް ނުކުރާނަމަ އެ މަސައްކަތް ބަލައެއް ނުގަންނާނެއެވެ. އުޖޫރައެއްވެސް ނުދޭނެއެވެ. އެމަސައްކަތްވާނީ އެމީހަކު ކުރި ބޭކާރު ކަމަކަށެވެ. 

އަޅުކަން ކުރުމުގައިވެސް އޮތީ ހަމަ އެގޮތެވެ! ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްބައަކީ ދުނިޔޭގައި ތިބެ އެތައްބައިވަރު ހެޔޮ ޢަމަލުތަކެއް ކޮށްފައިވީނަމަވެސް ޤިޔާމަތްދުވަހު އެ ޢަމަލުތަކުން އެއްވެސް މަންފާއެއް އެމީހަކަށް ނުކުރާނެ މީހުންނެވެ. 

އެހެނީ ޤިޔާމަތް ދުވަހު ތިބާގެ އަމަލުތަކުގެ ހިސާބު ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާއިރު ބައްލަވައިވޮޑިގަންނަވާނީ ތިބާ ކުޅަ އަމަލުތަކުގެ "ކޮލިޓީ" އަށެވެ. އެކަން އޮންނާނީ ބުރަދަނުގެ މައްޗަށެވެ. ކުރާ ޢަމަލުގައި ބުރަދެއް ހުންނާނީ އިޚްލާޞްތެރިކަމާއިއެކު ކުރުމުންނެވެ. 

ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ ހެޔޮ ޢަމަލުކުރި އަދަދަކަށް ނޫނެވެ. މިބުނާ ވާހަކައަކީ ކިތަންމެ ގިނަ ހެޔޮ ޢަމަލުކޮށްފައިވީނަމަވެސް، މިލިއަނުން ހެޔޮ އަމަލުތައް ކުރި ނަމަވެސް އެ އަމަލުތަކުގައި ބުރަދަނެއް ނެތް ނަމަ ޤިޔާމަތް ދުވަހު ހިސާބު ބައްލަވާއިއރު އެއަމަލުތަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

ކޮންމެ ކަމެއް ކުރިނަމަވެސް ހަނދާނުގައި ބަހައްޓާށެވެ.  ﷲ ތައާލާ ބައްލަވައިވޮޑިގެންވަނީ އެމީހާގެ ހިތަށެވެ. ވީމާ ހިތުގައި އިޚްލާޞްތެރިކަން ނެތި ކުރާ ހެޔޮ ކަމުގެ އެއްވެސް ފައިދާއެއެ ނުކުރާނެއެވެ.

- މުފްތީ މެންކްގެ ދަރުސަކުން   

މިކަމުގެ އިތުރު ތަފްޞީލު ދެއްވަވަމުން ބައެއް ޢިލްމްވެރިން ވިދާޅުވެފައިވެއެވެ. 

މީހަކު ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދާއި އެތައް ބައިވަރު ސުންނަތް ނަމާދުތައް ކުރެއެވެ. ނަމަވެސް ﷲ ތަޢާލާ ޤަބޫލުކުރައްވަވާނެ ފެންވަރުގައި، ޚުޝޫޢަތްތެރިކަމާއިއެކު އެންމެ ނަމާދެއްވެސް ނުކުރެއެވެ. ވީއިރު އެކަމުން އެމީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއިގެ ބަދަލުގައި މީހަކަށް ކުރެވޭ ސުންނަތް ނަމާދުގެ އަދަދު މަދު ނަމަވެސް އޭނާ ނަމާދުކުރަނީ ޚުޝޫއަތްތެރިކަމާއިއެކުގައި ކަމަށްވާނަމަ އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ.

 

 

މިއަދު އޮންލައިން