މިއަހަރުގެ ރަމަޟާން މަސް ނިމުމާއިއެކުވެސް އެއްބައަކު މިސްކިތްތަކާއި ދުރުހެލިވެއްޖެއެވެ. އަނެއްބައަކު ކުރިން ކުރަމުން އައިފަދަ ފާފަތައް ކުރަން ފަށައިފިއެވެ. އެހެންކަމުން މިއީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭނެ ކަމެކެވެ.
ރަމަޟާން މަސް ނިމިގެންދިއައީ އެވެ. ހެޔޮ އަމަލުތައް ކުރުމަށާއި ހެޔޮ ގޮތުގައި އުޅުމަށް މަސް ދުވަހު ގަދައަޅައި މަސައްކަތްކޮށްފީމުއެވެ. އެހެންކަމުން ރަމަޟާން މަސް ނިމުމުން ކުރިއާއި އެއްގޮތަށް އަމަލުތައް ދީލައިލައިފިނަމަ އެއިގެ މާނައަކީ ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފެނީއެވެ.
ދޭތެރެއަކުން ހެޔޮ އަމަލެއް ކޮށްލުމަކީ ގިނަ ބައެއްގެ އާދައަކަށްވެފައި އޮންނަ ކަމެކެވެ. ނަމަވެސް ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ އެއީ ކިތަންމެ މަދު އަމަލެއް ނަމަވެސް އެ އަމަލެއް ކުރުންމަތީގައި ދެމިހުރެ ކުރާ އަމަލުތަކެވެ. ވީމާ އަޅުގަނޑުމެން އަބަދުވެސް ދެމިތިބެން ޖެހޭނީ ހެޔޮ އަމަލުކުރުންމަތީގައެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said,
“Take up good deeds only as much as you are able, for the best deeds are those done regularly even if they are few.”
Source: Sunan Ibn Mājah 4240
Grade: Sahih (authentic) according to Al-Albani
ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތއް ހުޅުއްވަވައި ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވައެވެ. ޝައިޠާނުންގެ ތެރޭގައި ހިމެނޭ ނުބައި ވަސްވާސްތައް ދޭ ބޮޑެތި މާރިދުންތައް ކަސްތޮޅު އަޅުއްވަވައެވެ. މިފަދަ ހުރިހާ ކަންކަން މިންވަރުފުޅު ކުރައްވަވަނީ ރަމަޟާން މަހުގެ ތަރުބަވީ މަދުރަސާއިން ފިލާވަޅުތައް ލިބިގަނެ އެކަމުގެ ފައިދާ ޙާޞިލުކުރުމަށެވެ. އެކަމަށްޓަކައި ފަހިކޮށް ދެއްވަވާ ފުރުޞަތުތަކެކެވެ. ވީމާ ރަމަޟާން މަހުގެ މޫސުން ނިމިގެން ދިއުމަށްފަހުގައިވެސް އެކަމުގެ އަސަރު އަޅުގަނޑުމެންގެ ކިބައިގައި ހުންނަން އެބަ ޖެހެއެވެ.
ރޭއަޅުކަން ކުރުމާއި އެނޫންވެސް ވަރަށް ގިނަ ހެޔޮ އަމަލުތައް ރަމަޟާން މަހު އަޅުގަނޑުމެން ކޮށްފީމުއެވެ. ރަމަޟާން މަސް ނިމުމުން އެކަންކަން ކުރުން ދޫކޮށްލެވޭނަމަ އެއިގެ މާނައަކީ އެކަންކަން ކުރުމަކީ ހަމައެކަނި ރަމަޟާން މަހު ކުރަންޖެހޭނެ ކަންކަން ކަމުގައި ޤަބޫލުކުރެވޭ ކަމެވެ.
ރަމަޟާން މަސް ނިމިގެންދިއައިރު ވަރަށް ގިނަ ހެޔޮ އަމަލުތަކެއް ކުރިކަމުގެ ޓްރެކް ރެކޯޑްތަކެއް އަޅުގަނޑުމެންގެ އެބައޮތެވެ. ވީމާ ރަމަޟާން މަސް ނިމިގެން ދިއުމުން ވެސް ޕްލޭންތަކެއް ހަދައި އެއަމަލުތައް ކުރުމަތީގައި ދެމިތިބެވޭނެ ގޮތްތަކެއް ރާވަން ޖެހޭނެއެވެ. ވަކި ތަރުތީބެއްގެ ދަށުން އެކަންކަން ކުރުންމަތީގައި ދެމިތިބެވިއްޖެ ނަމަ ﷲ ތަޢާލާގެ ޙަޞްރަތުން އެކަމުގެ ނިޢްމަތްތައް އަޅުގަނޑުމެންނަށް ލިބެމުންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން