މާދަމާ ކިޔާ އެއްވެސް ދުވަހެއް ނުއޮންނާނެއެވެ. އެއީ އަންނާނެ ވެސް ދުވަހެއް ނޫނެވެ. އެހެން މިބުނީ ހަފަތާގައި ވެސް އެއްވެސް މަހެއްގައި ވެސް މާދަމާ ކިޔާ ދުވަހެއް ނުއޮންނާތީއެވެ. މުސްލިމުންގެ މާދަމާއަކީ އާޚިރަތް ދުވަހެވެ. ޢާޚިރަތެވެ. އެދުވަހަކީ ކިތަންމެ ވަރަކަށް ކުރަން ބޭނުންވި ނަމަވެސް އެންމެ ހެޔޮ އަމަލެއްވެސް އަދި ނުބައި އަމަލެއްވެސް ކުރެވޭނެ ދުވަހެއް ނޫނެވެ. ވީމާ އަޅުކަން ކުރުމާއި ހެޔޮ އަމަލުކުރަން ފެށުމުގައި މާދަމާއަކީ އޮންނަ ދުވަހެއް ނޫނެވެ. އޮންނާނީ މިއަދެވެ. މިވަގުތުން ފެށިގެން ކުރަން ފެށުމެވެ!
މިއަހަރުގެ ރަމަޟާން މަސްވެސް ނިމުނީއެވެ. ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރަން ހިތުގައި އޮތެވެ. ނަމަވެސް އެކަންކުރަން މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. ދަމުނަމާދުކުރަންވެސް ހިތުގައި އޮތެވެ! ނަމަވެސް އެކަންވެސް ނުކުރެވުނެވެ. އެހެނިހެން ހެޔޮ އަމަލުތައް ވަރަށް ގިނައިން ކުރަންވެސް ހިތުގައި އޮތެވެ. ނަމަވެސް ކުރެވުނީ ވަރަށް މަދުކަމެކެވެ.
މިހެން މިވީ ތިބާގެ ހިތުގައި ހެޔޮ އަމަލުތައް ކުރަން ޝައުޤުވެރިކަން އޮތް ނަމަވެސް ޝައިޠާނާގެ ބާރު ތިބާގެ މައްޗަށް ގަދަވުމުންނެވެ. ވީމާ އެކަމަށް އޮންނާނެ ޙައްލަކީ އެއްވެސް ހެޔޮކަމެއްކުރަން މާދަމާ ފަށަން މަޑު ނުކުރުމެވެ. ކޮންމެ ކަމެއް ކުރަން އުޅުމުންވެސް މިއަދު ނުކުރިނަމަވެސް ފުދޭނެކަމަށާއި މާދަމާ ކުރަންށިއަސް ކުރެވޭނެ ކަމަށް އެބުނަނީ ޝައިޠޯނާއެވެ. ވީމާ ދެންވެސް ވަގުތުން ޝައިޠޯނާގެ ގައިގައި ކޮޅުފައިން ޖަހާށެވެ. ޝައިޠާނާގެ ގައިގައި ކޮޅުފައިން ޖެހުމަކީ ވަގުތުން ހެޔޮ އަމަލުތައް ކުރަން ފެށުމެވެ.
ރަމަޟާން މަސް ނިމުނުކަމުގައިވީނަމަވެސް ކީރިތި ޤްރްއާން ކިޔަވަން މިއަދު ފަށާށެވެ. މިރޭވެސް ރޭއަޅުކަން ކުރާށެވެ. އެހެނިހެން ހެޔޮ އަމަލުތައް ކުރަންވެސް ހަމަ މިއަދު ފާށާށެވެ! މި ބައްދަލުވުމުން ނުކުތުމުގެ ކުރިންވެސް ކީރިތި ޤްރުއާން ހުޅުވައި އެންމެ އާޔަތެއް ނަމަވެސް ކިޔަވާށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން