ކުރާ ހެޔޮ އަމަލުތައް ފުރިހަމައަށް ކުރާނަމަ އެމީހަކަށް ކުރިމަތިވާ ހުރިހާ ކަންބޮޑުވުންތައް ﷲ ޙައްލުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކުރާ ހެޔޮ އަމަލުތައް ފުރިހަމައަށް ކުރާނަމަ އެމީހަކަށް ކުރިމަތިވާ ހުރިހާ ކަންބޮޑުވުންތައް ﷲ ޙައްލުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ

އިންސާނުންނަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އަދި ކުރަން ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް ނުކުރެވޭނެ ކަންތައްތަކެއްވެސް ވަނީ ކަނޑައަޅުއްވަވައިފައެވެ. އެއިން ކަމެއް ކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކާމިޔާބުކުރެވޭނީ ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވެވެވިނަމައެވެ. 

ވީމާ ސަމާލުކަންދޭންވީ އެމީހަކަށް ދެއްވަވާފައިވާ އިޚްތިޔާރުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. އަހަރެމެންނަށް އޮތީ ކުރާ ކޮންމެ އަމަލެއް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ކުރުމެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ހެޔޮ އަމަލުކުރުންމަތީގައި ދެމިތިބުމެވެ. އެގޮތުގައި ދެމި ތިބޭނަމަ އެ މީހެއްގެ މުސްތަޤްބަލުގައި ކުރިމަތިވާނެ ކަންކަން ﷲ ތައާލާ މިންވަރު ކުރައްވަވާނީ އެމީހަކަށް އެންމެ ފައިދާހުރި ގޮތުގައެވެ. 

އެކަމުގެ ޔަޤީންކަން ހިތުގައި ބާއްވައިގެން ދިރިއުޅޭ މީހަކު މާދަމާ ކަންތައްތައް މެދުވެރިވެދާނެ ގޮތަކާއިމެދު ބިރެއް ނުގަންނާނެއެވެ. 

ހަޔާތުގައި ދެން ކުރިމަތިވެދާނެ ކަންކަމަށް ވިސްނަން ވަގުތު ބޭކާރު ނުކުރާށެވެ! ވާންހުރި ކަންކަން ﷲ ތައާލާއަށް ވަކީލުކުރާށެވެ! އެހެނީ ކުރިމަތިވެދާނެ ކަންކަމަށް ބިރުގަނެ ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް ކުރިމަތިވާނެ ކަންކަމެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތާޢާލާއެވެ. ކުރިމަތިވާން ހުރި ކަމެއް ކުރިމަތިނުވާނެ ގޮތެއް ނުހެދޭނެއެވެ. 

ތިމާއަށް ލިބޭ އާމްދަނީން މަހުގެ ޚަރަދުތައް ހަމަ ޖައްސާނެ ގޮތާއިމެދު ވިސްނުމަކީ އޮތް ކަމެކެވެ. ނަމަވެސް ދެކޮޅު ނުޖެހިދާނެތީ ކަންބޮޑުވެ ތެޅިފޮޅުމެއް ނެތެވެ. ބަލިތަކުން ސަލާމަތްވެ ހުރުމަށް މަސައްކަތްކުރަންވާނެއެވެ. ނަމަވެސް ބަލިވެދާނެތީ ބިރުން އުޅުމެއް ނެތެވެ. 

ދިހަ ބާރަ ފިނޭންޝަލް އެޑްވައިޒަރުން ލައިގެން މަސައްކަތްކުރާ ބޮޑެތި ކުންފުނިތައް ބަނގުރޫޓެއް ނުވޭ ހެއްޔެވެ؟ ކިތަންމެ ވަރަކަށް ޞިއްހަތަށް ބަލައިގެން އުޅުނު ނަމަވެސް ބަލި ނުވަނީ ހެއްޔެވެ؟ 

ވީމާ ވަގުތު ހޭދަކުރަންވީ ބޭކާރު ކަންކަމަށް ވިސްނުމަކަށް ނޫނެވެ. އެދުވަހު ތިމާ ކުރާ ހެޔޮ އަމަލުތައް ވީހައި ފުރިހަމައަކަށް ކުރުމަށެވެ. އަދާކުރަންޖެހޭ ފަރުޟުތައް ވީހައި ފުރިހަމައަކަށް އަދާކުރުމަށެވެ. އާޚިރަތް ލިބޭނީ ވެސް އަދި ދުނިޔެ ލިބޭނީވެސް އެއިރުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން