ގާތުން ދިނުމުން އެއްވެސް ތަކްލީފެއް އުފުލަން ނުޖެހޭނަމަ ރޯދަ ނުހިފުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ގާތުން ދިނުމުން އެއްވެސް ތަކްލީފެއް އުފުލަން ނުޖެހޭނަމަ ރޯދަ ނުހިފުމެއް ނެތް!

ގާތުން ކިރުދިންނަމަވެސް އެއްވެސް ތަކްލީފެއް ކުރިމަތިނުވާއިރުވެސް ގާތުންދޭނަމަ ރޯދަ ދޫކޮށްލަން ހުއްދަ އޮންނާތީ ރޯދަތައް ނުހިފައި ދޫކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ރޯދަމަސް މިހިސާބަށް އައިރު 3 ކިޔުންތެރިއަކު ވަނީ މިމައްސަލައިގައި ސުވާލުކޮށްފައެވެ. އެހެންކަމުން ހޭލުންތެރިކުރުވުމުގެ ގޮތުން މިގެނެސްދެނީ މިކަމުގައި 2 ޢިލްމުވެރިންގެ ބަސްފުޅާއި ޢިބްރަތްތެރި ވާހަކައެކެވެ.

ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބުގައި ދަންނަވަންއޮތީ ހަމަތިއަ މައްސަލައިގައި ޑރ. ޝަހީމްގެ ބަސްފުޅު ވާނީ ވަރަށް ފަހުން ގެނެސްދެވިފައެވެ. ޑރ. ޝަހީމް ވިދާޅުވީ ދޫކޮށްލުމާއި ނުލުން އޮތީ އޭނާގެ އިޚްތިޔާރުގައި ކަމަށެވެ. ދޫކޮށްލާނަމަ ދޫކޮށްލެވެނީ ފަހުން އަދާކުރަންޖެހޭ ދަރަންޏެއްގެ ގޮތުގައި ކަމަށެވެ.

ޑޜ. ޝަހީމް ވިދާޅުވީ އިސްލާމް ދީނުގައި ކަންކަން ބަޔާންކުރައްވަވާފައިވަނީ ވަރަށް ލުއިފަސޭހަކަމާއެކު ކުރެވޭނެ ގޮތަށް ކަމަށެވެ. އެއްވެސް މީހަކަށް ނުއުފުލޭވަރުގެ ތަކްލީފެއް ނުޖައްސަވާނެ ކަމަށެވެ. ވީމާ ގާތުން ކިރުދޭ މައިމިހާއަށްވެސް އެކަމުގެ ސަބަބުން އެއްވެސް ބާވަތެއްގެ ތަކްލީފެއް އުފުލަންޖެހޭނަމަ ރޯދަ ދޫކޮށްލުން އެއީ ޖާއިޒް ކަމެއް ކަމަށެވެ. (ޖާއިޒު ކަންކަމަކީ ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިގެންވުމެވެ.)

ޑރ. އިޔާޟްގެ ބަސްފުޅުގައިވަނީ މިފަދައިންނެވެ.

ގާތުން ކިރުދޭ މައަކު ރޯދަ ދޫކުރަން ޖެހޭނީ ޖެހޭނީ 2 ޙާލަތެއް މެދުވެރިވެގެންނެވެ. ފުރަތަމަ ޙާލަތަކީ ކިރުދެމުން ރޯދަ ހިފާތީ އޭނާއަށް ތަކްލީފްތަކެއް އުފުލަން ޖެހުމެވެ. 2 ވަނަ ޙާލަތަކީ ރޯދަ ހިފުމުގެ ސަބަބުން ގާތަށް ކިރު އެރުން މަދުވެ ދަރިފުޅަށް ބޭނުންވާ ކިރު ނުލިބުމެވެ. މިއިން ޙާލަތެއް މެދުވެރިނުވާ، ކިރު ދިނުމުން އެއްވެސް ތަކްލީފެއް ކުރިމަތި ނުވާ މައަކު ރޯދަ ދޫކުރުމެއް ނެތެވެ. --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ގާތުން ކިރުދެމުންދާއިރުވެސް އެއްވެސް ތަކުލީފެއް ކުރިމަތިނުވުމާއި ދަރިފުޅަށް ބޭނުންވާ ވަރަށް ކިރު އަރާނަމަ އެއީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ ވަރަށް ބޮޑު ނިޢްމަތެކެވެ. ވީމާ އެނިޢްމަތަށް ޝުކުރުވެރިވެ ރޯދަ ހިފުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. ނިޢްމަތަށް ޝުކުރުވެރިނުވާނަމަ ނިޢްމަތްތައް އަނބުރައި ގެންދަވަތެވެ. އަދި އިތުރު ތަކްލީފްތައްވެސް މިންވަރު ކުރައްވަވަތެވެ.

ތިރީގައި އެވަނީ ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ!

އުޝާ އަކީ އިންޑިއާގެ ހައިދަރު އާބާދަށް ނިޞްބަތްވާ އުމުރުން 29 އަހަރުގެ އަންހެނެކެވެ. އުމުރުން 29 އަހަރުވީއިރު ކައިވެންޏަށް 7 އަހަރެވެ. 7 އަހަރުގެތެރޭގައި ވަނީ 2 ދަރިން ލިބިފައެވެ.

ކޮންމެ ކުއްޖަކަށް ވެސް 2 އަހަރު ވަންދެން ގާތުން ދިނެވެ. އެހެންކަމުން ކައިވެނީގެ 7 އަހަރު ތެރެއިން 4 އަަހަރު އޫޝާ ވަނީ ގާތުންދީފައެވެ. މިއިން އެއްވެސް އަހަރަކު އުޝާ ރޯދައެއް ނުހިފައެވެ. އުޒުރަކަށް ދައްކަނީ ގާތުން ދެމުން ރޯދަހިފުމުން ވަރުބަލިވުމެވެ. (ނަމަވެސް މިއީ ޙަޤީޤަތެއް ނޫނެވެ. ރޯދަ ހިފިނަމަވެސް އޭނާއަކަށް އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ.)

ދެވަނަ ދަރިފުޅަށް ގާތުން ދިނުން ހުއްޓައިލިތަނާ މާގިނަ ދުވަސްތަކެއް ނުވަނީސް އުޝާގެ އުރަމަތީގައި ގަނޑުލާހެން ހީވާން ފެށިއެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދައެވެ. ޑޮކްޓަރަށް ދެއްކުމުންވެސް ބުނީ އެވާނީ ގާތުން ދިނުން ހުއްޓައިލުމާއި ގުޅުންހުރި ކަމަކަށް ކަމަށެވެ. ނަމަވެސް ފަރުވާ ބަހައްޓައިގެން ބަލަމުން ގެންދިއުން ރަނގަޅުވާނެ ކަމަށެވެ. ގަނޑުތައް އައީ ބޮޑެތިވަމުންނެވެ. ރިހުންވެސް އައީ ގަދަވަމުންނެވެ. ކެތް ނުކުރެވޭވަރުވުމުން އަނެއްކާވެސް ޑޮކްޓަރަށް ދެއްކިއެވެ. ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްފަހު އެންގީ އަވަހަށް ކެންސަރު ސްޕެޝަލިސްޓަކަށް ދެއްކުމަށެވެ.

ކެންސަރަށް ޚާއްޞަ 4 ޑޮކްޓަރުންނަށް ދެއްކުމުން ވެސް ބުނީ ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ޖެހޭނީ ދެ އުރަމަތިވެސް ނަގަން ކަމަށެވެ. ސަލާމަތްކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މާތްﷲ ވާގިފުޅާއިއެކު އޮޕަރޭޝަން ކާމިޔާބެވެ. ޑޮކްޓަރުން ދޫކޮށްލުމުން ގެއަށް އައިސް އުޅެންފެށިފަހުން ފުރަތަމަ ހުކުރު ދުވަހު އުޝާގެ ބޮޑު ބޭބެ އުޝާ ދެކެލަން ދިއައެވެ. ޙާލު އަހުވާލު އަހައި އޮޅުންފިލުވުމަށްފަހު ބުންޏެވެ. "ދަރިފުޅާ އުޝާއެވެ! ދެން ހަމަގައިމުވެސް ގާތުން ދޭންވެގެން ކަމަށް ބުނެ އެކަން އުޒުރަކަށް ހަދައި ރޯދަ ނުހިފައި ހުންނާކަށް ދަރިފުޅަކަށް (އުޝާއަކަށް) ނުޖެހޭނެއެވެ.

ދަރިފުޅުމެން ހީކުރަނީ ހަމަ ބަހަނާއެއް ދައްލާފައި ކުރަން ބޭނުން ކޮންމެ ކަމެއް ކޮށްލުމުން ނިމުނީ ކަމަށެެވެ. ހިތުގެ އެންމެ ހިމަ ނާރުގައި ޖަހާ ވިންދުވެސް ދެކެ ދެނެވޮޑިގެންވާ މަތިވެރި އިލާހު 7 އުޑުގެ މަތިން ކަންކަން ބައްލަވައިވޮޑިގެންވާކަމެއް ޤަބޫލެއް ނުކުރެވެއެވެ.

ދަރިފުޅުގެ އޮޕަރޭޝަނަށް ހުރިހާ ޚަރަދެއް ކޮށްދީފައިވެސް ޙާލުބަލަން ހޮސްޕިޓަލަށް ނުދިއައީ ދަރިފުޅަކީ ﷲގެ ކޯފާލެއްވުމެއްގައި އޮތް ދަރިއެއް ކަމަށް ބޮޑުބޭބެއަށް ޤަބޫލުކުރެވޭތީއެވެ. ދަރިފުޅާއެވެ. މާތްﷲ ދަރިފުޅާއިމެދު ކިތަންމެހައިވެސް އޯގާތެރިވަންތައެވެ. 2 ގުނަވެނެއް ދޫކޮށްލަން ޖެހުނު ނަމަވެސް ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދެއްވަވައިފިއެވެ. އެންމެ ބޮޑު ނިއުމަތަކީ އެއީ ނޫން ހެއްޔެވެ؟ ދެންވެސް ވިސްނައި ބިރުވެތިވާށެވެ!

ތިއަ ދަރިން މިހާރު ތިއަތިބީ މާ ބޮޑެތިވެފައެވެ. މާގިނަ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. މިހާރުވެސް މިދެއްކުނީ ވަރަށް ބައިވަރު ވާހަކަތަކެވެ. ކުރިއަށް އޮތްތަނުގައިވެސް މި ދެއްކި ވާހަކަތަކަށް ވިސްނައިގެން އަމަލުކުރާށެވެ!"

ބޮޑުބޭބެ ދިއުމުން އޫޝާ ވިސްނައިލިއެވެ. ބުނެވުނެވެ. "ބޮޑުބޭބެ އެދެއްކީ ހަމަ ތެދުވާހަކަތަކެކެވެ. އެ 4 އަހަރުގެ ރޯދަ މަހު ރޯދަ ނުހިފައި ހުރީ ހަމައެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ. އުޒުރެއް ދެއްކެން އޮތީތީ އުޒުރެއް ދައްކައި ރޯދަ ނުހިފީއެވެ. އެކަން ކުރަމުން ދިއައިރު މިހެން ވެދާނެކަން ނުވިސްނުނުކަމާއިމެދު ހާދަ ހިތާމައެއް ކުރަމެވެ. އިރާދަ ކުރެއްވިއްޔާ ދޫކޮށްލެވުނު ކޮންމެ ރޯދައަކަށް 3 ރޯދަ ހިފާނަމަވެ."

 

މިއަދު އޮންލައިން