ރަމަޟާންމަހަށްފަހު ސާބިތުވާނީ ކިހިނެއް؟

ކިޔުމަށް ހޭދަވާނީ 3މ 48ސ
ރަމަޟާންމަހަށްފަހު ސާބިތުވާނީ ކިހިނެއް؟

ޑރ. އަނާރާ ނަޢީމު 

 

އެންމެ މުހިންމު ކަމަކީ ރަމަޟާން މަހަށްފަހު ހެޔޮކަމުގައި ޘާބިތުވުން ކަމުގައިވެގެންދާ ސަބަބުތައް ވަރަށް ގިނައެވެ. އެހެންވެ މިގެނެސްދެނީ ރަމަޟާން މަހަށްފަހު ހެޔޮ ޢަމަލުކުރުމުގަ ޘާބިތުވެ ތިބުމުގެ މައްޗަށް އަލިއަޅުވާލައްވައި ޑރ. އަނާރާ ނަޢީން ވިދާޅުވެފައިވާ ބަސްފުޅެކެވެ.

ހިތްތަކުގައި ޤަދަރު ދެވިފައިވާ މެހެމާން ރަމަޟާން މަސްދުވަހަށްފަހު އަޅުގަނޑުމެނާ އަލްވަދާޢު ކިޔަނީއެވެ. ރަމަޟާން މިއަހަރުގައި ވަކިވެދާއިރު، ހިތްހަމަޖެހޭގޮތަށް އަޅުގަނޑުމެންނަށް ޢަމަލުކުރެވުނުތޯ ނުވަތަ ފުދޭ ވަރަކަށް ރަނގަޅު ޢަމަލުތައް ކުރެވުނުތޯ ވިސްނާލާށެވެ. ޢާއްމުގޮތެއްގައި ގިނަބަޔަކު ރަމަޟާންމަހުގައި ހެޔޮކަންކުރާ މިންވަރު އެހެނިހެން މަސްމަހާ އަޅާބަލާއިރު އިތުރެވެ. މިއީ އުފާވެރިޚަބަރެކެވެ. އުންމީދަކީ އަޅަމެން ހިފި ރޯދައާއި ކުރި ރޭއަޅުކަމާއި ކިޔެވި ޤުރުއާން އަދި މީގެއިތުރުންވެސް ކޮށްފައިވާ އެންމެހާ ހެޔޮ ޢަމަލުތައް މާތް ﷲ ޤަބޫލުކުރެއްވުމެވެ. 

ހެޔޮ ޢަމަލުކުރުންމަތީ ރޯދަމަހަށްފަހުވެސް ސާބިތުވުމަށް ބާރުއަޅާނެ ކަންތައްތަކުގެ ތެރެއިން މައިގަނޑު ދެ ނުޤުތާއެއްގެ މައްޗަށް މިލިޔުމުގައި ނަޒަރުކޮށްލާނަމެވެ. 

އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން ނުވާށެވެ. 

މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا) ( سورة النحل:92) މާނައީ އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެކޮށައި ހަލާކުކޮށްލި ކަނބުލޭގެފަދައިން، ތިޔަބައިމީހުން ނުވާށެވެ! 

މި މިސާލުބަސް ޢާއްމުކޮށް ބޭނުންކޮށްއުޅެނީ މަސައްކަތެއް ކުރުމަށްފަހު އެމަސައްކަތެއް ބޭކާރުކޮށްލުމާ ގުޅޭގޮތުންނެވެ. މިސާލަކަށް ރަމަޟާންމަހުގައި ރޯދަހިފާ ރޭއަޅުކަންކޮށް ﷲއަށް ޛިކުރު ކުރުމުގައި އެތައް ވަގުތެއް ހޭދަކުރުމަށްފަހު ރަމަޟާންމަސް ނިމޭތަނުން އަޅުކަމުގެ މަތިން ހަނދާންނެތި ފާފަތަކަށް އަރައިގަންނަނަމަ ވާނީ ހެދުންވިޔަމުންދިޔަ ކަނބުލޭގެ އެ ހެދުން ވިޔެ ނިމެންކައިރިވެފަވަނިކޮށް އެތިއެތިކޮޅަށް ކޮށައި ހަލާކުކޮށްލި ފަދައިންނެވެ. ކުރިހާ މަސައްކަތްދާނީ ފަނުފުލުންނެވެ. މިހެންކަންކަންވަނީ ކީއްވެގެންތޯ ގިނަބަޔަކު ސުވާލުކުރެއެވެ. މި ސުވާލުގެ ޖަވާބު ޖެހިގެންއޮތް ނުޤުތާގައި ފާހަގަކޮށްފައި އެވަނީއެވެ. 

ޝައިތޯނާގެ ކިބައިން ސަލާމަތްވާށެވެ! 

އެއީ އެންމެބޮޑު ޢަދުއްވުކަން އެނގުނެއްކަމަކު ގިނަ ބަޔަކު އެ ޢަދުއްވާމެދު ޣާފިލުވެއެވެ. ޝައިތޯނާގެ އެންމެބޮޑު އަމާޒަކީ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ނަރަކައަށް ގެންދެވޭފަދަ ގޮތަކަށް ލަނޑުދަނޑިތައް ކަނޑައަޅައި މަސައްކަތްކުރުމެވެ. ކުށްފާފަތަށް ކުރުމަށް މީސްތަކުންނަށް ވަސްވާސްދިނުމެވެ. ރޯދަމަސް ނިމޭ ދުވަސްކޮޅު އިބިލީހުގެ މަސައްކަތުގެ ބުންވަރު ބާރުކުރެއެވެ. މަގުފުރައްދަން މަސައްކަތްކުރާ މިންވަރު ބޮޑުވެއެވެ.  ކަންމިހެން އޮތްނަމަވެސް އިންސާނާ އަމިއްލައަށް ކަނޑައަޅާ ލަނޑުދަނޑިތައް ހަރުދަނާކޮށް އީމާންކަން ވަރުގަދަކުރަން ކޮންމެދުވަހަކު މަސައްކަތްކުރާނަމަ، އެމީހެއްގެ މައްޗަށް ޝައިތޯނާއަކަށް ބާރެއް ނުފޯރުވޭނެއެވެ. 

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ) މާނައީ: ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް (ޝައިޠޯނާއަކަށް) ބާރު ލިބިގެނެއް ނުވެއެއެވެ. 

ޝައިޠޯނާގެ މަޅިތަކުން ސަލާމަތްވުމަށްޓަކައި ރޯދަމަހުގެ ފަހުން އެއް ހަފްތާވަންދެން ރޯދަމަހުގައި އަޅުކަންކުރިފަދައިން އަޅުކަން ކުރަން މަސައްކަތްކުރާށެވެ. އޭރުން ﷲގެ ރަޙުމަތްފުޅާއެކު ވަސްވާސްތަކާއި ކުށްފާފަތަކާ ދުރުވެ ރަނގަޅު ޢަމަލުތައް ކުރުންމަތީ ދެމިހުރުމަށް ބާރަކަށް ވެގެންދާނެއެވެ. ރަމަޟާންމަހަށްފަހު ޝައްވާލުމަހުން ހަރޯދަހިފުން އެއީ މުޅި އަހަރު ދުވަހު ރޯދަހިފިފަދަ ދަރުމައާއި ސަވާބު ލިބޭކަމެއްކަމަށް ސުންނަތުގައި ވާރިދުވެފައިވެއެވެ. ވީމާ ހަރޯދަ ހިފުމަށް ސަމާލުކަންދޭށެވެ. 

ވީމާ، ހިތްވަރު އެލުވާނުލާށެވެ. އުންމީދުކުރާށެވެ. ރޯދައިން ލިބުނު ތަޤުވާވެރިކަމާއެކު، ނަމާދަށްފަރުވާތެރިވެ، ޤުރުޢާންކިޔަވައި ﷲ ޙަނދުމަށްކޮށް ދުޢާކޮށް، ރަނގަޅު ރަޙުމަތްތެރިންނާއެކުވާށެވެ. ހެޔޮކަންކަމަށް މާތްﷲ ތައުފީޤު ދެއްވާނެއެވެ. ރަމަޟާނަކީ ނިމުމެއްނޫނެވެ. ރަމަޟާންމަހަކީ ހެޔޮޢަމަލުތައް ކުރުމުގައި އާ ފެށުމެއްކަމަށްބަލާށެވެ! ހެޔޮދުޢާއާއެކު ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ތިޔަލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. 

- ޑރ. އަނާރާ ނަޢީމް 

މިއަދު އޮންލައިން