ކީރިތި ޤުރްއާން ކިޔެވުމުން ޤްރުއާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެމަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކީރިތި ޤުރްއާން ކިޔެވުމުން ޤްރުއާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެމަގު!: މުފްތީ މެންކް

ކީރިތި ޤްރުއާނުގައި ވަނީ ﷲ ތަޢާލާގެ ބަސްފުޅުތައް ނަމަވެސް އެއީ ހަމަ އެކަނި ﷲ ތަޢާލާގެ ބަސްފުޅުތަކެއް ކަމަށް ވިސްނައި އެހިސާބުން ނިންމައިނުލާށެވެ! ކީރިތި ޤްރުއާނުގެ މަތިވެރިކަން އެއަށްވުރެ މާބޮޑެވެ. ކީރިތި ޤްރުއާނުގައި ވަނީ ﷲ ތަޢާލާގެ އެންގެވުންތަކެވެ. އަމުރުފުޅުތަކެވެ. އެކަންކަމަށް ނުވިސްނައި ވާހަކަފޮތެއް ކިޔައިލާ އުޞޫލުން ކީރިތި ޤްރުއާން ކިޔަވައިލުމަކުން އަދި ނުފުދޭނެއެވެ. މާނަ އެނގެން ޖެހޭނެއެވެ.

ކީރިތި ޤްރުއާން ބާވައިލެއްވެވީ ޢަރަބި ބަހުން ކަމަށްވުމުން މާނަ ނުއެނގޭ ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް މިއަދަކު ނެތެވެ. ކީރިތި ޤްރުއާން ތަރުޖަމާ ކުރެވިފައިވާ ބަހެއް ނެތްކަމަށް ބުނެވޭހައި ގިނަ ބަސްތަކަށް މިހާރު ކީރިތި ޤްރުއާން ވަނީ ތަރުޖަމާ ކޮށްފައެވެ. ވީމާ މާނަ ނުއެނގޭ ކަމަށް ބުނެ ދެއްކޭނެ އެއްވެސް ޙުއްޖަތެއް މިހާރަކު ނެތެވެ.

ކީރިތި ޤްރުއާނުގައިވާ ﷲ ތައާލާގެ އަމުރުފުޅުތައް އެނގޭނަމަ ހިތަށް ބިރުވެރިކަން އިޙްޞާޞްކުރެވޭ މިންވަރު އެތައް ގުނައަކަށް އިތުރުވާނެއެވެ. އެހެން މީހަކު މާނަ ކިޔައި ދިނުމުން ހިތަށް ކުރާ އަސަރަށްވުރެ ތިމާ އަމިއްލައަށް އުނގެނުމުން ކުރާ އަސަރު އެތައް ގުނައެއް ބޮޑުވާނެއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ނިމެން ދާދި ކައިރިވީއެވެ. ކީރިތި ޤްރުއާން ކިޔެވުމުގެ އިތުރުން ކީރިތި ޤްރުއާން އުނގެނެން މަސައްކަތްކުރާށެވެ! މިއީ ކީރިތި ޤްރްއާނުގެ މައްސަރެވެ! މިމަހުގައި ކުރާ މަސައްކަތުގެ ބަރަކާތްވެސް އެތައް ގުނައެއް އިތުރުވާނެއެވެ. މާނަ ދަސްކުރަން ވެސް ފަސޭހަވާނެއެވެ. އާޚީރަތް ދުވަހު ސަލާމަތްކަމެއް ލިބުން އޮތީ ކީރިތި ޤްރުއާން އުނގެނި ޢަމަލުކުރި މިންވަރަކުންނެވެ.

ތިބާ މަރުވީ އުމުރުން 60- 70 އަހަރުވީ ފަހުންނެވެ. އުމުރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ތިބާ ޤްރުއާން ކިޔެވިއެވެ. ނަމަވެސް މާނައެއް ނުއެނގެއެވެ. ﷲ ތަޢަލާގެ އެންގެވުންތަކެއް ނުއެނގެއެވެ. މާދަމާ މަރުވެ ކައްވަޅަށް ތިރިކުރެވުމުން ކުރެވޭ ސުވާލުތަކަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އާޚިރަތް ދުވަހު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ދަންނަވާނީ ކީކޭ ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން