އަނބިންނަށް އަނިޔާވެރިވުމާ ދަރިންނަށް ޚަރަދުނުކުރުމަކީ އަނިޔާވެރިކަމުގެ އެންމެ މަތީ ދަރަޖައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
އަނބިންނަށް އަނިޔާވެރިވުމާ ދަރިންނަށް ޚަރަދުނުކުރުމަކީ އަނިޔާވެރިކަމުގެ އެންމެ މަތީ ދަރަޖައެވެ!

ކޮންމެ ކަމެއްގައިވެސް ދަރަޖަތަކެއް ހުންނާނެއެވެ. އެގޮތުން ބަލައިފިނަމަ އަނބިންނަށް އަނިޔާވެރިވުމާ ދަރިންނަށް ޚަރަދުނުކުރުމަކީ އަނިޔާވެރިކަމުގެ އެންމެ މަތީ ދަރަޖައެވެ! ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ އަނބިންނަށް ހެޔޮކޮށް ހިތުމަށެވެ. ދަރިންނަށް ޚަރަދުކޮށް އަދި އެދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށެވެ.

ލިބޭ މިންވަރަކުން އެދަރިންނަށް ޚަރަދުނުކޮށް އަދި އެދަރިން ބަލައި ތަރުބިއްޔަތުކުރަން އިންނަ މައިމީހާއަށް، ތިމާގެ އަނބިމީހާއަށް އަނިޔާވެރިވާނަމަ އަހުރެން ބުނާނީ އެމީހަކު އެދަނީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ކަމަށެވެ.

މީސްތަކުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއިއެކު އަނބިދަރިންވެސް ހިމެނޭ ގޮތަށް ވަކިމީހަކަށް ބެލުމެއް ނެތި އަނިޔާވެރިވުން މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ތިމާކުރަން ބޭނުންވާ ކަމަކަށް ހުރަސް އަޅާނަމަ އެމީހަކު ދުނިޔެއިން ނައްތާލަން ފަސްނުޖެހޭ މީހުން ދަނީ ގިނަވަމުންނެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ.

އިސްލާމީ ތާރީޚަށް ބަލާށެވެ! ސުލައިމާންގެފާނު ހިނިތަކަށްވެސް ރައްކައުތެރިކަން ފޯރުކޮށްދެއްވެވިއެވެ. އެވަރުގެ ކުޑަކުޑަ ދިރޭ އެއްޗަކަށްވެސް އަނިޔާވިއަ ނުދެއްވެވުމަށްޓަކައެވެ.

"(ދެން لشكر އާއިގެން) ހިނީގެ وادى އަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمان ގެފާނާއި، އެކަލޭގެފާނުގެ لشكر ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ."

(އަންނަމްލް: 18)

"ފަހެ (سليمان ގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" (އަންނަމްލް: 19)

 

މިއަދުވެސް ދުނިޔޭގައި މިތިބީ ހަމަ ﷲ ތަޢާލާއަށް އީމާންވެގެން ތިބި މުސްލިމުންނެވެ. ނަމަވެސް މިއަދު އެގެންދަނީ އެކަމަކަށް ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ ކަންކަމުގެ ތެރޭގައި ހިމެނޭ އިންސާނުން މެރުމުމުގެ އަމަލުތައް ހިންގަމުންނެވެ. ޤަތުލްޢާންމު ހިންގަމުންނެވެ.

ބިރުވެރިކަމުން ފުރިގެންވާ ދުވަހު ބިރުން ތުރުތުރު އަޅާ ހުންނަން ޖެހޭނެ ހާލަތުން ސަލާމަތް ވެވޭނީ އަނިޔާކުރުމުން ދުރުހެލިވެގެންނެވެ. ބަލަންވީ މީހާގެ ޤައުމަށާއި ނަސަބަށާއި ގައިގެކުލައަކަށް ނޫނެވެ. އަދި އެމީހެއްގެ ދީނަކަށްވެސް ނޫނެވެ. ބަލަންވީ އެއީ ވެސް ތިމާ ފަދައިން ދިރި ދުނިޔޭގައި ހުންނަން ބޭނުންވާނެ އިންސާނެއް ކަމެވެ.

ނިކަން ވިސްނައިލަބަލާށެވެ! ވަރަށް އާދައިގެ ކަންކަމުގައި ޚިޔާލު ތަފާތުވެ ޢާއިލާގެ އެކަކު އަނެކަކު މަރައިލާ ހިސާބަށް ކަންކަން އެބަގެންދެއެވެ. އަނބިދަރިން އެބަ މަރައެވެ. މިފަދަ އަމަލުތައް ކުރާއިރު ހަމަ އެކަކުވެސް ސުލައިމާނުގެފާނުގެ ކިބައިން ދަސްކުރަން ޖެހޭ ފިލާވަޅާއިމެދު ކުޑަކޮށް ނަމަވެސް ވިސްނައިލާ ބާވައެވެ! ވިސްނައިލާ ނަމަ އެއްވެސް މީހަކު އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ.

ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތަކީ ހަމައެކަނި ކިޔައިލާ ވާހަކަތަކަކަށް ނުހަދާށެވެ! އެވާހަކަތަކުން ލިބިގަންނަން ޖެހޭ ޢިބްރަތް ލިބިގަންނާށެވެ. މިފަދަ ވާހަކަތައް ބަޔާންވެގެންވަނީ އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކޮށް ފިލާވަޅުތައް ލިބިގަތުމަށެވެ. އަމަލުކޮށް ނަރަކައިން ސަލާމަތްވުމަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން