ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْر (([رواه مسلم 204 – (1164)
މާނައީ: "ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ."
ޝައްވާލު މަހުގެ ހަ ރޯދަ ވިދިވިދިގެންވެސް އަދި ވަކިވަކިންވެސް ހިފިދާނެއެވެ. ނަމަވެސް ޢިދުދުވަހާއި ވިދިގެން ޖެހިގެން އަންނަ ދުވަހުން ފެށިގެން ވިދިވިދިގެން 6 ދުވަހު ރޯދަ ހިފުން މޮޅު އިތުރުވެގެންވެއެވެ. އެހެނީ ހެޔޮކަމުގައި އަވަސްވެގަތުމަށް މާތްﷲ ވަނީ އަޅުގަނޑުމެނަށް ބާރުއަޅުއްވާފައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾
އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ.
ރަމަޟާންމަހުގެ ރޯދަ ޤަޟާނުކޮށްވެސް ޝައްވާލު މަހުގެ ހަރޯދަ ހިފިދާނެކަމަށް ބައެއް ދަންނަބޭކަލުން ވިދާޅުވެއެވެ. ނަމަވެސް އަނެއްބައި ޢިލްމުވެރިން ބަޔާން ކުރައްވާގޮތުގައި ޝައްވާލު މަހުގެ ހަރޯދަ ހިފުމުގެ ކުރީގައި ފުރަތަމަ ހިފަންޖެހޭނީ ޤަޟާ ރޯދަތަކެވެ.
އެބޭކަލުން 2 ސަބަބެއް ބަޔާންކުރައްވައެވެ.
ފުރަތަމަ ސަބަބު: ރަސޫލާ عليه الصلاة والسلام ޙަދީޘްކުރެއްވަނީ: "ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ."
ރަމަޟާން މަހުން ރޯދަތަކެއް ޤަޟާކުރަން ޖެހިފައިވާމީހަކު އެރޯދަތައް ޤަޟާނުކޮށް ޝައްވާލު މަހުގެ ހަ ރޯދަ ހިފައިފިނަމަ، އޭނާ ރަމަޟާން މަހުގެ ރޯދަ ހިފުމަށް ފަހު ޝައްވާލު މަހު ހަ ރޯދަ ހިފިކަމަކަށް ނުވާނެއެވެ. އެއީ ރަމަޟާން މަހުގެ ބައެއް ރޯދަ ނުހިފި ހުރުމުންނެވެ. ރަމަޟާން މަހުން ޤަޟާ ކުރަންޖެހިފައިވާ ރޯދަތައް ޤަޟާކުރުމުން ނޫނީ ރަމަޟާން މަހު ރޯދަހިފުމަށްފަހު ޝައްވާލްމަހުން 6 ދުވަހު ރޯދަ ހިފިކަމަކަށް ނުވާނެއެވެ.
ދެވަނަ ސަބަބު: ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދަތަކަކީ އަޅުގަނޑުމެންގެ މައްޗަށްވާ ފަރުޟެކެވެ. އެއީ އަޅުގަނޑުމެންގެ ކޮޑުގައި އެޅިފައިވާ ދަރަންޔެކެވެ. ޝަރުޢީ އުޒުރަކާ ލައިގެން ރަމަޟާންމަހު ގެއްލުނު ރޯދަތައް ޤަޟާ ނުކޮށްފިނަމަ އަޅުގަނޑުމެން ފާފަވެރި ވާނެއެވެ. ނަމަވެސް ޝައްވާލު މަހުގެ 6 ރޯދައަކީ ސުންނަތެކެވެ. އެ ރޯދަ ނުހިފުމަކުން ފާފަވެރިއެއް ނުވާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ފަރުޟުން ފެށުމެވެ. އެހެނީ ސުންނަތަކަށް ވުރެ ފަރުޟަކުން ފެށުން މާ އައުލާވެގެންވެއެވެ.
