ޢިބްރަތްތެރި ވާހަކަ: ފިރިން އެމީހުންގެ އަނބިންގެ ވާހަކަ ވިއްކައިގެން އެހެން އަންހެނުންގެ ލޯބި ހޯދަން އޫޅޭނަމަ ފުރަތަމަ ކަމަކަށްވެސް ޙަޤީޤަތް އޮޅުން ނުފިލުވައިފިނަމަ ލިބޭނެ ދެރަ ވަރަށް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 5ސ
ޢިބްރަތްތެރި ވާހަކަ: ފިރިން އެމީހުންގެ އަނބިންގެ ވާހަކަ ވިއްކައިގެން އެހެން އަންހެނުންގެ ލޯބި ހޯދަން އޫޅޭނަމަ ފުރަތަމަ ކަމަކަށްވެސް ޙަޤީޤަތް އޮޅުން ނުފިލުވައިފިނަމަ ލިބޭނެ ދެރަ ވަރަށް ބޮޑުވާނެ!

މިޒަމާނަކީ ކަންކަން އޮޅުންފިލުވަން އެންމެ ފަސޭހަ ޒަމާނެވެ. އެހެންވެ ގިނަ ބައަކު އެމީހުން އޮޅުންފިލުވަން ބޭނުންވާ ކަންކަން އަތުގައި އޮންނަ ފޯނުންވެސް އޮޅުން ފިލުވައެވެ. މައްސަލައަކަށްވަނީ އޮޅުން ފިލުވާ ކަންކަމެވެ.

މިހެން މިބުނަނީ އެންމެންހެން އަވަދިނެތި އުޅެނީ އެހެން މީހުންގެ ކަންކަން އޮޅުންފިލުވަންކަމަށްވާތީއެވެ. ތިމާ ކޮންމެހެން އޮޅުންފިލުވަންޖެހޭނެ ކަންކަން އޮޅުންފިލުވަނީ ވަރަށް މަދު މީހެކެވެ. ދެމީހަކު ބައްދަލުވުމުން އެހެން މީހުންގެ ވާހަކަތައް ދައްކައެވެ. ނަމަވެސް އަނެކާގެ ގާތުން ތިމާ އޮޅުންފިލުވަންޖެހޭ ކަންކަން އޮޅުންފިލުވަނީ ވަރަށް މަދުމީހެކެވެ. 

ތިރީގައިވާ ވާހަކައަކީ ކޮންމެ އަންހެނަކުވެސް ސަމާލުކަންދޭންޖެހިފައިވާ ކަމެއްގެ ވާހަކައެވެ. އެކަމަށް ސަމާލުކަން ދެވިއްޖެނަމަ ވަރަށް ގިނަ މައްސލަތައް ޙައްލުކުރެވޭނެއެވެ. ބެދެން އަންނަ ވަރަށް ގިނަ މަޅިތަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ 

އަޅުގަނޑުގެ މައިންބަފައިންނަކީ އެހައި ތަނަވަސްބައެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ތަނަވަސްކަމެއް ހުއްޓެވެ. އެހެންވެ 2 ބުރިއަށް ގެއަޅައި ދެބެއިންނަށް ވަކިން އުޅެވޭނެ ގޮތް ހަދައިދިނެވެ. އަދި ދެބެއިންނަށް ގޭގައި ކުޑަ ދެ ފިހާރަ ހުޅުވައިދިނެވެ. ކޮއްކޮއަށް ހުޅުވައިދިނީ ފައިވާން ފިހާރައެކެވެ. އަޅުގަނޑަށް ހުޅުވައިދިނީ ފޮތި ފިހާރައެކެވެ. އެއީ އެއީ ކުޑައިރުންސުރެ ފޮތްޗާއި ފަހާ ސާމާނު ވިއްކުމާއި ފަހާތަނެއް ހިންގުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމަކަށްވާތީއެވެ. 

މަންމަ އާއި ބައްޕަ ނިޔާވީ ވަރަށް އެކުއެކުގައެވެ. ދެމީހުން ނިޔާވުމުން ވަރަށް ބޮޑަށް އެކަނިވެރިކަން އިޙްޞާޞްކުރެވެން ފެށިއެވެ. އެހެންވެ ހިތްހަމަޖެހުން ހޯދުމުގެ ބޭނުމުގައި ވަރަށް ކުރިންސުރެ އަޅުގަނޑުދެކެ ލޯބިވާކަމަށް ބުނަމުން އައި މީހަކާއި ކައިވެނިކުރީމެވެ. 

އެއިރު އޭނާހުރީ ވަރަށް ކުޑަ މުސާރައެއް ލިބޭ ވަޒިފާއެއްގައެވެ. ކައިވެނިކުރުމަށްފަހު ވިޔަފާރީގައި ބައިވެރިކޮށް އަޅުގަނޑުގެ ވިޔަފާރީގެ އިސް މީހަކަށްވެސް ހެދީމެވެ. މިކިޔައިދެނީ އެކަމުގެ ނަތީޖާއެވެ. 

ކައިވެނީގެ 2 ވަނަ އަހަރު ބަލިވެއިނދެއްޖެއެވެ. ދިމާވި މައްސަލަތަކާއި ގުޅިގެން ގިނައިރު ކޮޅަށް އިންނަން އުނދަގޫވާތީ ފިހާރައަށް ދެވެނީ ވަރަށް މަދުންނެވެ. ބަނޑަށް 7 މަހުގައި ފިހާރައިގައި އިސްކޮށް މަސައްކަތްކުރާ ޖަމީލާ ބަލިވެއިނދެ ޗުއްޓީނަގަން ބޭނުންވެއްޖެއެވެ. 

ވަޒީފާއަށް ވަންނަމުން ޖަމީލާ ބުނީ ހުރީ ކައިވެނިކޮށްގެން ނޫން ކަމަށެވެ. ފަހުން ކައިވެނިކުރިވާހަކައެއް ނުބުނެއެވެ. އުޅެނީ ނުލާހިކު އެކުގައެވެ. ގޭގަ އޮންނަން ފެށިފަހުންވެސް ކޮންމެ ދުވަހަކު އެތައް ވަގުތެއް އެކުގައި ހޭދަކުރެއެވެ. އުޅެނީ މިގޭގެ މީހެއް ފަދައިންނެވެ. ވަރަށް ގިނަ ވާހަކަތައް ޙިއްޞާކުރެއެވެ. އެހެންކަމުން ކައިވެނީގެ ވާހަކަ ހިއްޞާ ނުކުރި ސަބަބާއިމެދު ސުވާލު އުފެދުނެވެ. 

އެހެންވެ އެއްރޭ ފިރިމީހާ ނޫޅޭ ވަގުތަކު ގެއަށް ގެނެސް ސުވާލުކުރީމާ ފެށީ ރޯށެވެ. "ތިއައީ އަހަރެންގެ ހަމައެކަނި އެކުވެރިއެއްވެސް ނޫނެވެ. މުސާރަދޭ މީހާއެވެ. ކޮންމެ ކަމެއްގައިވެސް އެހީތެރިވާ މީހާއެވެ. ވީމާ ދޮގުހަދާކަށް ނެތީމެވެ. އަހަރެންނާއިމެދު ފެންނަ ގޮތަކަށް ކަންކަން ކުރާށެވެ. ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް އެއްވެސް ޝަކުވާއެއްވެސް ނެތެވެ. އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެކެވެ. މެޑަމްގެ ފިރިމީހާ ދެއްކި ވާހަކަތަކަށް ހެއްލެވުނީއެވެ. އޭނާދެކެ ލޯބިވެވުނީއެވެ. ފާފަވެސް ކުރެވުނީއެވެ. ބަލިވެ އިނީ އޭނާގެ ދަރިއަކަށެވެ." 

ފިރިމީހާ އާއިމެދު މިފަދަ ވާހަކަތަކެއް އަޑުއިވުމުން އަނގައިން ބުނަންވެސް ނުއެނގިފައި އިންދާ ފިރިމީހާ އައިސް ގެއަށް ވަދެއްޖެއެވެ. އަޅުގަނޑަކަށް ނުހިފެހެއްޓުނެވެ. "އަޅެ ތިއައީ އިންސާނެއް ހެއްޔެވެ؟ ވަޒީފާގައި ގެންގުޅޭ ނިކަމެތިކުދިން ނޫނީ ލަނޑެއް ދޭންވެސް ނުފެނުނީހެއްޔެވެ؟ އަހަރެން ވަރިކޮށްފައި ޖަމީލާ އާއި ކައިވެނިވެސް ކުރެވިދާނެއެވެ. އެކަމަކު ކުރި ފާފަ ނުކުރާކަމަށް ހެދޭނެ ހެއްޔެވެ؟ ތިއަ ދަރިފުޅުގެ ޤާނޫނީ ބައްޕައަކަށް ވެވޭނެ ހެއްޔެވެ؟" 

އެހިސާބަށް ބުނާއިރަށް ރޮމުން ޖަމީލާ ވާހަކަދައްކަން ފެށިއެވެ. "ދައްތާއެވެ. މީނދަ މީހާ ބުނީ ދައްތަ ވަރަށް ބަލިކަމަށާއި ދެއަންތބަށް ކައިވެނިކުރާނެ އަންހެނަކު ހޯދަން ބުނެފައިވާ ކަމަށެވެ. އަހަރެން ދައްތައަށް ޚިޔާނާތްތެރިވީއެއް ނޫނެވެ. ބޭނުންވީ ކައިވެނިކޮށްގެން ދައްތައަށް ޚިދުމަތްކުރަން ދައްތަގެ ގާތުގައި އިންނާށެވެ. ދައްތައަކީ މަންމަ ކަމަށް ބަލައިގެން އުޅޭށެވެ. އޭނާ ހަދަނީ ދޮގުކަން އެނގުނީ ބަލިވެއިނުމުން ދައްކަންފެށި ވާހަކަތައް ތަފާތުވީމައެވެ. މިވާހަކަތައް ދައްތައަށް ކިޔައިދޭނެ ގޮތެއް ވިސްނަމުން ދަނިކޮށް ސުވާލުކުރުމުން އެއްވެސް ދޮގެއް ނުހަދައި މިކިޔައިދިނީއެވެ. މިއީ ތެދުކަމަށް ހުވާކުރަންވެސް މިހުރީ ތައްޔާރަށެވެ." 

ފިރިމީހާ އަނގައިންވެސް ނުބުނެ އިސްދަށަށް ޖަހާލައިގެން އިންނަން ފެށުމުން ބުނީއެވެ. "އަހަރެންގެ ހިތަކު ޖަމީލާއަށް އެއްވެސް ޝަކުވާއެއް ނެތެވެ. އެއީ މައެއް ބަފައެއް ނެތް އެކަނިވެރިކުއްޖެކެވެ. އޭނާއަށް ކުށް ކުރެވުނީ ކަލޭ އެންމެ ބޮޑެތި ދޮގުތައް ހަދައި އޭނާއަށް އޮޅުވައިލީމައެވެ. ދެން އަހަރެންގެ ހުރި ބައްޔަކާ ދެވަނަ އަންތބަކު ހޯދަން ބުނި ދުވަހެއް ބުނަންވީ ނޫންހެއްޔެވެ؟ ތިއަކަހަލަ ފިރިހެނުން ދުވަހަކުވެސް އިޞްލާޙެއް ނުވާނެއެވެ. އިޞްލާޙްވާނެ ނަމަ ހުރިހާ ކަމެއް އަނބިމީހާކޮށްދީގެން ޢިއްޒަތުގައި ގެންގުޅުނީމާ އިޞްލާޙްވީހެވެ. ﷲ ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވީހެވެ. ދެން އެންމެ ރަނގަޅުވާނީ އަވަހަށް މިގެއިން ދިއުމެވެ. ހަމަ މިހާރު މިގެއިންދާށެވެ. ޖަމީލާ މިގޭގައި އަހަރެންގެ ގާތުގައި އިންނާށެވެ. ޖަމީލާ އުންމީދުކުރިގޮތަށް އެކުވެރިއަކަށްވެސް މައަކަށްވެސް ވާނަމެވެ." 

ފިރިމީހާ ވަގުތުން ނެރެލީއެވެ. ދެއަންހެނުން އެކުގައި ދިރިއުޅުނީއެވެ. ދެއަންހެނުން ގުޅިގެން ކުރި މަސައްކަތުން ކުރި ވިޔަފާރީގެ ނަފާއިން މިހާރު ވަނީ އިތުރު ދެފިހާރަ ހުޅުވިފައެވެ. އަދި ދެއަންހެނުންނަށް ހެޔޮލަފާ ދެފިރިންވެސް ވަނީ ލިބިފައެވެ. އިރާދަކުރެއްވިއްޔާ މުޅި އުމުރަށްވެސް އަހަރެމެން އުޅޭނީ އެކުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޖަމީލާއަށް އެކުރެވުނު ފަދަ ކަމެއް ކުރެވުމުން މާފުކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑު އޭނާއަށް މާފުކުރީ ފިރިމީހާ އެފަދަ ބޮޑެތި ދޮގުތަކެއް ހެދުމުން އެފަދަ ކުށެއް ކުރެވިދާނެކަން ޤަބޫލުކުރެވިގެންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ފިރިހެނުން ދައްކާ މިބާވަތުގެ ވާހަކަތަކުގެ ޙަޤީޤަތް ރަނގަޅަށް ބަލާފައި ނޫނީ ޤަބޫލުނުކުރުމަށެވެ. އެމީހުންގެ ވަހުޝީ ބޭނުންތައް ފުއްދަން ނުހަދާނެ ދޮގެއް ނުއޮންނާނެއެވެ. ވީމާ ޙައްލެއް ހޯދޭނީ އަހަރެމެން އަންހެނުން އެކަމަށް ހޭލުންތެރިވެގެންނެވެ. އެހެން މިބުނީ ޖަމީލާއަށް އެމަޅީގައި ޖެހެވުމުގެ ކުރިން އަޅުގަނޑު ގާތު އަހައިލިނަމަ އެބޮޑު ދެރަ އޭނާއަކަށް ނުލިބުނީހެވެ. އެކަމުން ސަލާމަތްވެވުނީހެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ. 

--ފަޒީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން