ދަރިންނަށް ދެވޭ އަގުބޮޑު ހަދިޔާތަކާއި އެކުދިންނަށްޓަކައި ހޯދައިދެވޭ ތަނަވަސްކަމަށްވުރެ ކުއްޖާއަށް މުހިންމުވާނީ އަދި ފައިދާކުރާނީވެސް ކުއްޖާއަކީ ނަމާދުކުރާ ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކުރެވިގެންކަން ހުރިހާ ޢިލްމުވެރިންވެސް ފާހަގަކުރައްވައެވެ.
ދަރިން ޤަވާއިދުން މިސްކިތަށް ގެންދާ ބެލެނިވެރިންގެ އަދަދު މަދުކަން ފާހަގަކުރަންޖެހެއެވެ. ކޮންމެ ދުވަހަކުވެސް ތިމާ ނަމާދުކުރުމަށާއި ދަރިންލައްވައި ނަމާދުކުރުވުމަށް މަސައްކަތްކުރަން ޖެހެއެވެ. އެއީ ބޮލުން ނައްޓައިލެވެން އޮތް ޒިންމާއެއް ނޫނެވެ.
ހުރިހާ ޢިލްމްވެރިންހެން އެބޭފުޅުންގެ އަޑުފުޅަށް ލެއްވުނުހައި ބާރެއް ލައްވައި ގޮވާލައްވަނީ ކޮންމެ ޙާލެއްގައިވެސް ނަމާދުކުރުމަށެވެ. ފާފަކުރެވުނު ނަމަވެސް ނަމާދުކުރުމަށެވެ.
ކޮންމެ މީހަކަށްވެސް ފާފަތައް ކުރެވޭނެއެވެ. ފާފަކުރެވުމުން މީހާ ސަލާމަތްކޮށްދޭނެ އައްޑަނައަކީ ނަމާދުކުރުމެވެ. ތިމާއާއި ތިމާގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ ﷲ ގެ އަމުރުފުޅެކެވެ. ވީމާ މިއީ އެންމެ ގިނައިން ދައްކަންޖެހޭ ވާހަކައެވެ.
ސްކޫލްތަކުންނާއި އެކިއެކި ފަރާތްތަކުން ހިންގާ ކުޅިވަރުތައް ހިންގުމުގައި ސަމާލުކަންދޭން އެބަޖެހެއެވެ. ދެނަމާދުދޭތެރޭގައާއި އަދި ޢިޝާނަމާދުގެ ޖަމާޢަތަށް ކުދިންނަށް ނުދެވޭނެ ގޮތަށް ކުޅިވަރުގެ ޙަރަކާތްތައް ކުރިއަށް ގެންދާތީ ގިނަބައަކު ކަންބޮޑުވެއެވެ. ނަމަވެސް ސޯ ނޫނީ މިސް ބުނީމާ އެކަން ނުކޮށްފިނަމަ ދަރިފުޅަށް އެކި ގޮތްގޮތުން ލިބޭ ގެއްލުން ބޮޑުވީމާ ސޯމެންނާއި މިސްތައް ބުނާހައި ގޮތަކަށް ކަންކަންކުރަން ޖެހެނީއެވެ.
ކިތަންމެ ކުޑަނަމަވެސް ދެކޮޅަށް ބަހެއް ބުނެފިނަމަ އެބެލެނިވެރިއަކު ލިސްޓްކުރަނީ ހަރުކަށިފިކުރުގެ މީހެއްގެ ގޮތުގައެވެ. މިއީ ބެލެނިވެރިންނަށް އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. މަޑުކަށި ފިކުރުގެ މީހަކަށްވުމަށްޓަކައި މަޖުބޫރުވަނީ މަޑުންހުންނާށެވެ!