ތިބާ ކުރާ އަޅުކަމާ ހިފާ ރޯދަތައް ﷲ ތަޢާލާގެ ޙަޟްރަތަށް ނުފޯރައި ތާށިވެދާނެކަމަށް ބިރުގަނޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ތިބާ ކުރާ އަޅުކަމާ ހިފާ ރޯދަތައް ﷲ ތަޢާލާގެ ޙަޟްރަތަށް ނުފޯރައި ތާށިވެދާނެކަމަށް ބިރުގަނޭހެއްޔެވެ؟

ރޯދަ ކައިރިވާވަރަކަށް ހިތް ޠޯހިރުކުރުމުގެ މުހިންމުކަން ބޮޑުކަމުގެ ވާހަކަ ދައްކަންޖެހެނީ ސާފުހިތަކާއިގެން ނޫނީ ރޯދަ ނުހިފޭނެތީއެވެ! މީހެއްގެ މައްޗަށް ހިތުގައި އޮންނަ ހަސަދަވެރިކަމެއްގެ ސަބަބުން ތިބާކުރާ އަޅުކަމާ ބުރަމަސައްކަތުން ހިފާ ރޯދަތައް ﷲ ތަޢާލާގެ ޙަޟްރަތަށް ނުދެވި ތާށިވެދާނެކަމުގެ ބިރު ބޮޑުކަމުންނެވެ. 

މުސްލިމުންނަކީ އަބަދުވެސް ފިތުނަވެރިކަމުން ހިތްތައް ޠާހިރުކޮށްގެން ތިބެންޖެހޭ ބައެކެވެ. ޚާއްޞަކޮށް މިއަހަރުގެ އަޅުކަމުގެ މޫސުމާއި، ބަރަކާތްތެރި ރަމަޟާން މަހާއި ކުރިމަތިލާއިރު ހިތްތައް ފިތުނަވެރި އެންމެހައި ކަންކަމުން ޠާހިރުކޮށްގެން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. 

އަބަދުވެސް ބުނާފަދައިން ފިތުނަވެރިކަމަކީ ހަސަދަވެރިކަމެވެ. ހަސަދަވެރިކަމަކީ ތިމާކުރާ ހެޔޮ އަމަލުތައް އަލިފާން ދަރު އަންދައިލާ އުޞޫލުން އަނދައި ހުސްކޮށްލާ އެއްޗެކެވެ. ވީމާ ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމާއި ކުރިމަތިލާއިރު ހިތުގައި ހަމަ އެކަކާއިމެދުވެސް އެއްވެސް ފިތުނަވެރިކަމެއް ބާއްވައިގެން ނުވާނެއެވެ. 

ދެމީހެއްގެ މެދުގައި އުފެދޭ ޚިޔާލުތަފާތުންވުންތައް އެހެން މީހުންނާ ހިއްސާކުރުން ފަދަ ކަންކަން ކުރަންވާނީ ދެމީހުންގެ މެދުގައި މަޝްވަރާކޮށް އެކަމަށް ގޮތެއް ނުފެނުނު ނަމައެވެ. އެބަހީ އެކަމަކަށް ދެމީހުން ދެމީހުންނަށް އެއްބަސްވެވޭ ހައްލެއް ނުފެނިއްޖެނަމައެވެ.  މިފަދަ މަޝްވަރާތައް ކުރަންޖެހޭނީ ރުޅިވެރިކަމެއް ނެތިއެވެ. ދެމީހުންކުރެ އެކަކުވެސް ރުޅި އިސްކޮށްފިނަމަ ކަންކަން ދާނީ ގޯހުން ގޯހަށެވެ. ފުރުޞަތުބަލައި ދެމީހުންގެ މެދަށް ޝައިޠާނާ ވަދެގަންނާނެތީއެވެ. 

ދީނުގެ ކަންކަމުގައިވެސް އަމަލުކުރަންވާނީ ހަމަ މިގޮތަށެވެ. މީހެއްގެ ކިބައިން ތިމާ ކަންބޮޑުވާފަދަ އެއްވެސް މައްސަލައެއް ފެނިއްޖެނަމަ ނުވަތަ ކަމެއް ފާހަގަކުރެވިއްޖެނަމަ ފުރަތަމަ ދެމީހުންގެ މެދުގައި މަޝްވަރާކުރާށެވެ. އެއަށްފަހު ރުޅިވެރިކަމެއް ނެތި ގޮސް ދީނީ ޢީލްމުވެރިއަކާއި ބައްދަލުކޮށް ލަފާހޯދާށެވެ. 

ދީނީ ކަމެއްގައި ނަމަވެސް ޒުވާބެއް ކުރާނަމަ މީހުން އެއްވާނެއެވެ. އެކަކު އެއްގޮތަށް އަނެކަކު އަނެއް ގޮތަށް ވާހަކަދައްކާނެއެވެ. އެކަކު އެއް އިލްމުވެރިއެއްގެ ބަސްފުޅު ބަޔާންކުރާއިރަށް އަނެކަކު އަނެއް އިލްމުވެރިއެއްގެ ބަސްފުޅު ހާމަކުރާނެއެވެ. 

ބައެއް ކަންކަމުގައި ޢިލްމުވެރިންގެ ފަތުވާ ތަފާތުވާނެއެވެ. އެއީ ޢިލްމުވެރިން ފަތުވާ ދެއްވަވަނީ ޙާލަތާއި ގުޅިގެން ކަމަށްވާތީއެވެ. ކުރެވޭ ސުވާލުކާއި ގުޅިގެން ކަމަށްވާތީއެވެ. އަދި ކުރާމީހާއަށް ބައްލަވައިގެންވެސް ޖަވާބު ދެއްވާތީއެވެ. 

ޚުދު ރަސޫލް ()ވެސް އެއްކަމެއްގައި ޒުވާނުންނަށް ވަކި ގޮތަށް، ދޮށީ އުމުރެ މީހުންނަށް ވަކި ގޮތަކަށް މަޝްވަރާ ދެއްވަވާފައި އެބަހުއްޓެވެ. ބައެއް ކަންކަމުގައި މުސްކުޅިންނަށް ދެއްވެވި ޖަވާބާއި ޒުވާނުންނަށް ދެއްވެވި ޖަވާބު ތަފާތުވެފައިވަނީ އެހެންވެގެންނެވެ. 

އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ފިތުނަވެރިކަން ނައްތައިލުމެވެ. ފިތުނަވެރިކަން ނުބޭއްވުމެވެ. އެހެންކަމަށްވާއިރު ދީނުގެ ކަމަކާއި ގުޅިގެން ފިތުނަވެރިކަން އުފެއްދުމަށްވުރެ ބޮޑު ނުބައެއް އޮންނާނެހެއްޔެވެ؟ 

ޤަބޫލުކުރަންޖެހޭނެ ހަޤީޤަތަކީ ޒުވާބެއް އުފެދޭ ހިސާބުން ކޮންމެވެސް ވަރެއްގެ ފިތުނައެއް އުފެދޭނެކަމެވެ. ވީމާ ކޮންމެ ކަމެއްވެސް ހައްލުކުރަން މަސައްކަތްކުރަންޖެހޭނީ ފިތުނަވެރިކަމެއް ނެތިއެވެ. ފިތުނަވެރިކަމަށް  ހަމަ އެއްވެސް މިންވަރެއްގެ ފުރުޞަތެއް ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. އެހެނީ ފިތުނަވެރިކަމަކީ ﷲ ތާޢާލާ އެންމެ ރުހިވޮޑިނުގަންނަވާ އެއް ސިފައެވެ!

ކަންމިހެން އޮތް ނަމަވެސް ކިރިޔާ ކަމެއްވާއިރަށް އަޑުގަދަކޮށް މީހުން އެއްކުރަން ބޭނުންވާ ބައަކު އުޅެއެވެ. މިހާރަށް ބަލައިފިނަމަ ސޯޝަލް މީޑިއާގައި ކަންކަން ޢާންކޮށް ތިމާގެ ކޮޅަށް ލައިކް ގިނަކުރަން ބޭނުންވާ މީހުން އުޅެއެވެ. އެގޮތަށް ކަންތައް ކުރުމުން އެކުރެވެނީ ވަރަށް ދެރަކަމެކެވެ. އެކަމުގެ ސަބަބުން އުފެދޭނީ އިތުރު މައްސަލަތަކެވެ އެ ފުރުޞަތު ނުދޭށެވެ!

 

 - އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން