ތުއްތު ދަރިފުޅަށް މަންމައާ ބައްޕަގެ ހޫނު ބޭނުންވޭ! ވިހެއުމުން 1 މަސްވަންދެން ފިރިމީހާގެ އެހީތެރިކަން ލިބޭ އަނބިންގެ ޞިއްޙަތު ރަނގަޅުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތުއްތު ދަރިފުޅަށް މަންމައާ ބައްޕަގެ ހޫނު ބޭނުންވޭ! ވިހެއުމުން 1 މަސްވަންދެން ފިރިމީހާގެ އެހީތެރިކަން ލިބޭ އަނބިންގެ ޞިއްޙަތު ރަނގަޅުވޭ!

ވިހެއިންސުރެ ފިރިމީހާ އުޅެނީ ބީރައްޓެއްސެއް ފަދައިންނެވެ. ގެއަށް ވަންނަނީވެސް ވަރަށް މަދުންނެވެ. ދަރިފުޅަށް ލޯބިދޭން އެއްވެސް ކަމެއް ނުކުރެއެވެ. އުރާލަނީވެސް އާދޭސްކުރުމުންނެވެ.

އަޅުގަނޑުގެ ސުވާލަކީ އެކަމުގެ އަސަރު ތުއްތު ދަރިފުޅަށް ނުކުރާނެތޯއެވެ؟

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ގޮތަށް ޢަމަލުކުރާ މީހުންވެސް އުޅެއެވެ. މިހާރަކަށް އައިސް ތިއަގޮތާއި ޚިލާފަށް ޢަމަލުކުރާ ބައްޕައިން (ފިރިން) ވެސް އަންނަނީ އިތުރުވަމުންކަންވެސް ފާހަގަކުރެވެއެވެ.

ތިއަ ގޮތަށް ފިރިކަލުން ޢަމަލުކުރައްވާނަމަ އެއީ ވަރަށް ދެރަ ކަމެކެވެ. ތިރީގައިވާ ލިޔުން ފިރިކަލުންނަށް ޙިއްޞާކޮށްލައްވާށެވެ! ވިސްނިލައްވައި ބަދަލުވުމަކީ ވަރަށް ގާތް ކަމެކެވެ. އިން ޝާ ﷲ

އަހަރެމެންގެ ތެރޭގައި އަބަދުހެން ދެކެވެނީ ވިހެއުމުން އަނބިމީހާގެ ކަންކަމަށް ބަދަލުއަންނަ ވާހަކަތަކެވެ. ޞިއްޙަތު ދެރަވާ ވާހަކައެވެ. ސިފައަށް ބަދަލުތައް އަންނަ ވާހަކައެވެ. އެހެންކަމާއިއެކުގައިވެސް މައްސަލައިގެ ސަބަބުތަކަށް ސަމާލުކަން ދެވޭ ހެއްޔެވެ؟

ވިހެއުމުން މަސް ދުވަސް (ވިހާތާ 1 މަސް) ވަންދެން އަނބިންނަށް އެހީތެރިވާން ގޭގައި ފިރިން ތިބޭނަމަ އަނބިންގެ ޞިއްހަތު ރަނގަޅުވާ ކަމަށް ދިރާސާއަކުން އަކުން ވަނީ ދައްކައިފައެވެ. މިހެން ބުނުމުން އެއިގެ މާނައަކީ ޗުއްޓީ ނުލިބޭނަމަ މަސައްކަތް ނުކޮށް ވަޒީފާއިން ވަކިވުމެއް ނޫނެވެ. ވެވުނުހައި ގިނަ ވަޤުތު އަނބިމީހާއާއިއެކުގައި ހޭދަކުރުމެވެ.

ސްވިޑްގައި ޢާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ވިހެއުމަށްފަހު މައިންނަށް އަރާމުކުރާނެ ވަގުތު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ފިރިންގެ އެހީތެރިކަން ލިބިގެން ނޫނީ މައިންނަށް އަރާމު ނުކުރެވޭނެ ކަމަށެވެ.

މި ދިރާސާ އާއި ގުޅިގެން ޑރ. މެތިޔު ވިދާޅުވެފައިވަނީ ކުއްޖާގެ އެންމެ ލަފަތުގައި މައިންގެ ގައިގެ ހޫނުގެ އިތުރުން ބައްޕަގެ ގައިގެ ހޫނުވެސް ވަރަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ވީހައި ގިނަ ވަގުތު ދެމަފިރިންގެ ހޫނު ދަރިފުޅަށް ލިބޭނެ ގޮތަށް މެދުގައި ދަރިފުޅު ބާއްވައިގެން ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ނިކަން ބުނެބަލާށެވެ! މިފަދަ ވާހަކަތައް ދެކެވޭތޯއެވެ؟ ނުދެކެވޭނަމަ އަވަހަށް ދައްކަން ފަށަމާ ހިނގާށެވެ! ޢަމަލުކުރަންވެސް ފަށަމާ ހިނގާށެވެ!

 

މިއަދު އޮންލައިން