ތިބާ ރޯދަހިފީ އިޚްލާޞްތެރިކަމާއެކު ކަމުގައިވާނަމަ މާޔޫސް ނުވާށެވެ! ކުރި ހުރިހާ ދުޢާ އިޖާބަ ކުރައްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތިބާ ރޯދަހިފީ އިޚްލާޞްތެރިކަމާއެކު ކަމުގައިވާނަމަ މާޔޫސް ނުވާށެވެ! ކުރި ހުރިހާ ދުޢާ އިޖާބަ ކުރައްވަވާނެތެވެ! އިން ޝާ ﷲ

ރަމަޟާން މަހު އިޚްލާޞްތެރިކަމާއިއެކު ރޯދަހިފި އަޅުން ވަނީ ކާމިޔާބީ ޙާޞިލުކޮށްފައެވެ. އެއީ ޝައްކުކުރަން އޮތް ކަމެއް ނޫނެވެ. އެހެނީ ރަމަޟާން މަހަކީ ކާމިޔާބީގެ މައްސަރެވެ. އެމީހަކު މަސައްކަތްކުރިވަރަކަށް އެމީހަކަށް ކުރިއެރުން ދެއްވަވާނެތެވެ. އިން ޝާ ﷲ

ރަމަޟާން މަހަކީ ރޯދަހިފައި، އެހެން އަޅުކަންތައްވެސް ކުރުން ގިނަކުރުމާއިއެކު ވަރަށް ގިނަ ދުޢާތައް ކުރެވޭ މަހެކެވެ. އެހެންކަމުން ކުރި ހުރިހާ ދުޢާތަކެއް މަސްނިމޭއިރަށް ޢިޖާބަ ނުކުރައްވަވައިފިނަމަ ކަންބޮޑުވާ ބައަކު އުޅެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ކަންބޮޑުވެގެން އުޅެން އަދިމާއަވަހެވެ.

ތިބާ އިޚްލާޞްތެރިކަމާއިއެކު ފާއިތުވި ރަމަޟާން މަހު ރޯދަ ހިފިން ހެއްޔެވެ؟ ރަމަޟާން މަހު ކުރަންޖެހޭ އެހެނިހެން އަޅުކަން ކުރިނެހެއްޔެވެ؟ ފަހު ދިހަ ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތްކުރިން ހެއްޔެވެ؟ އެކަންކަން އެނގޭނީ ހަމަ ތިބާއަށެވެ! ދެން އެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

އެހެންކަމަށްވާނަމަ ރަމަޟާން މަހު ތިބާ ކުރި ހުރިހާ ދުޢާތަކެއްވެސް ﷲ ތަޢާލާ އިޖާބަ ކުރެއްވެވި ކަމުގެ ޔަޤީންކަމާއިއެކު ހުންނާށެވެ! ރޯދަވެރިން ކުރާ ދުޢާ ﷲ ތާޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށެއް ނުލައްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ﷲ ތައާލާގެ ޙަޟްރަތުން އެދުނު ބައެއް ކަންކަން އިޖާބްކޮށްދެއްވެވިކަން ތިބާއަށް އެނގުން ފަހަރެއްގައި ތިބާ އުންމީދުކުރާ ވަރަށް ވުރެ ލަސްވެދާނެއެވެ. އެހެނީ އެކަން ތިބާއަށް އެނގޭނީ ތިބާއަށް އެންމެ ފައިދާ ހުރި ވަގުތުގައެވެ. އެ ވަގުތު ތިބާއަށްވުރެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ.

ރަމަޟާން މަހަށް ފަހު އަޅުކަންކުރުމާއި ދުރުހެލިނުވާށެވެ! ކަންނެތް ނުވާށެވެ! ރަމަޟާން މަސް ނިމެންދެން ދުނިޔޭގައި ލަހައްޓަވައި ދެއްވަވައި ރަމަމާން މަހުގެ ސަވާބާއި ދަރުމަ ހޯދަން މަސައްކަތް ކުރުމުގެ ފުރުޞަތު ދެއްވެވި ކަމަށްޓަކައި ޝުކުރުވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން