މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަސް ނިމިގެންދިއައީއެވެ. ރަމަޟާން މަހަށް ކަސްތޮޅު އެޅުއްވެވި މާރިދުންތައް ވީއްލުނީއެވެ. އެއްޗެތީގެ މަސައްކަތްތަކަށްވަނީ ފަށައިގެންފައެވެ.
ކުރިންވެސް ބުނިފަދައިން ސިޙުރުވެރިންގެ ގާތަށްގޮސް އެހީތެރިކަން ހޯދާ މީހުން ގިނަވާނެއެވެ. މީހުން މަގުފުރައްދަން ކުރާ މަސައްކަތްތަކުގެ އިތުރުން ސިޙުރުގެ ނުބައިކަން ޖައްސުވަން މަސައްކަތްކުރާ ޝައިޠޯނުންތައް ގިނަވެގެންދާނެއެވެ.
އަހުރެމެންނަށް އޮތީ ބިރުގަތުމެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގުން ރައްކައުތެރިކަން ހޯދަން މަސައްކަތްކުރުމެވެ. ބަޤަރާ ސޫރަތް ކިޔެވުން ގިނަކުރާށެވެ. ބަޤަރާސޫރަތް ހަމައެކަނި ކިޔެވުމުންވެސް އެގެއަކާއި ޝައިޠޯނާއަށް ކައިރިނުވެވޭނެއިރު މާނަ ކިޔުމުން ކުރާނެ ފައިދާ އިތުރުވާނެ މިންވަރާއިމެދު ވިސްނާށެވެ!
އާޔަތުލްކުރުސި އާއި އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތް ހެނދުނާއި ހަވީރުކިޔެވުން އާދަކުރާށެވެ. ފަތިސްނަމާދުން ދުވަސްފަށާށެވެ. މިއިން ކޮންމެ ކަމަކީވެސް އެކަންކުރުމުން އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެ ކަންކަމެވެ.
ބަޤަރާ ސޫރަތުގެ ފަހު އާޔަތްތައް ކިޔެވުމަށްވެސް އަހުރެން ނަބޭޙަތްތެރިވަމެވެ. ހެނދުނާއި ހަވީރުވެސް ކިޔަވަމުން ގެންދާށެވެ! ކީރިތި ޤުރްޢާން ކިޔެވުމުން ދެއްވަވާނެ ފައިދާ ވަޒަންކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ!
--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން