އެއްވެސް މީހަކު އެކަމާ ބައްދަލުކުރަން ބޭނުމެއް ނުވާނެ! އެކަމަކު އެންމެންނާ ބައްދަލުކުރާނެ ކަންތައް! އެންމެ ބޮޑަށް ސަމާލުވާންޖެހޭއިރުވެސް އެންމެ ބޮޑަށް އިހްމާލްވެވޭ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އެއްވެސް މީހަކު އެކަމާ ބައްދަލުކުރަން ބޭނުމެއް ނުވާނެ! އެކަމަކު އެންމެންނާ ބައްދަލުކުރާނެ ކަންތައް! އެންމެ ބޮޑަށް ސަމާލުވާންޖެހޭއިރުވެސް އެންމެ ބޮޑަށް އިހްމާލްވެވޭ ކަންތައް!

ކުރަން މިއުޅެނީ ވަރަށް ކުރުކުރު ސުވާލެކެވެ. ޖަވާބުވެސް އެހައި ކުރެވެ. އެކަމަކު އެއީ އެންމެ ބޮޑުކަންތަކެވެ. އެކި ގޮތްގޮތުން މަސައްކަތް މިކުރަނީ އެކަމަށް މީސްތަކުން ހޭލުންތެރިކުރުވޭތޯއެވެ. އެކަމަށް ޣާފިލުވާ މީހުންނަށް އޮތީ ދެވަނަ ތަނެއް ނޫނެވެ. ނަރަކައެވެ. އެއީ ﷲ ތަޢާލާ އެކަން ޤުރްޢާނުގައި ބަޔާންކުރައްވަވާފައިވާ އެންމެ މުހިންމު ކަންތަކެވެ. 

އަޑުއަހާށެވެ! 

އާދަމްގެފާނުން ފެށިގެން މިހައިތަނަށްވެސް އަދި ދުނިޔެ ނިމެންދެންވެސް އެއްވެސް މީހަކު އަހަރެންނާ ބައްދަލުކުރަން ބޭނުމެއް ނުވެއެވެ. ބޭނުމެއް ނުވެސްވާނެއެވެ. ނަމަވެސް ދުނިޔެއަށް އުފަންވި އެންމެންނާ އަހަރެން ބައްދަލުކުރަމެވެ. ހަމައެކަކާއިވެސް ބައްދަލުނުކޮށް ދޫކޮށެއް ނުލަމެވެ. އަހަރެން ބައްދަލުކުރުމުން އެއްބައަކު އިންތިހާއަށް އުފާކުރެއެވެ. އަނެއް ބައަކު އިންތިހާއަށް އުފާކުރެއެވެ. 

ސުވާލަކީ އަހަރެންނަކީ ކާކުހެއްޔެވެ؟ 

ޖަވާބަކީ އަހަރެންނަކީ މަރެވެ. 

މީސްތަކުންނޭވެ! ދުނިޔެއަށް އުފަންވި ކޮންމެ މީހަކާއިވެސް މަރު އައިސް ބައްދަލުކުރާނެއެވެ. އެބަހުގެ މާނައަކީ މަލަކުލްމައުތުގެފާނު ހަމަ ކޮންމެ މީހަކާއިވެސް ބައްދަލު ކުރައްވަވައި އެމީހާގެ ފުރާނަ ހިއްޕަވާނެ ކަމެވެ. އެކަން އަހަރެމެން އެންމެން ވެސް ޤަބޫލުކުރަމުއެވެ. ނަމަވެސް ހިތާމައަކީ މަރާއި ބައްދަލުވުމަށް ތައްޔާރުނުވެވޭކަމެވެ. ފަހުން ތައުބާވެ ހެޔޮ އަމަލުކުރަން މަޑުކޮށްގެން ހުއްޓާ މަލަކުލްމައުތުގެފާނު ވަޑައިގެން އެމީހަކާއި ބައްދަލުކުރައްވަވާ ކަމެވެ. މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! މަރުގެމަލާއިކަތާ ލޮލަށް ފެނުމާއިއެކު ތައުބާވުމުގެ ފުރުޞަތު ބަންދުވެގެންދެއެވެ. އެހިސާބުން ތައުބާވާން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެފުރުޞަތެއް ނުލިބޭނެއެވެ. 

"އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ." (އައްނިސާ: 18) 

"ހަމަކަށަވަރުން، އެއުރެން އީމާންވުމަށްފަހު، ކާފިރުވެ، ދެން ކާފިރުކަން އިތުރުވީ މީހުންގެ ތައުބާ ޤަބޫލް ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ."

(އާލް އިމްރާން: 90) 

"ހަމަކަށަވަރުން، ކާފިރުވެ، އަދި ކާފިރުން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން ފިދުޔަ ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން ޤަބޫލް ނުކުރައްވާހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި ޢަޛާބް ހުށްޓެވެ. އަދި، އެއުރެންނަށް ނަޞްރު ދޭނޭ އެއްވެސްބަޔަކު ނުވެއެވެ." (އާލްއިމްރާން: 91) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން