ޚުޠުބާ: ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަކީ، އަހަރެމެންގެ ހަށިގަނޑުގެ އެއްބައެވެ. ޢީދުގައި އެމީހުންގެމަތިން ހަނދާންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޚުޠުބާ: ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަކީ، އަހަރެމެންގެ ހަށިގަނޑުގެ އެއްބައެވެ. ޢީދުގައި އެމީހުންގެމަތިން ހަނދާންކުރާށެވެ!

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ފިޠުރު ޢީދުގެ މި އުފާވެރި މުނާސަބަތުގައި، އެކަކު އަނެކަކާ ހިނިތުންވުމާއެކު ބައްދަލުކޮށް، ސަލާންގަލާންކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް، ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ މަތިން ހަނދާން ނައްތާނުލާށެވެ! އެ ލޮބުވެތި އަޚުންނާއި އުޚުތުން އެދަނީ، މާތްވެގެންވާ އަލްމަސްޖިދުލް އަޤްޞާއާއި، އެ ބަރަކާތްތެރި ފަސްގަނޑުގެ ދިފާޢުގައި ޖިހާދު ކުރަމުންނެވެ.

ފާއިތުވެގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް، އެމީހުން އުޅެމުންދިޔައީ ނުހަނު ނިކަމެތި ޙާލުގައެވެ. ރޯދަ ވީއްލުމަށާއި، ހާރުކެއުމަށް، ކާނެ އެއްޗެއް ބޯނެ އެއްޗެއް، ލިބިގެން ނުވާ ޙާލުގައެވެ. އެމީހުން ރޭ އަޅުކަން ކުރަމުން ދިޔައީ، ޞިހްޔޫނީންގެ އަނިޔާވެރި ޙަމަލާތަކުން ސުންނާފަތިކޮށްފައިވާ ބިނާރުތަކާއި، ހިރަފުސްތަކުގެ ތެރޭގައެވެ. މިޙާލަތުގައިވެސް އެ އަޚުންނާއި އުޚްތުންގެ ކިބައިން ފެނިގެން ދިޔައީ ﷲ ގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާފަދަ ވަރުގަދަ އީމާން ކަމެކެވެ. މިއީ އެކަންކަމުން އަހަރެމެން ޢިބުރަތް ލިބިގަންނަންވީ ކަންކަމެވެ. 

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، އެ ވޭނުގައި ހަށިގަނޑުގެ ބާކީހުރި ގުނަންތައް ބައިވެރިވެއެވެ. ހުންއައުމުންނާއި ހޭލާ ހުރުމުންނެވެ. ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަކީ، އަހަރެމެންގެ ހަށިގަނޑުގެ އެއްބައެވެ. އެމީހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކީ، އަހަރެމެންނަށް ލިބޭ ނިކަމެތިކަމެކެވެ. އަދި އެމީހުންނަށް ލިބޭ ކޮންމެ ޢިއްޒަތަކީ އަހަރެމެންނަށްވެސް ލިބޭ ޢިއްޒަތެކެވެ. އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަޞްރުދެއްވުން އެދި ދުޢާކުރާށެވެ! އަދި އަހަރެމެންގެ ޤާބިލިއްޔަތު ތަންދިން މިންވަރަކުން، އެމީހުންނަށް އެހީގެ އަތް ދިއްކޮށްލުމުގައި ފަސްނުޖެހޭށެވެ! މި މަތިވެރި ޢީދު ދުވަހުގައި،  އަށާއި އެކަލާނގެ ދީނަށާއި، އެ ދީނުގެ އަހުލުވެރިންނަށް، ނަޞްރުދޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ!

 

މިއަދު އޮންލައިން