ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ޢީދަށް ރީތި ހެދުން ފައްސާނެއެވެ. ނުވަތަ ގަންނާނެއެވެ. އަނބިދަރިންނަށްވެސް ހެދުން ހޯދައިދޭނެއެވެ. މިހާރަކަށް އައިސް ޢާއިލާއެކުގައި ރީތިވެ ނަލަހެދިގެން ޢީދުނަމާދުގެ ބޮޑުޖަމާއަތަށްދާ ޢާއިލާތައްވެސް ވަރަށް ގިނަވާނެއެވެ.
މިހުރީ ހަމަ ހައްތާވެސް ކުރަން ރަނގަޅު ކަންތައްތަކެވެ. މައްސަލައަކަށްވަނީ ކުރަން އެންމެ މުހިންމު ކަންތައްމަތިން ހަނދާންނައްތައިލެވޭކަމެވެ. މިބުނަނީ އައުހެދުމެއްލާއިރު ކިޔަން އޮތް ދުޢާ ގިނަބައަކު ނުކިޔާވާހަކައެވެ.
އެގޮތަށް އެކަން ނުކުރާށެވެ! މިޢީދަކީ އެކަން ބަދަލުކޮށްލާ ދުވަސްކަމުގައި ހަދަމާ ހިނގާށެވެ! އަދި މިހިސާބުން ފެށިގެންވެސް މިކަންކަން ތިމާކުރުމާއިއެކު ދަރިން ލައްވައިވެސް ކުރުވަން ޢާދަކުރަމާ ހިނގާށެވެ!
އާ ހެދުމެއްލާއިރު ކިޔާ ދުޢާ
كَانَ النَّبِيُّ ﷺ إِذَا ٱسْتَجَدَّ ثَوْبًا، سَمَّاهُ بِاسْمِهِ – عِمَامَةً، أَوْ قَمِيصًا، أَوْ رِدَاءً – ثُمَّ يَقُوْلُ: «اللَّهُمَّ لَكَ الْحَمْدُ أنْتَ كَسَوتَنِيهِ، أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِن شَرِّهِ وَشَرِّ مَا صُنِعَ لَه». [رَوَاهُ تِرْمِذِيُّ]
އާ ހެދުމެއް ތުރުކުރައްވާކަމުގައިވަނީނަމަ، ނަބިއްޔާ ﷺ ، އެތުރުކުރައްވާ އެއްޗެއްގެ ނަން ޛިކުރުކުރެއްވުމަށް ފަހު- މި ފަގުޑި ނުވަތަ މި ޤަމީސް ނުވަތަ މި ރިދާ – ދެން އެއަށްފަހު އަންނަނިވި ދުޢާ ވިދާޅުވެއެވެ.
«اللَّهُمَّ لَكَ الْحَمْدُ أنْتَ كَسَوتَنِيهِ، أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِن شَرِّهِ وَشَرِّ مَا صُنِعَ لَه»
މާނައީ: "އޭ ﷲ! އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ އިބައިލާހަށެވެ. މިއަޅާއަށް މިހެދުން ދެއްވީ އިބައިލާހެވެ. މި ހެދުމުގައިވާ ހެޔޮކަމާ އަދި އެކަމަށްޓަކައި މި ހެދުން އުފެއްދެވުނުކަމުގެ ހެޔޮކަން ދެއްވުން މިއަޅާ އިބައިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. މި ހެދުމުގައިވާ ނުބައިކަމާއި އަދި އެކަމަށްޓަކައި މި ހެދުން އުފެއްދެވުނުކަމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި މިއަޅާ އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ."
- ރިވާކުރެއްވީ ތިރްމިޛީ رحمه الله
މިދުޢާގެ މާނަ ދަރިންނަށް އެނގުމުން ހެދުން ގަނެދިނީ މައިންބަފައިން ނަމަވެސް ތިމާއަށް ހެދުން ލިބުނީ ﷲ ތަޢާލާ ދެއްވެވުމުންކަން ވިސްނި ދަރިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވަމުންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން