ޚުޠުބާ: ޝުކުރުވެރިވުމަށްޓަކާވެސް ތަކްބީރުކިޔުން ގިނަކުރާށެވެ! ރަމަޟާންމަހުން ޙާޞިލުކުރެވުނު ފައިދާ އަތުން ދޫވެގެންދިއަ ނުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 11ސ
ޚުޠުބާ: ޝުކުރުވެރިވުމަށްޓަކާވެސް ތަކްބީރުކިޔުން ގިނަކުރާށެވެ! ރަމަޟާންމަހުން ޙާޞިލުކުރެވުނު ފައިދާ އަތުން ދޫވެގެންދިއަ ނުދޭށެވެ!

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މިއަދަކީ މުސްލިމުންގެ އުފާވެރި ފިޠުރު ޢީދު ދުވަހެވެ. މި މަތިވެރި ފިޠުރު ޢީދު ދުވަހުގައި، ރަމަޟާން މަހުގެ މަތިވެރި ރޯދައިގެ އަޅުކަން ފުރިހަމަކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި، ﷲ އަށް ޙަމްދުކުރާށެވެ! އަދި އެ މަހުގައި އަޅަމެން ކުޅަ ޢަމަލުތައް ޤަބޫލުކުރެއްވުން އެދި، ﷲ އަށް ދުޢާކުރާށެވެ! އަދި އެކަލާނގެ ފަޟްލުވަންތަކަމުން ދެއްވާފައި ނިޢުމަތްތަކަށް ޝުކުރުކޮށް، ތަކުބީރު ކިޔާށެވެ! މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ---- މާނައީ: "(މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عَدَدُ ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް تَكْبِيْرُ ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شُكُرُ ވެރި ވުމަށްޓަކައެވެ". اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ،  اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَـٰهَ إلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ وَلِلّٰهِ الْـحَمْدُ. 

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އަހަރެމެން މި ވަނީ މަތިވެރި މަހަކާއި، އަޅުކަމުގެ ބޮޑު މޫސުމަކަށް އަލްވަދާޢު ކިޔާފައެވެ. އެމަހުގައި އަހަރެމެން ޤުރްއާން ކިޔެވީމުއެވެ. ދުވާލުގެ ވަގުތުގައި ރޯދަހިފައި، ރޭގަނޑުގެ ވަގުތުގައި ރޭއަޅުކަންކުރީމުއެވެ. ގިނަގިނައިން ޛިކުރުކޮށް ދުޢާކޮށް އުޅުނީމުއެވެ. ތަނަވަސްކަމާއި ދަތި ޙާލުގައިވެސް، ﷲ ގެ މަގުގައި ހޭދަކުރީމުއެވެ. ފިޠުރު ޒަކާތް ނެރުމާއި، ކިޔަމަންތެރިކަން އަދާކުރުމުގެ އެކިއެކި ޢަމަލުތަކުން ﷲ އާ ކުއްތަންވުމަށް މަސައްކަތްކުރީމުއެވެ. އެކަލާނގެ ޘަވާބަށް އުއްމީދުކޮށް، އެކަލާނގެ ޢަޛާބަށް ބިރުވެތިވާ ޙާލުގައެވެ. 

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މުސްލިމުންގެ މި މަތިވެރި ފިޠުރު ޢީދު ދުވަހުގައި، ރަމަޟާން މަހުން އަހަރެމެންނަށް ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް ޢަޒުމު ކަނޑައަޅާށެވެ! މަސްދުވަހުގެ ތަމްރީނަކަށް ފަހު، ރޯދައިގެ ތަރުބަވީ މަދަރުސާއިން އަހަރެމެން ނިކުތްއިރު، އަހަރެމެންގެ އީމާންކަން މިވަނީ އިތުރުވެފައެވެ. (އިން ޝާ ﷲ) ހެޔޮ ކަންކަން ކުރުމަށް ނަފްސު އާދަވެ، އެކަން މިވަނީ ފަސޭހަވެފައެވެ. އަހަރެމެންގެ މި އީމާންކަން، މި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރާށެވެ! ގިނަގިނައިން ސުންނަތް ނަމާދުކުރާ ބަޔަކަށް ވާށެވެ! ފަތިސްނަމާދުގެ އިހު ސުންނަތާއި، ޟުޙާ ނަމާދާއި، ރަވާތިބު ސުންނަތްތަކާއި، ވިޠުރިއާއި، ދަމު ނަމާދު ވީހާ ގިނައިން ކުރެވޭތޯ މަސައްކަތްކުރާށެވެ! ހޯމަ ބުރާސްފަތީ ރޯދަ އާއި، މެދުފޮއި ރޯދަ އާއި، ޢާޝޫރާ ދުވަހާއި ޢަރަފާތު ދުވަހު ރޯދަ ހިފުމަށް ފަރުވާތެރިވާށެވެ! 

އަދި ޚާއްޞަކޮށް ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދޭށެވެ! ނަބިއްޔާ z ޙަދީޘް ކުރައްވާފައި ވެއެވެ. (مَنْ صَامَ رَمَضَانَ ثُـمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ،كَانَ كَصِيَامِ الدَّهْرِ)[1] މާނައީ: "ރަމަޟާންމަހު ރޯދަ ހިފައި، ދެން އެއާ ވިދިގެން ޝައްވާލު މަހުން ހަ ރޯދަ ހިފި މީހާ، މުޅި އަހަރު ރޯދަ ހިފިފަދައެވެ." މި ހަ ރޯދަ ހިފުމުގައި މޮޅު އިތުރުވެގެންވަނީ ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެން ވިދިވިދިގެން ހިފުމެވެ. 

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ފިޠުރު ޒަކާތަށް ރައްކާތެރިވީ ފަދައިން، މުދަލު ޒަކާތަށްވެސް ރައްކާތެރިވާށެވެ! ﷲ ފަރުޟުކުރެއްވި ޒަކާތުގެ އިތުރަށް، ގިނަގިނައިން ޞަދަޤާތްދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅޭށެވެ! މި ގޮތުގައި، ހަރުދަނާ އީމާންކަން މަތީގައި، ﷲ ގެ މިންވަރުފުޅާއެކު، ޖެހިގެން އަންނަ އަހަރުގެ ރޯދަމަހާ ބައްދަލުވުމަށް އުއްމީދު ކުރާށެވެ! ރޯދައިގެ ސަބަބުން ނަފްސު ޠާހިރުވާ ގޮތަކީ މިއީއެވެ. اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلَـٰهَ إلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ وَلِلّٰهِ الْـحَمْدُ. 

މިއަދު އޮންލައިން