ކައިވެނިކުރީންސުރެ އަޅުގަނޑަށް އުޅެންޖެހިފައިވަނީ ހިތާމައާއި ހިތްދަތިކަމުގައެވެ. އެކަމުގެ ތެރޭގައި އުޅެންހަދައިގެން އަޅުގަނޑަށް ވަރަށް ބޮޑެތި އުނދަގޫތައްވެސް އަންނަނީ ކުރިމަތިވަމުންނެވެ. އަޅުގަނޑުގެ ސުވާލަކީ އަނެކާ ހިތްދަތިކުރުމަކީ ދެވޭ އަނިޔާއަކަށް ނުވާނެތޯއެވެ؟
ކިޔުންތެރިޔާއަށް ކުރިމަތިވެފައިވާ ޙާލަތުން އަވަހަށް އަރައިގަނެވޭނެ މަގެއް ދައްކަވައި ދެއްވެވުން އެދި ދުޢާކުރަމެވެ. ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
އަނިޔާގެ ވައްތަރުތައް ވަރަށް ގިނައެވެ. އެހެނަސް އަނިޔާގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެ ދައްކަނީ ތަޅައި އަނިޔާކުރުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ އޭނާގެ ހިތަށް ދޭ އަނިޔާއެވެ.
އެކަން ބަޔާން ކުރައްވަވައި ޢަލީ (ރޢ) ވިދާޅުވެފައިވެއެވެ. "އިންސާނާގެ ހަށިގަނޑަށް ދެވޭ އެންމެ ބޮޑު އަނިޔާޢަކީ އެމީހެއްގެ ހިތަށް ކުރާ އަނިޔާއެވެ. އަދި ހިތަށް ކުރާ އަސަރު ނުއެނގޭ ބައަކާއިއެކު ދިރިއުޅެން ޖެހުމުން ލިބޭ އަނިޔާއެވެ."
މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޙަޔާތުގެ ބައިވެރިޔާގެ ގައިގައި ތަޅައި އަނިޔާ ނުކުރުމަކީ އަނިޔާ ނުކުރުމެއް ނޫނެވެ. އަނެކާގެ ހިތަށް ކުރާ އަނިޔާއަކީ ޖިސްމާނީ އަނިޔާތަކަށްވުރެ މާބޮޑު އަނިޔާއެކެވެ.
ކަނޑިން ޖެހުމުން ހަށިގަނޑުގައި އުފެދޭ ފާރުގަނޑަށްވުރެ ދުލުން ބުނާ ބަސްތަކުން ދެވޭ އަނިޔާ މާބޮޑެވެ. ކަނޑިފާރު ފަސޭހަވި ނަމަވެސް ހިތުފާރު ފަސޭހަ ނުވާނެ ކަމަށް ބުނެވެނީ އެހެންވެގެންނެވެ.
އެއްވެސް މީހެއްގެ، ޚާއްޞަކޮށް މައިން ބަފައިންނާއި ހަޔާތުގެ ބައިވެރިޔާގެ ހިތުގައި ޖެއްސުވުމަކީ އަނިޔާއެއް ނޫން ކަމަށް ޤަބޫލުކުރާ މީހުން ރަނގަޅަށް އަޑުއަހާށެވެ! ހިތުގައި ޖެއްސުވުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އާޚިރަތް ދުވަހުން ޖެހޭނީ ހަމަ ޖަވާބުދާރީވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން