ޚުޠުބާ: ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއް ކަމަށް، ނަބަވީ ސުންނަތުގެ މިސާލުތަކުން ސާބިތުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
ޚުޠުބާ: ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއް ކަމަށް، ނަބަވީ ސުންނަތުގެ މިސާލުތަކުން ސާބިތުވޭ!

މުސްލިމް އަޚުންނޭވެ! ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަން ޖެހޭ ކަމެއް ކަމުގައި އިޙުސާސްކުރެވޭ ގޮތަށް ދަރިންނަށް މަގު ދައްކައިގެން ނުވާނެއެވެ. ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއް ކަމަށް، ނަބަވީ ސުންނަތުގެ މިސާލުތަކުން ސާބިތުވެއެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައި ވެއެވެ. (إِنَّ أَوَّلَ مَا يُـحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ، فَإِنْ صَلَحَتْ، فَقَدْ أَفْلَحَ وَأَنْـجَحَ، وَإِنْ فَسَدَتْ، فَقَدْ خَابَ وَخَسِرَ).[1] މާނައީ: "ހަމަކަށަވަރުން، ޤިޔާމަތް ދުވަހުން އަޅާގެ  ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެނަމަ، (އެބަހީ: އޭނާ ފުރިހަމަގޮތުގައި ރަނގަޅަށް ނަމާދުކޮށްފައިވާނަމަ) ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވާހުއްޓެވެ. އަދި އެ ނަމާދުގެ ކަންތައް ފާސިދުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވެއްޖެއެވެ." އަދިވެސް އެހެން ޙަދީޘެއްގެ މާނާގައި ވެއެވެ. "ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ތިޔައިން މީހެއްގެ ގޭގެ ދޮރުމަތީގައި ކޯރެއް އޮވެ، އެ މީހަކު ކޮންމެ ދުވަހަކު ފަސް ފަހަރު، އެ ކޯރަށްއެރި، ފެންވަރާނަމަ، އެ މީހެއްގެ ގައިގައި އެއްވެސް ކުނިމިލައެއް ހުންނާނެހެއްޔެވެ؟" އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އެމީހާގެ ގައިގައި އެއްވެސް ކުނިމިލައެއް ނުހުންނާނެތެވެ. ޙަދީޘްކުރެއްވިއެވެ. "ފަރްޟު ފަސްނަމާދުގެ މިސާލަކީ އެއީއެވެ. الله تَعَالَى އެ ނަމާދު ތަކުގެ ސަބަބުން (ކުދި) ފާފަތައް ފުއްސަވައިދެއްވައެވެ."[2]  

އެންމެހައި ޙަމްދު ޘަނާ އާއި ތަޢުރީފު ޙައްޤުވެގެންވަނީ ކުޅަދުންވަންތަ މާތް الله އަށެވެ. އެކަލާނގެ އެއްކައުވަންތަކަމަށް އަޅު ހެކިވަމެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅުހެކިވަމެވެ. މާތް الله މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އެންމެހައި ޞަޙާބީންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ! 

މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން މާތް الله އަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ! ސިއްރާއި ފާޅުގައި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ ބޯލަނބާށެވެ! އަދި އެކަލާނގެ ރަސޫލާ مُحَمَّدٌ z ގެ އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންވާށެވެ! އެކަލޭގެފާނު ގެންނެވި ތެދުމަގުގައި ވަރުގަދައަށް ހިފަހައްޓާށެވެ!

ލޮބުވެތި މުދައްރިސުންނޭވެ! ތިޔައީ އަހަރެމެންގެ ދަރިންގެ ދެވަނަ މައިންބަފައިންނެވެ. ދަރިންނަށް ޢިލްމު އުނގަންނައިދިނުމުގެ ޛިންމާ އަދާކުރާ ފަރާތްތަކެވެ. ތިޔަ މުދައްރިސުން އެ ކުދިންނަށް އުނގަންނައިދޭ ފިލާވަޅުތަކަކީ ހަމައެކަނި ކިޔަވައިދޭ އެއްޗެއް ކަމުގައި ނުހަދާށެވެ! އެ ކުދިންނަށް ރިވެތި ނަމޫނާ ދައްކައިދޭ  ބަޔަކަށް ވާށެވެ! ނަމާދު ކުރުމުގެ މުހިއްމުކަން ކުދިންނަށް ކިޔައިދޭއިރު މުދައްރިސުންގެ ފަރާތުން އެ ނަމޫނާ ފެނުމަކީ ކުދިންވެސް ނަމާދުތަކަށް ފަރުވާތެރި ވާނެ ސަބަބެކެވެ. ނަމާދަކީ ޢުމުރުން ދުވަސްވީ މީހުންނާއި  ބަލިތަންމަތީގައި އޮންނަ މީހާއާއި ދަތުރެއްމަތީ އުޅޭ މީހާއާއި ހަނގުރާމައިގެ ޙާލަތުގައި ހަނގުރާމައިގެ މައިދާނުގައި ހުންނަ މީހާވެސް ކުރަން އަންގަވާފައިވާ އަޅުކަމެކެވެ.

މުސްލިމް އަޚުންނޭވެ! ދެ ދުނިޔޭގެ ފަލާޙާ ކާމިޔާބު ލިބެނިވި ގޮތްތައް އަހަރެމެންނަށް ދަސްކޮށްދެއްވައި އެކަމުގެ ނަމޫނާ ދެއްކެވުމަށް ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ! އެއީ، އެންމެހައި މުއުމިނުންނަށް މާތް الله އަމުރު ކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ---- މާނައީ: "ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!" 

މިއަދު އޮންލައިން