މީހަކު ހަމަ އެއްވެސް ކަމެއް ތިބާއަށް ކޮށް ނުދިނުމަކީ އެއްގޮތަކަށްވެސް ދެރަވެ މާޔޫސްވާން ޖެހެންވީ ކަމެއް ނޫނެވެ. ކޮށް ދިނުމާއި ނުދިނުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. އެހެންކަމުން މީހަކު ކަމެއްކޮށް ނުދިނުމުން އެކަމާއިމެދު ދެރަވެ އެއްވެސް ޝަކުވާއެއް ކުރުމުގެ ބޭނުމެއްވެސް ނެތެވެ.
އެހެނީ މުސްލިމުން ދިރިއުޅުން ބިނާކުރަން ޖެހޭނީ މީހަކު ކަމެއް ކޮށްދޭނެ ކަމަށް ބަލައިގެނެއް ނޫނެވެ. މުސްލިމުންގެ ޢަޤީދާއަކަށް ވާންޖެހޭނީ ބޭނުންވާ ހުރިހާ ކަމެއް ﷲ ތަޢާލާ ފުރިހަމަކޮށްދެއްވަވާނެ ކަމެވެ.
ތިބާއަކީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށްވެދާނެއެވެ. ތިބާ މީހެއްގެ ކިބައިން އެހީތެރިކަމަކަށް އެދުމުންވެސް އެމީހެއްގެ އެހީތެރިކަން ނުލިބުނު ނަމަ އެމީހާ އާއިމެދު ވިސްނަން ވަގުތުތައް ބޭކާރުކޮށްނުލާށެވެ. ﷲ ތައާލާގެ ޙަޟްރަތުން އެހީތެރިކަމަށް އެދުންމަތީގައި ދެމިހުންނާށެވެ! ﷲ ތަޢާލާ ތިބާ ހުސްއަތާ ދޫކޮށެއް ނުލައްވަވާނެތެވެ.
ރޯދަ މަހަކީ ދުޢާ ކުރުމަށް އޮތް އެންމެ މުހިންމު މޫސުމެވެ. އެންމެ ރަނގަޅު ފުރުޞަތެވެ. ވީމާ ފުރަތަމަ ކަމެއްގެ ގޮތުން ވެސް އެމީހަކު އެދޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ތައްޔާރުކުރާށެވެ! އަދި ﷲ ތައާލާ އަންގަވާފައިވާ ގޮތުގައި ރޯދަ ހިފަމުން އެލިސްޓުގައިވާ ކަންކަން ފުރިހަމަކޮށްދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ގިނަގިނައިން ދަންނަވާށެވެ! ﷲ ތަޢާލާ ތިބާ މާޔޫސްވާން ދޫކޮށެއް ނުލައްވަވާނެތެވެ!
ނަމަވެސް މަޤްޞަދު ޙާޞިލު ކުރެވޭނީ ޢަޤީދާ އާއި ތަޤްވާވެރިކަން އެފެންވަރަށް މަތިކޮށްގެންނެވެ. އެއީ އަހަރެމެން ފުރިހަމަކުރަންޖެހޭ ބައެވެ. އެބައި އަހަރެމެން ފުރިހަމަކުރުމުން އަހަރެމެން ބޭނުންވާ ބައި ﷲ ތަޢާލާ ފުރިހަމަކޮށް ދެއްވަވާނެތެވެ!
ޚުލާޞާއަކީ މުސްލިމުންނަކީ އެއްވެސް މީހަކަށް ބަރޯސާވާން ޖެހޭ ބައެއް ނޫނެވެ. ހަމައެކަނި ﷲ ތަޢާލާ އިން ފުދޭ ކަމަށް ނިންމައިގެން ހުންނަ މީހަކަށް އެއްވެސް ކަމެއް ނުފުދިގެން އުޅޭކަށް ހަމަ އެއްގޮތަކަށްވެސް ނުޖެހޭނެއެވެ. ޔަޤީން ކުރަންވީ އެކަމެވެ. ﷲ ތަޢާލާ އަހަރެމްނެގެ ހުރިހާ ބޭނުންތަކެއް ފުއްދަވައި ދެއްވަވާނެ ކަމެވެ.
ރޯދަމަހު ދުޢާކުރުން ގިނަ ކުރުމުގެ މުހިންމުކަމުގެ ވާހަކަ މިހާރުވެސް ވަރަށް ގިނައިން ދެކެވިއްޖެއެވެ. އެހެންކަމާއިއެކުވެސް ހަނދާންކޮށް މިދެނީ ރޯދަ މަސް ދިއުމުން އެ ފުރުޞަތު ގެއްލިގެންދާނެތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން