ފިރިމީހާއަށްވެސް އަދި އަނބިމީހާއަށްވެސް ކައިވެނީގެ ކުރީގެ ސިއްރުތައް ހާމަނުކުރާށެވެ! އެކަމުގަ ހަމައެކަކަށްވެސް އިތުބާރުކޮށްފިނަމަ ގާތީ ފަޟީޙަތްވުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފިރިމީހާއަށްވެސް އަދި އަނބިމީހާއަށްވެސް ކައިވެނީގެ ކުރީގެ ސިއްރުތައް ހާމަނުކުރާށެވެ! އެކަމުގަ ހަމައެކަކަށްވެސް އިތުބާރުކޮށްފިނަމަ ގާތީ ފަޟީޙަތްވުމެވެ!

ކައިވެނި ކުރާ ޙާލަތަށް ނުވަތަ ކައިވެނިކުރާ ޢުމުރަށްދާއިރު އެއްވެސް ކުށެއް ނެތި ސާފުޠޯހިރުކަންމަތީގައި ހުރެވޭނީ ވަރަށް މަދުމީހަކަށެވެ. އަދި ފާފައެއް ނުކުރެވުނަސް ސިއްރު ހިފަހައްތަންޖެހޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ.

އެގޮތުން ކޮންމެ މީހެއްގެވެސް ސިއްރުތަކެއް ހުންނާނެއެވެ. ކުރެވިފައިވާ ކުށްތަކެއްވެސް ހުންނާނެއެވެ. އަދި ކޮންމެހެން ސިއްރުކުރަންޖެހޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެފަދަ ކަމެއްގެ ވާހަކަ ހަމައެއްވެސް މީހަކަށް ކިޔައިނުދޭށެވެ. ކިތަންމެ ގާތް އެކުވެރިއަކަށްނަމަވެސް މެއެވެ. އަދި ކައިވެނީގެ ކުރީގެ އެފަދަ ކަމެއްގެ ވާހަކަ ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށްވެސް ކިޔައިނުދޭށެވެ.

ކިތަންމެ އިތުބާރުކުރެވޭ ކިތަންމެ ގާތް އެކުވެރިޔާ އާއިވެސް އަދި ޙަޔާތުގެ ބައިވެރިޔާއާއިވެސް މައްސަލައެއް ނުޖެހޭނެ ކަމަށް ނުބަލާށެވެ! ކޮންމެ މީހަކާއިވެސް ކޮންމެ ވަގުތަކުވެސް މައްސަލައެއް ޖެހިދާނެއެވެ! ޚިޔާލުތަފާތުވެ ދެބަސްވާން ޖެހިދާނެއެވެ.

އެފަދަ ޙާލަތެއް ކުރިމަތިވުމުން ގިނަ ފަހަރަށް އޮންނާނީ ސިއްރުތައް ހާމަކުރެވިފައެވެ. ކުރިން ދެމީހުންގެ މެދުގައި އޮތް ގާތްގުޅުމުގެމަތިން ހަނދާންކުރާނީ ވަރަށް މަދުމީހެކެވެ. ގިނަ މީހުން ބޭނުންވާނީ ސިއްރުތައް ހާމަކޮށް އަނެކާ ފަޟީޙަތްކޮށްލާށެވެ! ބޭޒާރުކޮށް އަގުވައްޓައިލާށެވެ!

ވީމާ އެބާވަތުގެ ކަންކަމުގައި އެއްވެސް މީހަކަށް އިތުބާރުނުކުރާށެވެ! އެކަންކަމަކީ ހަމައެކަނި ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ ސިއްރަށް ހަދާށެވެ! ފާފައެއް ކުރެވިފައިވާނަމަ އޮތީ ތައުބާވުމެވެ! ތައުބާވާންވެސް، ފާފަފުއްސަވައިދެއްވެވުން އެދިވެސް ދަންނަވަން ޖެހޭ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. ތައުބާވާންވެސް ފާފަފުއްސަވައިދެއްވެވުން އެދި ދަންނަވަންވެސް އެއްވެސް މީހެއްގެ އެހީތެރިކަމަކަށް ބޭނުމެއް ނުވާނެއެވެ! އެއީ ހަމަ ސީދާ ތިބާ އާއި ﷲ ތަޢާލާއާއި ދެމެދުގައި ކުރެވޭ މުޢާމަލާތެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން