ދަރިންނަށް ކިރުދޭ މައިންގެ ތެރޭގައިވެސް އަދި މާބަނޑު އަނހެނުންގެ ތެރޭގައިވެސް ރަމަމާން މަހުގެ ރޯދަ ހިފުން ޞިއްޙީ ސަބަބުތަކާއިހުރެ ތަކްލީފަކަށްވާ މީހުން ތިބޭނެއެވެ. އެފަދަ މައްސަލައެއް ހުރި މީހަކުނަމަ ޢަމަލުކުރަންވީ ގޮތުން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
މާބަނޑުއަންހެނުންނާއި ކިރުމައި މީހުންގެ ޙުކުމަކީ ބަލި މީހުންނާއިދަތުރުވެރިންގެ ޙުކުމެވެ. އެފަދަ މީހުން ރަމަޟާން މަހުގެ ރޯދަދޫކޮށްލުމަށްފަހު، އެހެން ދުވަހެއްގައި އެރޯދަ ގަޟާ ކުރާނީއެވެ. ރޯދަދޫކޮށްލާފައިވަނީ އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުމެއް ލިބިދާނެތީކަމަށްވިޔަސް، ނުވަތަ ދަރިފުޅަށް ގެއްލުމެއްވެދާނެތީވެ ނަމަވެސް އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(إِنَّ اللَّهَ تَعَالَى وَضَعَ عَنْ الْمُسَافِرِ الصَّوْمَ وَشَطْرَ الصَّلاةِ ، وَعَنْ الْحَامِلِ والْمُرْضِعِ الصَّوْمَ)
މާނައަކީ: "ދަތުރު ވެރިޔާގެ މައްޗަށްނަމާދުގެ ދެބައިކުޅަ އެއްބައި ﷲ ލުއި ކުރައްވައިފިއެވެ. އަދި ރޯދަ ހިފުންމާފްކޮށްދެއްވައިފިއެވެ. ހަމައެފަދައިން މާބަނޑު އަންހެނުންނާއިކިރުމައިންނަށްވެސް ރޯދަ މާފްކޮށްދެއްވައިފިއެވެ".
މާބަނޑުއަންހެނުން ރޯދަ ދޫކޮށްލަނީ އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުންލިބިދާނެތީ ކަމަށްވިޔަސް ނުވަތަ ދަރިފުޅަށް ގެއްލުމެއް ވެދާނެތީނަމަވެސް،އެމީހުންގެ ޙުކުމަކީ ބަލި މީހުންގެ ޙުކުމެވެ. އެމީހުން ރޯދަ ދޫކޮށްލުމަށްފަހު އެހެން ދުވަހަކުން އެރޯދަތައް ގަޟާ ކުރާނީއެވެ. ސޫރަތުލް ބަގަރާގެ 185ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.
(وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ)
މާނައަކީ: " އަދިބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ".
ނަމަވެސްއެކަނބަލުންގެ އަމިއްލަ ނަފްސަށް ނުވަތަ ދަރިފުޅަށް ރޯދަ ހިފުމުންގެއްލުމެއް ވެދާނެ ކަމުގެ ބިރެއް ނެތްނަމަ ރޯދަ ހިފަން ޖެހޭނެއެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.
(فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ )
މާނައަކީ: " ފަހެ،ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ، އެމަހުގެ ރޯދަ ހިފާހުށި ކަމެވެ!". والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް