އިސްލާމީ ފިޤުހްގަ ކާބޯތަކެތި: (2)
1 ކެއުމާއި ބުއިން ޙަރާމްކަމަށް ނައްޞު އައިސްފައިވާތަކެތި.
ކާބޯތަކެތީގެ ތެރެއިން ޙަރާމްކަމަށް އައިސްފައިވާ ކޮންމެ އެއްޗަކީ ނަޖިސް، ގެއްލުންހުރި ކޮންމެ އެއްޗެކެވެ. އެފަދަ އެއްޗެއް ކެއުން ހުއްދަވެގެންނުވެއެވެ. މިގޮތުން ޝަރުޢުގައި ޙަރާމްކުރައްވާފައިވާ ކޮންމެ އެއްޗަކީ ހަޑިމުޑުދާރު އެއްޗެކެވެ. އެއެއްޗެއްގެ ހަޑިކަން އަހަރެމެންނަށް ނުވިސްނުނުނަމަވެސްމެއެވެ. ﷲ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޞިފަކުރައްވާފައިވާ ފަދައިންނެވެ.
(وَيُحِلُّ لَهُمْ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمْ الْخَبَائِثَ) الأعراف: 157
މާނައީ: "އަދި (އެކަލޭގެފާނު) ރަނގަޅު ތަކެތި އެބައިމީހުންނަށް ޙަލާލުކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންގެ މައްޗަށް ޙަރާމްކުރައްވަތެވެ.
މިގޮތުން ޝަރުޢުގައި ޙަރާމްކުރައްވާފައިވަނީ އަންނަނިވި ތަކެއްޗެވެ.
ފުރަތަމައީ: ﷲގެ ފޮތް ކީރިތި ޤުރުއާނުގައި ޢައިނިއްޔަގޮތެއްގައި ޙަރާމްކުރައްވާފައިވާ 10 ބާވަތެއްގެ ކާތަކެއްޗެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
(حُرِّمَتْ عَلَيْكُمْ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلاَّ مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ) المائدة: 3
މާނައީ: "މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އުރުމަހާއި، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، މީގެ ތެރެއިން (ޝަރުޢީ) ހަމަތަކުގެ މަތިން ތިޔަބައިމީހުންގެ ކަތިލި އެއްޗެއް މެނުވީ ތިޔަބައިމީހުންގެ މައްޗަށް ޙަރާމްވެގެންވެއެވެ. އަދި ނުޞުބުގެ މަތީގައި ކަތިލެވޭ ތަކެތިވެސް ޙަރާމްވެގެންވެއެވެ.
މިއާޔަތުގައިވާ 10 ބާވަތް ދަންނައެވެ.
(1) الميتة (މުޅަތަކެތި): އެއީ ޣަރަޤުވުންފަދަ ބޭރުފުށުގެ ސަބަބަކާނުލައި މަރުވާ ތަކެއްޗާއި، ޝަރުޢީ ކަތިލުމަކާނުލައި މަރާލެވޭ ތަކެއްޗެވެ. މައިތާގެ ތެރެއިން އިސްތިޘްނާވެގެންވަނީ ކަނޑުގައި އުޅޭ މަހާއި، ގޮށްފުޅަނގިއެވެ. މިދެވައްތަރަކީ ޙަލާލު ދެވައްތަރެކެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
(أُحِلَّتْ لَنَا مَيْتَتَانِ وَدَمَانِ فَأَمَّا الْمَيْتَتَانِ فَالْحُوتُ وَالْجَرَادُ وَأَمَّا الدَّمَانِ فَالْكَبِدُ وَالطِّحَالُ)) (ابن ماجه، وصحّحه شيخ الألباني في الصحيحة)
މާނައީ: "ތިމަންމެނަށް މަރުވެފައިވާ ދޭއްޗާއި، ލޭގެ ދޭތި ޙަލާލުކުރެވުނެވެ. އެއިގެތެރެއިން މަރުވެފައިވާ ދޭއްޗަކީ މަހާއި، ގޮށްފުޅަނގިއެވެ. އަދި ލޭގެ ދޭއްޗަކީ މެއާއި، ހުންކޮށްޓެވެ.
(2) މަސްފޫޙު ލެއި: މިއީ ކަތިލާއިރު ނުކުމެގެން އަންނަލެއެވެ. މަސްގަނޑުގެ ތެރޭގައި ހުންނަ ލެއަކީ މުބާޙު ލެއެކެވެ. މިލޭގެ މުބާޙުކަން މަތީގައިވާ ޙަދީޘްގައި ބަޔާންވެ އެދިޔައީއެވެ.
(3) އޫރުމަސް: އޫރުމަހަކީ ނަޖިސް ހަޑިމުޑުދާރު އެއްޗެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މުޅަތަކެއްޗާއި، މަސްފޫހު ލެއާއި، އޫރުމަހާ ބެހޭގޮތުން ވަޙީ ކުރައްވާފައިވެއެވެ.
(إِلاَّ أَنْ يَكُونَ مَيْتَةً أَوْ دَماً مَسْفُوحاً أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ)) الأنعام: 145
މާނައީ: "އެ އެއްޗަކީ މަރުވެފައިވާ އެއްޗެއްކަމުގައި، ނުވަތަ، އޮހޮރޭ ލޭކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެ އޫރުމަހަކީ ހަޑިމުޑުދާރު އެއްޗެކެވެ.
(4) ﷲ ނޫން އެހެން ފަރާތެއްގެ ނަން ގަނެގެން ކަތިލާއެއްޗެކެވެ. މިކަމަކީ ޙަރާމްކަމެކެވެ. އަދި އެފަދަ އެއްޗެއް ކެއުންވެސް ޙަރާމެވެ. އެހެނީ، އެކަމަކީ ޝިރުކެކެވެ. ޛަބަޙަކުރުމަކީ (ކަތިލުމަކީ) އަޅުކަމެކެވެ. ﷲ ފިޔަވައި އެއްވެސް އެހެން ފަރާތަކަށް އެކަންކުރުން ހުއްދަވެގެންނުވެއެވެ.
(5) ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗެވެ. ކަރުގައި ހިފީ ޤަޞްދުގައިކަމުގައިވީނަމަވެސް، ނުވަތަ ޤަޞްދަކާނުލައިކަމުގައިވީނަމަވެސް ތަފާތެއްނެތެވެ.
(6) ޖަހައި މަރައިލާ ތަކެތި: އެއީ ޛަބަޙަކުރުމެއްނެތި، ހިލަގަނޑަކުން ނުވަތަ އަސާއަކުން ފަދަ އެއްޗަކުން ޖަހާ މަރާލެވޭ ތަކެއްޗެވެ.
(7) އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗެވެ.
(8) އެހެން ޖަނަވާރެއްގެ ދަޅުންޖަހާ މަރާލެވޭ ތަކެއްޗެވެ.
(9) މިނިކާ ޖަނަވާރެއް އެއްބައި ކައިފައިވާ ތަކެތި: މިފަދަ ތަކެއްޗަކީ މިނިކާވަގެއް، ނުވަތަ ސިންގާއެއް، ނުވަތަ، ކުއްތާއެއް ފަދަ އެއްޗެއް ޝިކާރަކޮށްގެން ހޯދައިގެން އެއްބައިކެއުމުގެ ސަބަބުން މަރުވާ ތަކެއްޗެވެ.
އެންމެފަހުން ބަޔާންކުރެވުނު ފަސްބާވަތުގެ ޖަނަވާރު (ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، އެހެން ޖަނަވާރެއްގެ ދަޅުންޖަހާ މަރާލެވޭ ތަކެއްޗާއި، މިނިކާ ޖަނަވާރެއް އެއްބައި ކައިފައިވާ ތަކެތި) ފެނުނު އިރު އޭގައި ދިރުން ހުރެއްޖެނަމަ ޝަރުޢީ ހަމަތަކުގެމަތިން ކަތިލުމުން ޙަލާލުވާނެއެވެ. އެއީ އާޔަތުގައި ވާޙީކުރައްވާފައިވާ ފަދައިންނެވެ.
(إِلاَّ مَا ذَكَّيْتُمْ)
މާނައީ: "(ޝަރުޢީގޮތުން) ތިޔަބައިމީހުން ކަތިލިއެއްޗެއް މެނުވީއެވެ."
(10) ނުޞުބުގެ މަތީގައި ކަތިލެވޭ ތަކެތި: ނުޞުބަކީ ޖާހިލިއްޔަ ޒަމާނުގައި ގެފުޅު ވަށައިގެންވާ ހިލަގަނޑެކެވެ. ޖާހިލިއްޔަ ޒަމާނުގައި ބުދުތަކަށް އެއްޗެހި ކަތިލާ އުޅެނީ މިހިލަގަނޑުގެ މަތީގައެވެ. މިކަމަކީ ޝިރުކެކެވެ.
ދެވަނައީ: ހަށިގަނޑަށް ގެއްލުމެއް ލިބޭ ތަކެއްޗެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ :
(وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ) البقرة: 195
މާނައީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ." މިގޮތުން ވިހަ އެއްޗެއްސާއި، ސިނގިރޭޓާއި، ސުއްޓާއާއި، ގުޑުގުޑާ ފަދަ ތަކެތި ކެއުމާއިބުއިން ޙަރާމްވެގެންވެއެވެ.
(ނުނިމޭ)
- އައްޝައިޚް މުޙައްމަދު ސިނާން