އިތުރު ފުރުޞަތެއް ނުލިބިދާނެ! އެއްވެސް މީހަކަށް އަހަރުގެ ހުރިހާ ދުވަހަކު ރޯދަހިފުމަކީ ކުރެވޭނެ ކަމެއް ނުވާނެއިރު ﷲ ދެއްވެވި ފުރުޞަތުގެ ބޭނުން ހިފާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
އިތުރު ފުރުޞަތެއް ނުލިބިދާނެ! އެއްވެސް މީހަކަށް އަހަރުގެ ހުރިހާ ދުވަހަކު ރޯދަހިފުމަކީ ކުރެވޭނެ ކަމެއް ނުވާނެއިރު ﷲ ދެއްވެވި ފުރުޞަތުގެ ބޭނުން ހިފާ!

މިއީ ހަމަ ހަނދުމަކޮށްދިނުމެކެވެ! އަހަރުގެ ހުރިހާ ދުވަހަކު ރޯދަހިފުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ! އެހެންކަމާއިއެކުވެސް އަހަރުގެ ހުރިހާ ދުވަހަކު ރޯދަހިފިމީހަކަށްވުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ﷲ ދެއްވެވި ފުރުޞަތުގެ ބޭނުން ހިފުމަށް އަވަސްވެގަންނާށެވެ.  

ޝައްވާލުމަހުގެ 6 ރޯދަ! 

الشَّيْخ شَفِيْعُ عَبْدُ الله   

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ. (مسلم) މާނައީ: "ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، ދެން އެއާ ޖެހިގެން ޝައްވާލު މަހުގެ ހަ ރޯދަ މީހަކު ހިފައިފިއްޔާ، އެއީ މުޅި އަހަރު ރޯދަ ހިފުން ފަދަ ކަމެކެވެ". މާތް ﷲގެ މި މަތިވެރި ދެއްވުމާ މެދު ނިކަން ވިސްނަވާށެވެ. މުޅި އަހަރުގައި ރޯދަ ހިފުމަކީ މުސްތަޙީލު ކަމެކެވެ. ނަމަވެސް މުޅި އަހަރުގައި ރޯދަ ހިފުމުގެ ސަވާބާއި ދަރުމަ ދެއްވަން ވެސް މާތް ﷲ އެ ވަނީ އެކަލާނގެ އަޅުންނަށް ދޮރެއް ހުޅުއްވަވައި ދެއްވާފައެވެ. އަޅުތަކުންނަށް ވަނީ ހަމަ ކުޑަކުޑަ ހިތްވަރެއް ކުރުމަށްފަހު އެ ދެއްވުން ހާސިލު ކުރުމަށް މަސައްކަތް ކުރުމެވެ.

ޝައްވާލުމަހުގެ ހަ ރޯދައާމެދު އަބަދުވެސް ކުރެވޭ ސުވާލުތަކެއް ހުރެއެވެ. އޮޅުން އަރާ އޮޅުންތަކެއް އޮވެއެވެ. ހަ ރޯދަ ހިފަން ޖެހޭނީ ރަމަޟާންމަހު ދޫވެފައި ހުންނަން ރޯދަތައް ޤަޟާ ކުރުމަށް ފަހު ތޯ ނުވަތަ ނޫން ތޯއެވެ؟ މި ލިޔުމުގައި އެކަމުގެ ތަފްސީލަކަށް ދިޔުމަކީ އުނދަގޫ ކަމެކެވެ. ވުމާއެކު ޚުލާޞާ ދަންނަވައިލިޔަ ދެއްވާށެވެ. ޢިލްމުވެރިންގެ މެދުގައި އެކަމުގައި ދެ ރައުޔެއް އޮވެއެވެ. އެއީ ޤަޟާ ރޯދަ އިސް ކުރުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް ދެކޭ ރައުޔަކާއި، އެއީ ކޮންމެހެން ލާޒިމު ކަމެއް ނޫން ކަމަށް ދެކޭ ރައުޔެކެވެ. ޚިލާފު އުފެދިފައި ވަނީ ޙަދީޘްފުޅު ޝަރަޙަ ކުރެއްވުމުގައެވެ. ކޮންމެއަކަސް، ކަމަކީ ފިޤްހީ އިޖްތިޙާދީ ފަރުޢީ ކުޑަ ކަމެކެވެ. ޤަޟާ ކުރުމުގެ ވަގުތަކީ އަނެއް ރޯދަމަހާ ޖެހެން ދެން ހުޅުވާލެވިފައި ވާ ވަގުތެކެވެ. ޝައްވާލު ހަ ރޯދައަކީ ހަމައެކަނި އެ މަހަށް ވަގުތު ހަނި ކުރެވިފައިވާ ރޯދަތަކެކެވެ. ވުމާއެކު ޤަޟާ ރޯދަ ފަހަށް ޖެއްސުމަށް ފަހު، ޝައްވާލު ހަ ރޯދަ ހިފުމަކީ މައްސަލައެއް ނޫން ކަމަށް އޮންނަ ރައުޔުގައި ހިފުމަކީ މައްސަލައެއް ކަމަކަށް ނުފެނެއެވެ. ޚާއްޞަކޮށް ޤަޟާ ކުރަން ޖެހޭ ގިނަ ރޯދަތަކެއް ހުރި މީހަކަށް އެއީ މައްސަލައެއް ކަމަކަށް ނުފެނެއެވެ.

ޝައްވާލުމަހުގެ މި ހަ ރޯދަ ހިފަން ޖެހޭނީ ޖައްސަޖައްސައިގެން ތޯ ނުވަތަ ނޫން ތޯ މި ވެސް ވަރަށް ގިނައިން ސުވާލު ކުރެވޭ މައްސަލައެކެވެ. އެއިގެ ޖަވާބަކީ، ޝައްވާލުމަހުގެ ތެރޭގައި އެ ހަ ރޯދަ ވަކިވަކީން ހިފައި ނިންމިޔަސް އެއީ މައްސަލައެއް ނޫނެވެ. އަދި އެކީއެކަށް ހިފިޔަސް އެއީ މައްސަލައެއް ނޫނެވެ. އޭގައި އެ މީހެއްގެ ޠަބީޢަތަށް ރިޢާޔަތްކޮށް އެ މީހަކަށް އެންމެ ލުއި ފަސޭހަ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ. ޤަޟާ ކުރަން ހުރި ރޯދައާއި ޝައްވާލު ހަ ރޯދަ އެއް ނިޔަތެއްގައި ހިފިދާނެ ތޯ މި ވެސް ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. އެކަމުގެ ޖަވާބަކީ ޝައްވާލު ހަ ރޯދައާއި ޤަޟާ ކުރަން ޖެހޭ ރޯދަތައް އެއް ނިޔަތެއްގައި އެއް ދުވަހަކު ހިފުމަކީ ރަނގަޅު ގޮތެއް ނޫން ކަމެވެ. އެއީ ވަކިވަކިން ވަކި ނިޔަތެއްގައި ހިފަން ޖެހޭ ރޯދަތަކެކެވެ.

ދުޢާ އަކީ މިފަދަ ދީލަތި ދެއްވުންތަކުން މާތް ﷲ އަޅުގަނޑުމެން މަޙްރޫމު ނުކުރައްވައި މި ފަދަ ހެޔޮ ޢަމަލުތައް އަދާ ކުރުމަށް ތައުފީޤު ދެއްވުމެވެ. އާމީން!

މިއަދު އޮންލައިން