ރަމަޟާންމަހުގެ ފަރުޟު ރޯދަ ޤަޟާކުރުމުގެ ނިޔަތާއި، ޝައްވާލުމަހުގެ ހަރޯދަ ހިފުމުގެ ނިޔަތް ޖަމާޢަކޮށްގެން ރޯދައެއް ނުހިފޭނެއެވެ. (ދެބާވަތުގެ ރޯދަ ހިފަންޖެހޭނީ ވަކިވަކިންނެވެ). އެއީ އެއް އަޅުކަމަކީ ސުންނަތެއް އަދި އަނެއް އަޅުކަމަކީ ފަރުޟަކަށް ވާތީއެވެ.
ޝައްވާލުމަހުގެ ސުންނަތް ހަރޯދައާއި، ހޯމަ ބުރާސްފަތީގެ ރޯދައާއި، 13،14،15 ގައި ހިފާ ރޯދަ ފަދަ ސުންނަތް ރޯދަތަކުގެ ނިޔަތް ޖަމާޢަކުރެވިދާނެއެވެ. ( މިސާލަކަށް ހޯމަ ބުރާސްފަތީގެ ސުންނަތް ރޯދަ ހިފާއިރު ޝައްވާލު މަހުގެ ހަރޯދަ ހިފަންވެސް ނިޔަތް ގަނެފިނަމަ ދެރޯދައިގެ ޘަވާބުވެސް ލިބޭނެއެވެ). އެއީ އެ 2 އަޅުކަމަކީވެސް 2 ސުންނަތް އަޅުކަމަށް ވާތީއެވެ. ހަމަ އެގޮތަށް ނަމާދުގައިވެސް 2 ރަކުޢަތް ސުންނަތް ނަމާދެއްގައި ގިނަ ނަޔަތްތަކެއް ޖަމަޢަކުރެވިދާނެ، މިސާލަކަށް ފަތިސް ނަމާދަށް މިސްކިތައް ވަދެ 2 ރަކުޢަތްކުރާ ހިނދު: ރަވާތިބު ސުންނަތުގެ ފަތިސް ނަމާދުގެ ސުންނަތް 2 ރަކުޢަތް، ވުޟޫގެ ސުންނަތް 2 ރަކުޢަތް، ތަޙިއްޔަތުލް މަސްޖިދިގެ ސުންނަތް 2 ރަކުޢަތުގެ ނިޔަތް ޖަމަޢަކުރެއްވިދަނެއެވެ.
ޝައްވާލު މަހުގެ 6 ރޯދަ ހިފުމަށްފަހު ބަޔެއް މީހުން ބުނާ އަޑު އިވޭ "މިއީ 6 ރޯދަވެރިންގެ ޢީދު ދުވަހޭ". ޝައްވާލު ހަރޯދަ ހިފައި ނިންމުމަށް ފަހު ފާހަނގަކުރުން ޝަރުޢުވެގެންވާ ޢީދެއް ނުވެއެވެ. އެހެންވީމަ މީ ރަނގަޅު ބުނުމެއް ނޫނެވެ.
ދުޢާ އަކީ މާތް ﷲ އެކަލާންގެ ރަޙްމަތްފުޅުން އަޅުގަނޑުމެނަށް ރަމަޟާން މަހުގެ ރޯދަ ހިފުމަށް ތަޢުފީޤްދެއްވި ފަދައިން ޝައްވާލު މަހުގެ 6 ރޯދަ ހިފުމުގެ ތައުފީޤު ދެއްވުން، އަޅުގަނޑުމެންގެ ހިތާއި ޢަމަލުތައް އިސްލާޙްކޮށްދެއްވާ އެކަލާނގެ ލޯބި ވޮޑިގަންނަވާ ޙާލު ދުނިޔެ ދޫކުރުމުގެ ތައުފީޤް ދެއްވުން.
- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން
ޝަރަޙަ އަޑުއައްސަވާލައްވަން: