ޢުޛުރެއް އޮވެގެން ނަމަވެސް ޝައްވާލުމަހުގެ ހަރޯދަ ޝައްވާލުމަހުގައި ނުހިފިއްޖެނަމަ ފަހަކުން ނުހިފޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ޢުޛުރެއް އޮވެގެން ނަމަވެސް ޝައްވާލުމަހުގެ ހަރޯދަ ޝައްވާލުމަހުގައި ނުހިފިއްޖެނަމަ ފަހަކުން ނުހިފޭނެ!

ޝައްވާލު މަހުގެ ހަ ރޯދައަކީ ސުންނަތް ރޯދަތަކެކެވެ. އެއީ ވާޖިބެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

((مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْر (([رواه مسلم 204 – (1164)].

މާނައީ: "ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ." 

އިސްވެ ބަޔާންވެ ދިޔަ ޙަދީޘުން އެނގެނީ ޝައްވާލު މަހުގެ ހަ ރޯދަ ވިދިވިދިގެންވެސް އަދި ވަކިވަކިންވެސް ހިފިދާނެކަމެވެ. އަދި އެކަމަށް އަވަސްވެގަތުން މޮޅުއިތުރުވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ﴾ [سورة طه ٨٤]

މާނައީ: "އިބަ އިލާހުގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަ އިލާހު (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ." 

އަދި އެނޫނަސް، ކީރިތި ޤުރުއާނާއި ޙަދީޘްބަސްފުޅުތަކުގައި ބާރު އަޅުއްވާފައިވަނީ ހެޔޮކަންކަމަށް އަވަސްވެ ގަތުމަށެވެ. އަދި މި ސުންނަތުގައި ދާއިމުވުމަކީ ވާޖިބެއް ނޫނެވެ. އެހެނަސް މި ސުންނަތް ޙާޞިލުކުރުމަކީ އެންމެ މޮޅު އިތުރުގޮތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«أَنَّ أَحَبَّ الْعَمَلِ إِلَى اللهِ أَدْوَمُهُ وَإِنْ قَلَّ» [رواه مسلم 78 – (2818)]

މާނައީ: "ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކިތަންމެ މަދުން ވިޔަސް ދާއިމަށް ކުރެވޭ ޢަމަލެވެ." 

ޝައްވާލުމަސް ނިމުމުން ޝައްވާލު މަހުގެ ސުންނަތް ރޯދަތައް ހިފުމަކީ ޝަރުޢުކުރައްވާފައިވާކަމެއް ނޫނެވެ. އެހެނީ އެވަނީ ސުންނަތެއް އަދާކުރުމުގެ ވަގުތު ފާއިތުވެފައެވެ. އެއީ ޢުޛުރެއް އޮވެގެން ފާއިތުވިޔަސް ނުވަތަ ޢުޛުރެއްނެތި ފާއިތުވިޔަސްމެއެވެ.

والله ولي التوفيق. 

الشيخ عبد العزيز بن عبد الله بن باز رحمه الله 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން