މުސްލިމް އަޚުންނާ އުޚްތުންނޭވެ! ބައެއްގެ އިޖުތިމާޢީ ފޭރާން ވަރުގަދަވުމަކީ، އެ މުޖުތަމަޢަކަށް، ފާގަތިކަމާއި އަމަން އަމާންކަން ގެނުވާނެ ކަމެކެވެ. ބައެއްގެ ތެރޭގައި ރިވެތި އަޚްލާޤު ފެތުރިއްޖެނަމަ، އެބައެއްގެ މެދުގައި އެއްބައިވަންތަކަން އާލާވާނެއެވެ. ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް، އިސްލާމީ އުޚުއްވަތްތެރިކަމާއި، ރިވެތި އަޚްލާޤު، ވީރާނާވިޔަ ނުދޭށެވެ! ދުލުގެ އާފަތްތަކުގެ ޝިކާރައަކަށްވެ، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގު ހެދުމާއި، ދޮގު ހެކިދިނުމާއި، މަލާމާތްކޮށް ފުރައްސާރަކުރުމާއި، ހަޑި ހުތުރުބަހުން ވާހަކަދައްކާ ބަޔަކަށް ނުވާށެވެ! ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. (لَا يَسْتَقِيْمُ إِيـْمَانُ عَبْدٍ حَتَّى يَسْتَقِيْمَ قَلْبُهُ، وَلَا يَسْتَقِيْمُ قَلْبُهُ حَتَّى يَسْتَقِيْمَ لِسَانُهُ)[1] މާނައީ: "ހިތް ސީދާ ނުވާހާ ހިނދަކު، އަޅާގެ އީމާންކަން ސީދާ ނުވާހުއްޓެވެ. އަދި އޭނާގެ ދޫ ސީދާ ނުވާހާ ހިނދަކު، އޭނާގެ ހިތް ސީދާ ނުވާހުއްޓެވެ."
މާތް ﷲ ގެ އަޅުތަކުންނޭވެ! މި އަޅާގެ އަމިއްލަ ނަފްސަށާއި ތިޔަބައިމީހުންނަށް މާތް ﷲ އަށް ތަޤްވާވެރިވުމަށް ވަޞިއްޔަތްކުރަމެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. " އޭ إِيـْمَان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تَقْوَى ވެރިވުން حَقُّ ވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް تَقْوَى ވެރިވާށެވެ! އަދި، مُسْلِمُ ން ކަމުގައިވާ حَالُ ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!"[2]